މިދިޔަ މަހު ރާއްޖޭގެ އިންފްލޭޝަން ރޭޓް 0.59 ޕަސެންޓް ދަށަށް

މިދިޔަ މަހު ރާއްޖޭގެ ބާޒާރުގައި އިންފްލޭޝަން ރޭޓް 0.59 ޕަސެންޓް ދަށަށް ހިންގައްޖެ އެވެ. ބާޒާރުގައި މުދަލާއި ހިދުމަތުގެ އަގަށް އަންނަ ބަދަލު އަންގައި ދިނުމަށް، ޑިޕާޓްމަންޓް އޮފް ނޭޝަނަލް ޕްލޭނިން އިން އާންމު ކުރަމުން އަންނަ ކޮންޒިއުމާ ޕްރައިޒް އިންޑެކްސް (ސީޕީއައި) ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ މަހު ރާއްޖޭގެ އިންފްލޭޝަން ރޭޓް ވަނީ 0.59 ޕަސެންޓް ދަށަށް ގޮސްފަ އެވެ. އަދި ފެބްރުއަރީ މަހުގެ އިންފްލޭޝަން ރޭޓް ވެސް ވަނީ 0.14 ޕަސެންޓް ދަށަށް ގޮސްފަ އެވެ. ނޭޝަނަލް ޕްލޭނިންގެ ހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު އެންމެ ބޮޑަށް އަގު ދަށަށް ގޮސްފައިވާ ބައިތަކުގެ ތެރޭގައި މަހާއި ތަރުކާރީ އަދި މޭވާގެ ބާވަތްތައް ހިމެނެ އެވެ. ތަރުކާރީގެ ބާވަތްތަކުގެ އަގުތައް ވަނީ 7.88 ޕަސެންޓް ދަށަށް ގޮސްފަ އެވެ. އަދި މޭވާގެ ބާވަތްތަކުގެ އަގުތައް ވެސް ވަނީ 5.52 ޕަސެންޓް ދަށްވެފަ އެވެ. ސީޕީއައި ހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު އަގުތައް މަތިވެފައިވާ ބާވަތްތަކުގެ ތެރޭގައި ކިރާއި ޗީޒް އަދި ބިސް ހިމެނެ އެވެ. ބިހުގެ އަގުތައް ވަނީ މިދިޔަ މަހު 0.17 ޕަސެންޓް މަތިވެފަ އެވެ. އަދި ޕާނާއި ސީރިއަލް ފަދަ ބާވަތްތަކުގެ އަގުތައް ވެސް ވަނީ 0.46 ޕަސެންޓް މަތިވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ