އަލީ ވަހީދުގެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ އެމްޑީޕީ މެންބަރު އަލީ ވަހީދުގެ މައްޗަށް ފުލުހުންގެ ދައުރު އަދާކުރުމަށް ދަތިކުރުމުގެ ކުށުގައި ދައުވާއާ ގުޅިގެން އަލީ ވަހީދުގެ ފަރާތުން ކްރިމިނަލް ކޯޓުގައި ނެގި އިޖްރާއީ ނުކުތާގެ އަލީ ވަހީދުގެ ފަރާތުން ހައި ކޯޓުގައި މިއަދު އިސްތިއުނާފްކޮށްފި އެވެ.
އަލީ ވަހީދުގެ ފަރާތުން ކްރިމިނަލް ކޯޓުގައި އިޖްރާއީ ނުކުތާ ނަގާފައި ވަނީ އަލީ ވަހީދުގެ މައްޗަށް ފުލުހުންގެ ދައުރު އަދާކުރުމަށް ދަތިކުރުމުގެ ކުށުގައި ދައުވާ ކުރުމަށް ފަހު އެދައުވާ އަނބުރާ ގެންދިޔުމަށް ފަހު ދެވަނަ ފަހަރަށް ދައުވާ ނުކުރެވޭނެ ކަމަށް ވިދާޅުވެ އެވެ. ނަމަވެސް އޭނާގެ މައްޗަށް ދެވަނަފަހަރަށް ދައުވާ ކުރުމަކީ ގާނޫނީގޮތުން ޕްރޮސެކިއުޓާ ޖެނެރަލް އަށް ލިބިގެންވާ ބާރެއްކަމަށް ކްރިމިނަލް ކޯޓުން ވަނީ ނިންމާފައެވެ.
ހައިކޯޓުގައި މިއަދު އޮތް ޝަރީއަތުގެ މަޖިލީހުގައި އަލީ ވަހީދުގެ ފަރާތުން މައްސަލަ ހުށަހަޅުއްވަމުން އޭނާގެ ގަނޫނީ ވަކީލު ހުސްނުއް ސުއޫދު ވިދާޅުވީ އަލީ ވަހީދުގެ މައްޗަށް ދައުވާ ކުރުމަށް ފަހު، އެދައުވާ އަނބުރާ ގެންދެވުމަށް ފަހު ދައުވާ އަށް އެއްވެސް ބަދަލެއް ނުގެނެސް ދެވަނަ ފަހަރަށް ދައުވާ ކުރުމަކީ ގަނޫނު އަސާސީގެ 223 ވަނަ މާއްދާއާ ޕްރޮސެކިއުޓާ ޖެނެރަލްގެ ގާނޫނާ ޚިލާފަށް ކޮށްފައިވާ ކަމެއް ކަމަށެވެ. އަދި ވިދާޅުވީ 2010 ވަނަ އަހަރު އެ ދައުވާ ކުރުމަށް ފަހު އަނބުރާ ގެންދަވައި އޭގެ ދެ އަހަރު ފަހުން ދެވަނަ ފަހަރަށް ދައުވާ ކުރުމަކީ އެއީ އިންސާފުވެރިގޮތެއް ނޫން ކަމަށެވެ.
އޭނާ އިތުރަށް ވިދާޅުވީ އެރޭ މުލީއާގޭ ކައިރިއަށް އެއްވެ ކުރި މުޒާހަރާ އަކާ ގުޅިގެން ދައުވާކުރާއިރު ނޫސްތަކުގައި ޝާއިއު ކޮށްފައިވާ ލިޔުންތަކަށް ބަލާއިރު އިތުރު ބަޔަކު ވެސް އެ މުޒާހަރާގައި ބައިވެރިވި ކަމަށާއި އެގޮތުން ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ އުމަރު ނަސީރައި ރައްޔިތުންގެ މަޖިލީހުގެ ގެމަނަފުށީ ދާއިރާގެ މެންބަރު އިލްހާމް އަހުމަދު ވެސް އެ ދެ ބޭފުޅުންނާ އެކު އެ މުޒާހަރާގައި އިސްކޮށް ހަރަކާތްތެރިވި ކަމަށެވެ.
ސުއޫދުގެ ވާހަކަތަކާ ގުޅިގެން ދައުލަތުގެ ވަކީލު އެސިސްޓެންޓް ޕަބްލިކް ޕްރޮސެކިއުޓާ ހުސެއިން ނާޝިދު ވިދާޅުވީ އެ ދައުވާ ގެންދިޔައީ ވަގުތީ ގޮތުން ކަމަށާއި އެއީ ހަމަހަމަކަން ގާއިމުކުރުމުގެ ގޮތުން ކުރި ކަމެއް ކަމަށެވެ. އަދި ޖިނާއީ މައްސަލަތަކުގައި އަމަލުކުރާނެ އުސޫލުތައް ކަނޑައެޅުމަކީ ޕްރޮސިކިއުޓާ ޖެނެރަލަށް ލިބިގެންވާ ބާރެއް ކަމަށެވެ.
އެ މައްސަލައިގައި އަލީވަހީދުގެ ފަރާތުން މިއަދު ވަނީ ވަގުތީ އަމުރަކަށް ވެސް އެދިފަ އެވެ. އަލީ ވަހީދުގެ ވަކީލު ސުއޫދު ވިދާޅުވީ އެ މައްސަލައާ މެދު ހައިކޯޓުން ވަކިގޮތެއް ކަނޑައަޅަން ދެން ކްރިމިނަލް ކޯޓަށް ހުށަހެޅިފައިވާ މައްސަލަ ކުރިއަށް ނުގެންގޮސް މަޑުޖައްސާލުމުގެ އަމުރަކަށް އެދިވަޑައިގަންނަވާ ކަމަށެވެ.
އަލީ ވަހީދާއި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފްގެ މައްޗަށް ދައުވާ ކޮށްފައި ވަނީ މާޗް 25، 2010 ވަނަ ދުވަހުގެ ރޭ ގެ ވަގުތެއްގައި އޭރުގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު އުޅުއްވި ގެކޮޅު، މުލީއާގޭ ކައިރިއަށް އެއްވެ ފުލުހުން ބަންދުކޮށްފައިވާ ސަރަހައްދަކަށް ވަދެފައިވާތީ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ