ކެނޯއެއްގައި ކުޅުދުއްފުއްޓަށް އަރަން އުޅުނު ދެ މީހަކު ހައްޔަރުކޮށްފި

މުޅު ރާއްޖެއަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައި ވަނިކޮށް ހުއްދަ ނެތި ކެނޯއެއްގައި ހދ. ކުރިނބިން އެ އަތޮޅު ކުޅުދުއްފުއްޓަށް އަރަން އުޅުނު ދެ މީހަކު ރޭ ހައްޔަރުކޮށްފިއެވެ.
ފުލުހުން ވިދާޅުވީ، މި މީހުން އެރަަށަށް ކެނޯއެއްގައި އަރަން ދިޔައީ ރޭގެ ވަގުތެއްގައި ކަމަށެވެ. އަދި އެ ދެ މީހުން ހައްޔަރުކުރީ ކުޅުދުއްފުށި އެއާޕޯޓު ސަރަހައްދުން ކަމަށް ފުލުހުން ވިދާޅުވިއެވެ.
އެމީހުން ހައްޔަރުކުރީ ރޭ 23:30 އެހާއިރުއެވެ. ފުލުހުން ވިދާޅުވިގޮތުގައި، މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 28 އަހަރުގެ މީހަކާއި 21 އަހަރުގެ މީހެކެވެ. މިއީ ދިވެހި ދެ ފިރިހެނުންނެވެ.
ފުލުހުން ދަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.
މާލެ ސިޓީން ކޮވިޑް-19 ފެނުމާއި ގުޅިގެން މާލެ ފުރަބަންދުކޮށް، ރާއްޖޭގެ ރަށްތަކަށް މީހުން އަރާ ފޭބުން ވަނީ މަނާކޮށްފައެވެ. އަދި މިިިގޮތަށް ރަށްތަކަށް އަރަން ދާ ފަރާތްތައް މީގެ ކުރިންވެސް ވަނީ ހައްޔަރުކޮށްފައެެވެ. މިގޮތަށް އެރަށުން އަނެއް ރަށަށް ކުރެވޭނީ އެޗްޕީއޭ އާއި ރަށްރަށުގެ ކައުންސިލްތަކުގެ ހުއްދަ ލިބިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ