ސިނަމާގައި ގައުމީ ސަލާމް ޖެހުމަށް ސުޕްރީމް ކޯޓުން އަންގައިފި

އިންޑިއާގެ ސިނަމާތަކުގައި ފިލްމް ފެށުމުގެ ކުރިން ގައުމީ ސަލާމް ޖެހުމަށް އިންޑިއާގެ ސުޕްރީމް ކޯޓުން މިއަދު އަމުރު ކޮށްފިއެވެ.
އެގައުމުގެ ސުޕްރީމް ކޯޓުން ކުރި އަމުރުގައި ބުނެފައިވަނީ ފިލްމް އަޅުވާ ކޮންމެ ތިއޭޓަރެއްގައި ވެސް ފިލްމް ފެށުމުގެ ކުރިން އިންޑިއާގެ ގައުމީ ސަލާމް ޖެހުމަކީ ލާޒިމް ކަމެއް ކަމަށެވެ. އަދި ގައުމީ ސަލާމް ޖެހޭ ވަގުތު އެ ތިއޭޓަރެެއްގައި ހާޒިރުވެ ތިބި މީހުން ގައުމީ ސަލާމަށް ކޮޅަށް ތެދުވެ އިހްތިރާމް އަދާކުރަން ޖެހޭނެ ކަމަށް ވެސް އަމުރުގައި ވެއެވެ.
ސުޕްރީމް ކޯޓުން ބުނީ ގައުމީ ސަލާމް ޖެހުމުގައި އެއްވެސް ފަރާތަކުން އިޝްތިހާރުކޮށްގެން ނުވާނެ ކަމަށާއި އެއްވެސް ބޭކާރުތަނެއްގައި ގައުމީ ސަލާމް ޕްރިންޓްކޮށް ދައްކައިގެން ނުވާނެ ކަމަށެވެ.
ސުޕްރީމް ކޯޓުން ވަނީ މި އަމުރު އާންމުނަށާއި ތިއޭޓަރ ހޯލްތަކުގެ ވެރިންނަށް ފެންނާނެހެން ކޮންމެ ސްޓޭޓެއްގައި އަމުރު ދައުރު ކުރުވުމަށް ކައުންސިލްތަކަށް އަންގާފައެވެ.
ރިޕޯޓުތަށް ބުނާ ގޮތުން އިންޑިއާގެ ސުޕްރީމް ކޯޓުން މިއަމުރު ނެރުނީ އިންޑިއާގެ އެކި ހިސާބުތަކުގައި އެގައުމުގެ ގައުމީ ސަލާމަށް ދޭނެޖެހޭ އިހްތިރާމް ފަނޑުވަމުން ދާތީ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ