މުޅި ލަންކާއިން ކަރަންޓު ކެނޑުނީ ބަޔަކު ކުރިކަމަކުން ކަމަށް ވެދާނެތީ ސިފައިން ނެރެފި
މުޅި ސްރީލަންކާއިން އިއްޔެ ކަރަންޓް ކެނޑުނު ހާދިސާއަކީ ބަޔަކު ގަސްދުގައި ކުރި ކަމަކަށް ވެދާނެތީ، އެފަދަ ދެވަނަ ހާދިސާއެއް ހިނގިޔަ ނުދިނުމުގެ ގޮތުން ސްރީލަންކާ ސަރުކާރުން އެގައުމުގެ ސިފައިން ނެރެފިއެވެ. ސްރީލަންކާގެ ކޮލަމްބޯ ގެޒެޓް ނޫހުން ބުނީ، ލަންކާގެ ނެޝަނަލް ޕަވާ ގްރިޑާ ގުޅިފައިވާ މުހިއްމު ތަންތަނުގެ ސަލާމަތީ ކަންތައްތައް ބެލެހެއްޓުމަށް އެގައުމުގެ ރައީސް މައިތިރިޕާލާ ސިރިސޭނާ އަމުރުކުރައްވާފައިވާ ކަމަށެވެ. އިއްޔެ މެންދުރު ފަހު 2.15 ގައި މުޅި ލަންކާއިން ކަރަންޓް ކެނޑުމަށް ފަހު ކަރަންޓް އަލުން ލިބިފައި ވަނީ އޭގެ އަށް ގަޑިއިރު ފަހުންނެވެ. ސްރީލަންކާއަށް ކަރަންޓްގެ ހިދުމަތްދޭ ސިލޯން އިލެކްޓްރިސިޓީ ބޯޑް ( ސީއީބީ) އިން އިއްޔެ ބުނީ އެގައުމުން އިއްޔެ ކަރަންޓް ކެނޑުނީ ބިޔަގަމާ ރިޝީވިން ސެންޓަރުގައިވާ ޓްރާންސްފޯމަރެއްގައި ގޮވުމެއް ގޮވައިގެން ކަމަށް ބެލެވޭ ކަމަށެވެ. އިއްޔެ ހިނގި އެހާދިސާއާ ގުޅިގެން ކަރަންޓް އުފައްދާ ބޮޑެތި ހުރިހާ ޕްލާންޓްތަކެއް ހުއްޓުމަކަށް ގެނައެވެ. އެހެންވެ، އެގައުމުގައި ކުރިއަށް އޮތް ހަފުތާއެއްހާ ދުވަހު ކަރަންޓް ކެނޑުމުގެ ދަތިތަކާ ކުރިމަތިވާނެ ކަމަށް ވަނީ ބެލެވިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ