އިންޑިއާއެކު ޑީލެއް ހަދާފައި ނުވާ ކަމަށް ސަރުކާރުން ބުނާ ބުނުން ތަކުރާރުކޮށްފި

ރައީސް މުހައްމަދު ނަޝީދު އިންޑިއާ ހައިކޮމިޝަނުން ނުކުމެވަޑައިގެންނެވީ އިންޑިއާ ސަރުކާރަށް ދިވެހި ސަރުކާރުން ދިން ޔަގީން ކަމެއްގެ ތެރެއިން ކަމަށް އެމަނިކުފާނު ވިދާޅުވި ނަމަވެސް އެފަދަ އެއްވެސް ޑީލެއް ހަދާފައި ނުވާނެ ކަމަށް ސަރުކާރުން އަނެއްކާ ވެސް ބުނެފިއެވެ.
ސީއެންއެމަށް މައުލޫމާތު ދެއްވަމުން ރައީސް އޮފީހުގެ ޕްރެސް ސެކެރެޓަރީ މަސްއޫދު އިމާދު ވިދާޅުވީ ރައީސް ނަޝީދު ދައްކަވަމުން ގެންދަވަނީ ހަގީގަތާއި ހިލާފު ވާހަކަތަކެއް ކަމަށާއި އެފަދަ އެއްވެސް ޑީލެއް ސަރުކާރުން ހަދާފައި ނުވާނެ ކަމަށެވެ.
"އަޅުގަނޑުމެން ކޮން ޑިލެއްތޯ ހަދާނީ، ޖުޑިޝަރީގައި ދައުވާ ކުރަމުންދަނީ. އަޅުގަނޑުމެންނަކީ ޖުޑިޝަރީއަށް ބާރު ފޯރުވޭނެ ބައެއް ނޫން. ދެން ޝަރީއަތް ފަސް ކުރަން ކޮން ޔަގީން ކަމެއްތޯ އިންޑިއާއަށް އަޅުގަނޑުމެންނަށް ދެވޭނީ،" މަސްއޫދު ވިދާޅުވިއެވެ.
ސަރުކާރުން ޑިލްހެދި ކަމަށް ބުނާ ބުނުން ދޮގުކޮށްފައިވީ ނަމަވެސް ރައީސް ނަޝީދު ވަޑައިގަންނަވަނީ ތަކުރާރުކޮށް ސަރުކާރާއި އިންޑިއާއާއި ދެމެދު ޑީލެއް ހަދާފައިވާ ކަމަށް ވިދާޅުވަމުންނެވެ.
ރައީސް ނަޝީދު ކުއްލިއަކަށް އިންޑިއާ ހައިކޮމިޝަނަށް ވަދެވަޑައިގެން ހިމާޔަތް ހޯއްދެވީ މިދިޔަ ފެބްރުއަރީ މަހުގެ 13 ވަނަ ދުވަހުއެވެ. އަދި އެމަނިކުފާނު ދެން ނުކުމެވަޑައިގެންނެވީ މިދިޔަ ފްބެރުއަރީ މަހުގެ 23 ވަނަ ދުވަހުއެވެ.
އިންޑިއާއާއި ސަރުކާރާއި ދެމެދު އެއްވެސް ޑީލެއް ނެތް ކަމަށް ސަރުކާރުން ބުނަމުން ދިޔަ ނަމަވެސް އިންޑިއާއިން އެމައްސަލާގައި އަދި އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ