އޯޓިޒަމް ކުދިންނަށް ޚާއްޞަ ސްކޫލް އަންނަ އަހަރު ނިމޭނެ: އިފްހާމް

އޯޓިޒަމް ހުންނަ ކުދިންނަށް ޚައްޞަކޮށްގެން ހުޅުުމާލޭގައި އަޅާ ސްކޫލް އަންނަ އަހަރު ނިމޭނެ ކަމަށާއި އެ ސްކޫލު ނިމި ޚިދުމަތްދޭން ފެށުމުން މިހާރު ކުރިމަތިވެފައިވާ ޖާގައިގެ މައްސަލަތައް ޙައްލުކުރެވޭނެ ކަމަށް އޯޓިޒަމް އެސޯސިއޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އިފްހާމް ޙުސައިން ވިދާޅުވެއްޖެއެވެ.
އޯޓިޒަމް ހުންނަ ކުދިންނަށާއި ޢާއިލާތަކަށް ޚާއްޞަކޮށްގެން މިއަދު ހެނދުނު ކުޑަކުދިންގެ ބަގީޗާގައި ބޭއްވި ހެނދުނުގެ ނާސްތާގައި ވާހަކަފުޅު ދައްކަވަމުން އިފްހާމް ވިދާޅުވީ އޯޓިޒަމް އެސޯސިއޭޝަން ފެށިގެން އައީ މީގެ 6 އަހަރު ކުރިން އެންމެ 4 ކުދިންނާއި އަދި 2 ޓީޗަރުންނާއިއެކުގައި ކަމަށެވެ.، ނަމަވެސް ކުދިންގެ އަދަދު އިތުރުވުމުގެ ސަބަބުން ޚިދުމަތް ދިނުމަށް ކުރިމަތިވާ އެންމެ ބޮޑު އެއް ދަތިކަމަކީ ޖާގައިގެ ދަތިކަން ކަމަށެވެ.
"ކުދިންގެ އަދަދު އިތުރުވީމާ އެކަށީގެންވާ ވަރަށް އަޅައިލުމެއް ނުދެވޭ. އެއީ ޖާގައިގެެ ދަތިކަމުން." އިފްހާމް ވިދާޅުވީ އޯޓިޒަމް އެސޯސިއޭޝަނުން ބޭނުންވަނީ އެއެސޯސިއޭޝަނުގައި ރަޖިސްޓްރީކޮށްފައިވާ ކުދިންނާއި އެހެން ކުދިންވެސް އެކުގައި ކަންތަން ކުރަން ކަމަށެވެ. އެހެންކަމުން މިފަދަ ނާސްތާއެއްގެ ތެރެއިން ނަމަވެސް ހުރިހައި ކުދިންނާއި ޢާއިލާތައް އެއްތަނަކުން ފެނިވަޑައިގަތުމަކީ ވަރަށް ބޮޑަށް އުފާފުޅު ކުރައްވާ ކަމެއް ކަމަށެވެ.
އިފްހާމް ވިދާޅުވީ އޯޓިޒަމް ހުންނަ ކުދިންގެ ތެރޭގައި ވަރަށް ހުނަރުވެރި ކުދިން އެބަތިބި ކަމަށާއި ޖެހެނީ އެކުދިންގެ ހުނަރުތައް ދެނެގަނެ އެ ހުނަރުތައް އިތުރަށް ތަރައްޤީކުރަން މަސައްކަތްކުރަން ކަމަށެވެ. "ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ކަންކަމުގައި އޯޓީޒަމް ހުރި ފަރާތްތައް އެބަތިބި ސައިންޓިސްޓުންނާއި ތަފާތު ކަންކަމުގަ. މިސާލަކަށް ޓެމްޕަލް ބްރެންޑިން. މެސީ. މިފަދަ ބޭފުޅުން މިފަދަ ބޭފުޅުންނަށް ވެފައި މިވަނީ ޓީޗަރުންނާ ބެލެނިވެރިން އެމީހުންގެ އަތުގައި ހިފައި އެހިސާބަށް ގެންދިއުމުން. އެކުދިންގެ ހުންނަ ނުކުޅެދުންތެރިކަން ފިލައިގެނެއް ނުދާނެ. ނަމަވެސް ހުރި ނުކުޅެދުންތެރިކަމާއިއެކު އެކުދިން އެ ހިސާބަށް އެބަ ގެންގޮސްދެވޭ."
އިފްހާމް ވަނީ މިފަދަ ކަންކަން ނަމޫނާއަށް ބަލައިގަނެ އެންމެން ގުޅިގެން އޯޓިޒަމް ހުންނަ ކުދިންގެ މުސްތަޤްބަލް އުޖާލާކުރަން މަސައްކަތް ކުރަން ފެށުމަށް ގޮވާލައްވައިފައެވެ.
ނުކުޅެދުންތރިކަން ހުންނަ ކުދިން ގޮވައިގެން މަގުމައްޗަށް ނުކުތުމުން އެހެން މީހުން، ބަލަން ނުޖެހޭ ގޮތްގޮތަށް ބެލުމުން ކުދިންނަށާއި ބެލެނިވެރިންނަށް ލިބޭ މާޔޫސްކަން އިފްހާމް ވަނީ ފާހަގަ ކުރައްވައިފައވެެ. "މިފަދަ ކުދިންނަކީ ބައެއް ހާލަތްތަކުގައި ތަފާތު ޙާލަތްތައްް މެދުވެރިވާ ބައެއް. ނަމަވެސް އެކުދިންވެސް މަގުމައްޗަށް ނެރެން އެބަޖެހޭ. އެހެންވީމާ މިކުދިންނަށްވެސް މާހައުލުގަ އުޅެން ފުރުޞަތު ދެއްވުމަށް މިގޮވާލަނީ."
އޯޓިޒަމް ހުންނަ ފަރާތްތަކަށާއި އެފަރާތްތަކުގެ ޢާއިލާތަކަށް މިދިއަ އަހަރުވެސް އަދި މިއަހަރުވެސް ހެނދުނުގެ ނާސްތާ އިންތިޒާމުކޮށްދީފައިވަނީ ހިލޭ ސާބަހަށް ސިމްފަނީ ރެސްޓޯރަންޓުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ