ނޭޕާލާއި ބަގްލެދޭޝްގައި ތިބި ދަރިވަރުން މާލެ ގެންނަނީ

ނޭޕާލް އަދި ބަންގްލަދޭޝްގައި ކިޔަވަން ތިބި ދިވެހި ދަރިވަރުންގެ ތެރެއިން ރާއްޖެއަށް އައުމަށް ސަރުކާރުގެ އެހީތެރިކަމަށް އެދިފައިވާ ދަރިވަރުން ރާއްޖެއަށް ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.
އެދަރިވަރުން ރާއްޖެ ގެންނަން ނިންމާފައިވަނީ މިމަހު 20 ވަނަ ދުވަހު އެވެ. މީގެ ތެރޭގައި ހިމެނެނީ ނޭޕާލުން އަންނަ 18 ދިވެހިންނާއި، ބަންގްލަދޭޝްއިން އަންނަ 51 ދިވެހިންނެވެ.
މިކަމަށް މަގުފަހިކުރުމަށްޓަކައި ބަންގްލަދޭޝްގެ ސަރުކާރާ ދިވެހި ސަރުކާރާ ދެމެދު ގިނަ މަޝްވަރާތަކެއް ވަނީ ކުރެވިފައެވެ. އަދި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، ބަންގްލަދޭޝްގެ ފޮރިން މިނިސްޓަރަށް ދެ ފަހަރެއްގެ މަތިން ގުޅުއްވައި، މަޝްވަރާ ކުރައްވާފައިވެއެވެ.
މި ކުދިން ރާއްޖެއަށް ގެންނަނީ ދިވެހި ސަރުކާރާ ބަންގްލަދޭޝްގެ ސަރުކާރާއެކު ކުރެވުނު މަޝްވަރާތަކަށްފަހު، އެ ގައުމުގެ އަސްކަރީ މަތިންދާބޯޓެއްގައެވެ. މި މަތިންދާބޯޓުން ރާއްޖެއަށް ގެނައުމަށްޓަކައި، ނޭޕާލުގައި ތިބި 18 ދިވެހިން އާދިއްތަ ދުވަހު ނޭޕާލުން ބަންގްލަދޭޝްގެ ވެރިރަށް ޑާކާއަށް ދަތުރުކުރާނެއެވެ.
ބަންގްލަދޭޝްއިން އަންނަ ފްލައިޓްގައި ރާއްޖެއިން ކޮވިޑް-19 އާ ދެކޮޅަށް ކުރާ މަސައްކަތުގައި އެހީތެރިވުމަށް އެ ގައުމުން 10 މެންބަރުންގެ މެޑިކަލް ޓީމެއްވެސް ރާއްޖެއަށް އަންނާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ