އެމްބީސީގެ "ރިޔާސީ ބަހުސް"

02-09-2013 00:09 ބަހުސްގެ އެންމެ ފަހު ބަސް: ގާސިމް އިބްރާހިމް: ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުން. އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ މި ގައުމު މިއޮތީ ވަރަށް ނާޒުކު ފައްތަރެއްގައޭ. އިޖުތިމާއީ އަދި އިގްތިސާދީ ކަންތައްތަކާ އަދި އެ ނޫން ވެސް ދިރިއުޅުމުގެ މައިދާނުގައި ހުރި ހުރިހާ ކަންތައްތަކެއް. މި ކަންތައްތައް ހައްލު ކުރެވޭނީ ކަންތައްތައް ކުރަން ދަންނަ ކަންތައްތައް ކުރުމުގެ ތަޖުރިބާ ލިބިފައިވާ ބަޔަކަށް. އަޅުގަނޑުމެންގެ މެނިފެސްޓޯގައި ހިމަނާފައިވާ ކަންތައްތަކަށް ދިވެހި ރައްޔިތުން ބައްލަވާލައްވައިފި ނަމަ ވަރަށް ސާފުކޮށް އެނގިވަޑައިގަންނަވާނެ. މާތްﷲގެ ވާގިފުޅާ އެކީގައި ދިވެހި ލޮބުވެތި ރައްޔިތުން އަޅުގަނޑު ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ހޮއްވަވައިފި ނަމަ، އަޅުގަނޑާ އެކު މި ތިއްބެވި ތިން ބޭފުޅުންނާ އެކީގައި އެކުވެރި ކަމުގެ ސަރުކާރެއް ނުވަތަ އެއްބައިވަންތަ ސަރުކާރެއް އަޅުގަނޑު އުފައްދާނޭ. އެ ބޭފުޅުންނާއި އަދި އެ ބޭފުޅުންނަށް ތާއީދު ކުރައްވާ ހުރިހާ ރައްޔިތުންނާ އެކީގައި. އެ ބޭފުޅުންނަށް ދޭން ޖެހޭ ގަދަރާއި އަދި ހައިބަތު ދީގެން އެކަން އަޅުގަނޑުމެން ކުރާނެ ވާހަކަ ދަންނަވާލަން. އަޅުގަނޑަށް ލިބިފައިވާ ތަޖުރިބާގެ އަލީގައި އަޅުގަނޑަށް އެނގިފައިވާ އެނގުންތަކާ އެކީގައި އަޅުގަނޑު ދަންނަވާނީ އަޅުގަނޑުމެން މި ގައުމު ތަރައްގީކޮށް މާތްﷲ ގެ ވާގިފުޅާ އެކީގައި އަޅުގަނޑުމެން މި ތިބީ މިއަދު ހަމަ ގައިމު ވެސް އަޅުގަނޑުމެން ތިބެންވީ ވަރެއްގައެއް ނޫނޭ. އަޅުގަނޑުމެން އެއަށް ވުރެ މާ ރަނގަޅަށް ތަރައްގީ ކުރެވޭނެ ވަސީލަތްތަކާއި ގޮތް އެބަހުއްޓޭ. އަޅުގަނޑުމެން ނުކުމެ މިތިބީ އެކަން ކުރަން. ﷲ ސުބުހާނަހޫ ވަ ތައާލާ ގަންދީ ހުވާކޮށްފައި އަޅުގަނޑު ދަންނަވަން އަޅުގަނޑު ދިވެހި ދައުލަތުގެ އެންމެ ބޮޑު ލާރިއަކަށް ވެސް ހިޔާނާތްތެރިއެއް ނުވާނަން. އަމާނަތްތެރިކަމާއި އިހުލާސްތެރިކަމާ އެކު އެކަން ކުރާނަން. އަޅުގަނޑުގެ ވެރިކަމެއްގައި ރާއްޖެ ސިންގަޕޫރު އަދި ދުބާއީ ފަދަ ތަނަކަށް ހަދަން ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރާނަން. ﷲގެ ވާގިފުޅާ އެކު މި ގައުމުގެ ތަރައްގީ އާބާދުކޮށް އާރަސްތުކޮށް، މި ގައުމުގެ ކަރުނަ އާއި ވޭން ފިނިފެންމަލެއް ފަދައިން އިރާދަކުރެއްވިއްޔާ ފޮޅުވާލައި އުފާވެރިކަން ގެނެސްދޭނަން. މުހަންމަދު ވަހީދު: ދިވެހިރާއްޖެ މިދަނީ ވަރަށް ބާރު، ހަލުއިމިނެއްގައި ބަދަލުވަމުން. މި ބަދަލު ރަނގަޅަށް މެނޭޖް ނުކުރެވިއްޖިއްޔާ ވަރަށް ބޮޑެތި ހިތާމަތަކާ އަޅުގަނޑުމެން ކުރިމަތިލާން ޖެހިދާނެ. މިއަދު އަޅުގަނޑުމެން މި ތިބީ ހަތަރު ރިޔާސީ ކެންޑިޑޭޓުންގެ ކުރިމަތީގައި. މިތަނުން ތިޔަބޭފުޅުން ހިޔާރުކުރައްވާ ބޭފުޅުންގެ ސަބަބުން ކުރިއަށް އޮތް ޖީލުތަކަށް އޭގެ އަސަރުކޮށްގެން ދާނެ. އެހެންވީމަ މިއަދު އަޅުގަނޑުމެން ވިސްނަން ޖެހެނީ ކޮންކަހަލަ ރިޔާސީ ކެންޑިޑޭޓެއްތޯ ތިޔަބޭފުޅުން ހިޔާރުކުރައްވާނީ. މިއަދު އަންނަމުންދާ ބަދަލުތައް ސިޔާސީ ގޮތުންނާއި އިގްތިސާދީ ގޮތުން އަދި އިޖުތިމާއީ ގޮތުން އަންނަމުންދާ ބަދަލުތައް ހަމަޖެއްސުމަށް ޓަކައި އެކަމުގެ ކެތްތެރިކަން ހުރި ގާބިލްކަން ހުރި އެކަމުގެ ތަޖުރިބާހުރި މީހަކު މިއަދު ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް އަޅުގަނޑުމެން އިންތިހާބު ކުރަން ޖެހެނީ. އަޅުގަނޑުމެން މި ރާއްޖޭގެ ޑިމޮކްރަސީ ދަމަހައްޓާނަން. އަޅުގަނޑުމެން މި ރާއްޖޭގެ ޑިމޮކްރަސީ އަށް ޓަކައި މަސައްކަތްކުރާތާ ލައްކަ ދުވަސްވެއްޖެ. މިތާނގައި ތިއްބެވި ކޮންމެ ބޭފުޅަކާ އެއްވަރަށް އަޅުގަނޑަށް ވެސް ހުންނާނީ މަސައްކަތް ކުރެވިފައި. އެހެންވީމަ އަޅުގަނޑު ވެސް ބޭނުން މި ޑިމޮކްރަސީ ދަމަހައްޓަން. އެކަމަކު ޑިމޮކްރަސީގެ އަސާސެއް ކަމުގައިވާ ހިޔާލު ތަފާތުވުމަކީ އަޅުގަނޑުމެންގެ ތެރޭގައި ހަމަނުޖެހުން އުފައްދާ އެއްޗަކަށް ހަދައިގެން ނުވާނެ. ހިޔާލު ތަފާތުވާ ކޮންމެ ފަހަރަކު ތަންތަނުގައި ހުޅުޖަހައި ރޯކޮށް މީހުން މަރައިގެން ނުވާނެ. ދިވެހި ރާއްޖެ އަށް އެ އާދަކާދަ ގެނައުމަކީ ރާއްޖެ އަށް ދެވޭ ވަރަށް ބޮޑު ގެއްލުމެއް. ތިޔަބޭފުޅުންނަށް ފެނިވަޑައިގެންފި އަޅުގަނޑުގެ ކުރު ދޮޅު އަހަރު ދުވަހުގެ މަސައްކަތް. މި މަސައްކަތުގެ ތެރޭގައި ދިވެހިރާއްޖެ ވަރަށް ނުރައްކާތެރި ހާލަތެއްގައި އޮއްވާ މިއަދު އަޅުގަނޑުމެން މިތިބީ ސުލްހަވެރި ކަމާ އެކީގައި އިންތިހާބަކާ ހަމައަށް އާދެވިފައި. ކިތަންމެ ބަޔަކު ބުނި އިންތިހާބެއް ނުބާއްވާނޭ. އެކަމަކު އިންތިހާބު ވެސް އިރާދަކުރެއްވިއްޔާ އޮންނާނެ. އަދި އިންތިހާބު ކާމިޔާބު ކުރައްވާ ބޭފުޅަކަށް ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ވެސް ލިބިވަޑައިގަންނަވާނެ. އަޅުގަނޑުގެ މި ކުޑަ ދުވަސްކޮޅުގެ ތެރޭގައި ކުރި މަސައްކަތް ތިޔަ ބޭފުޅުން ވިސްނާ ވަޑައިގަންނަވާ. އަޅުގަނޑަށް އިތުރު ދައުރެއް ލިބިއްޖިއްޔާ ﷲ އިރާދަކުރެއްވިއްޔާ ދިވެހިރާއްޖޭގެ ހަމަޖެހުން ދަމަހައްޓައި ރާއްޖޭގައި ހަމަހަމަކަން (ދެ މިނެޓްގެ ވަގުތު ހަމަވީ) އަބްދުﷲ ޔާމީން: އިޖުތިމާއީ މައްސަލަތަކުގެ ހައްލަކީ ވެސް އިގްތިސާދީ ހައްލުތަކެއް. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އިގްތިސާދު ދިވެހިރާއްޖޭގައި ވަރުގަދަ ވާން އެބަޖެހޭ. ދިވެހި ރާއްޖޭގައި މިއަދު އެންމެ ބޮޑު މައްސަލައަކީ ރާއްޖޭގައި ވީރާނާވެފައިވާ އިގްތިސާދު ދެމެހެއްޓުމަށް ޓަކައި ރައީސުލްޖުމްހޫރިއްޔާ އަކީ އޭނާގެ 24 ގަޑިއިރު ހަމައެކަނި ދިވެހިރާއްޖޭގެ އިގްތިސާދާއި ދިވެހިރާއްޖޭގައި ހުރި އިޖުތިމާއި މައްސަލަތަކާ މެދު ވިސްނާ މީހަކަށް ވާން އެބަޖެހޭ. މިއާ އެކު އަޅުގަނޑު ދަންނަވާކަން ބޭނުން ވަނީ ދިވެހިންގެ މި ނިންމުން ނިންމާއިރު ވިސްނާލަން ޖެހޭ ބައެއް ކަންތައްތައް އެބަހުއްޓޭ. އަޅުގަނޑުމެން ޒުވާނުންނަށް ހަމަޖެހުން ގެނެސްދިނުމަށް ޓަކައި އިޖުތިމާއީ މައްސަލަތައް ހައްލުކުރުމަށް ޓަކައި އަޅުގަނޑުމެން ބޭނުންވަނީ ޒުވާނުންނަކީ ވަޒީފާއަދާކުރާ ބަޔަކަށް ވެގެން ދިއުން. އަދި މަސްތުވާތަކެތީގައި އުޅޭ ޒުވާނުންނަކީ ވެސް ރިހިބިލިޓޭޓް ކުރާނެ ބަޔަކަށް ހަދައި އަދި އެބައިމީހުންނަށް ވަޒީފާ ލިބޭނެ ބަޔަކަށް ހެދުން. އަޅުގަނޑުމެންގެ އާ އިގްތިސާދު ބިނާވެގެން މިދަނީ އިގްތިސާދީ ޒޯންތަކެއް ހެދި ބޮޑެތި މެގާ ޕްރޮޖެކްޓްތަކެއް ހޯދުމާ އެކީ ބޮޑެތި މަޝްރޫއުތަކަށް އަމާޒުކޮށްގެން އަޅުގަނޑުމެން މަސައްކަތްތަކެއް ކޮށްގެން. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ފަސް އަހަރު ނިމިގެން ދާއިރު ދިވެހިރާއްޖޭގެ ޒުވާނުންނަށް 94،000 ވަޒީފާ އުފެދޭނެ. އަދި ހަމައެއާ އެކީ ދިވެހިރާއްޖޭގެ ޒުވާން ފަންނާނުންނަށް އެބައިމީހުންނަށް ލިބޭ ފުރުސަތުތައް ގާއިމްކުރާނަން. ޒުވާން ވިޔަފާރިވެރިޔާގެ ނަމުގައި ޒުވާން މަސްވެރިޔާގެ ނަމުގައި އަޅުގަނޑުމެން ހާއްސަ ޕްރޮގްރާމްތަކެއް މި ހާއްސަ ކުރަނީ އާޓިސްޓުންނަށާއި މަސްވެރިންގެ ފްލީޓަށް ޒުވާން ލޭ ތައާރަފުކުރުމަށް ޓަކައި. އަޅުގަނޑުމެން މި ކުރާ މަސައްކަތުގައި އަޅުގަނޑުމެން ހަމައެކަނި 94،000 ވަޒީފާ އުފައްދަނީއެއް ނޫން. އަޅުގަނޑުމެން ބޭނުންވަނީ ދިވެހިރާއްޖޭގައި މިހާރު މިއޮތް 4500 ޑޮލަރު ބޮލަކަށް ޖެހޭ މިންވަރު އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ އިގްތިސާދީ މަޝްރޫއުތައް ކާމިޔާބުވެގެން ގޮސްފިއްޔާ މި އުފުލާލަން ބޭނުންވަނީ އިރާދަކުރެއްވިއްޔާ 12،000 އެމެރިކާ ޑޮލަރަށް. އަޅުގަނޑުމެން ބޭނުންވަނީ ދިވެހިރާއްޖޭގެ ޕީޕީއެފް މިހާރު މިއޮތް ފަށަލައިން ޕުޝްކުރަން. މުޅިން އާ އުސްމިންތަކަކަށް އަޅުގަނޑުމެންގެ އިގްތިސާދު ދާން. ދުވަސްވީ މީހުންނަށް 65 އަހަރުވީ މީހުންނަށް މިހާރު މި ލިބޭ 2،300ރ. ދައުލަތުގެ ބަޖެޓުން 2،300ރ. ގެ މައްޗަށް އެންމެ ލާރިއެއް ނުލައި އަޅުގަނޑުމެން އެކަށައަޅާ ނިޒާމެއްގެ ތެރެއިން މި އަދަދު އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ފަސް އަހަރުގެ ތެރެއިން ފުރަތަމަ އަހަރުން ފެށިގެން 5،000ރ. އަށް ޖައްސާނަން. އަދި އަޅުގަނޑު ގަބޫލުކުރަން ރާއްޖޭގެ ވަލިއްޔުލްއަމްރެއްގައި ގާނޫނު ތަންފީޒުކުރުމުގައްޔާއި އަދުލު އިންސާފު ހަލުއި ކަމާ އެކު ލިބުމުގައި އޭނާގެ ދައުރެއް އޮންނާނެ ކަމަށް. ގާނޫނު އަސާސީގެ 115 ވަނަ މާއްދާއިން މިކަން ނިންމައި އަޅުގަނޑު މިކަން ކޮށްދޭނަން. މުހަންމަދު ނަޝީދު: އަޅުގަނޑުމެން ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ވެސް މި އެނގިފައިވާ އެންމެ ބޮޑު ހަގީގަތަކީ އަޅުގަނޑުމެންގެ ތިން ވާދަވެރިންނަކީ ވެސް މި ވަގުތު ސަރުކާރު ހިންގަވާ ބޭފުޅުން. ރާއްޖޭގެ ރައްޔިތުންނަށް ވަނީ އަޅުގަނޑުމެންގެ ތިން އަހަރު ދުވަހު ކުރެވުނު މަސައްކަތާއި ދިގު 30 އަހަރު ކުރެވުނު މަސައްކަތާއި އަދި ބަޣާވާތުގެ ދެ އަހަރު ވެސް ކުރެވުނު މަސައްކަތް ބޮޑަށް ސާފުވެ ނިމިފައި. އަޅުގަނޑުމެންނަށް އިރާދަކުރެއްވިއްޔާ 57 ރަށުގެ ބަނދަރު ހެދުނު. މި ބަޣާވާތުގެ ސަރުކާރުގައި އެއްވެސް ބަނދަރެއް ހަދައި ނުހުޅުވޭ. އަޅުގަނޑުމެންނަށް އިރާދަކުރެއްވިއްޔާ 17 ނަރުދަމާގެ ނިޒާމް ގާއިމްކުރެވުނު. އެންމެ ނަރުދަމައެއް ވެސް މި ބޭފުޅުންނަށް ގާއިމެއް ނުކުރެވޭ. އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ހަ ރަށުގައި ފެނުގެ ނިޒާމު ދެވުނު. ބަޣާވާތުގެ ސަރުކާރަކަށް އެންމެ ރަށަކަށް ވެސް ފެނުގެ ނިޒާމެއް ނުދެވޭ. އަޅުގަނޑުމެންގެ ސަރުކާރުގައި އިރާކުރެއްވިއްޔާ 20 ކިލޯ މީޓަރުގެ މަގު ހެދިން. މި ބަޣާވާތުގެ ސަރުކާރަކަށް އެންމެ ކިލޯ މީޓަރެއްގެ މަގެއް ވެސް ނުހެދޭ. މި ބަޣާވާތުގެ ސަރުކާރުން ލިބުނު ގެއްލުން ރާއްޖޭގެ ރައްޔިތުން މި ދަނީ ވަރަށް ސާފުކޮށް ދެކެމުން. ރާއްޖޭގެ ރައްޔިތުންނަށް އެބަ ވިސްނޭ ދެން އަނެއްކާ ވެސް އަޅުގަނޑުމެންގެ ވާދަވެރިންގެ ގޮތުގައި މި ތިއްބެވީ ބާޣީންގެ ސަރުކާރެއްގެ ގޮތުގައި ބަޣާވާތެއް ހިންގަވައިގެން ތިއްބެވި ބޭފުޅުން ކަން. ރާއްޖޭގެ ރައްޔިތުން އެދެނީ މި ރާއްޖޭގައި ސުލްހަވެރި ކަމާ އެކީގައި ސިޔާސީ ހަރަކާތް ހިންގުން. ރާއްޖޭގެ ރައްޔިތުން އެދެނީ ވޯޓުން ރާއްޖޭގެ ސަރުކާރު ބަދަލުވުން. އަޅުގަނޑުމެންނަށް މި އިންތިހާބު ކާމިޔާބުވުމަށް މަގުފަހިވަމުން މިއަންނަނީ މި ސަބަބުތަކަށް ޓަކައި. ރާއްޖޭގެ ރައްޔިތުން ތިއްބެވީ ވަރަށް ބޮޑަށް ހޭލައި. އަދި ސިޔާސީ ކަންކަމުގައި ފިއްލަވާ ބޭފުޅުންނަކަށް ރާއްޖޭގެ ރައްޔިތުންނެއް ޔަގީން ކަށަވަރު އިތުރު ފުރުސަތު ދޭކަށެއް ތައްޔާރަކަށް ނެތް. އަޅުގަނޑުމެން ރައްޔިތުން ބޭނުން ވަނީ ރާއްޖޭގައި އުޖާލާކަން. މި ރާއްޖޭގައި ފާގަތިކަން. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މި އެދޭ ގުލްޒާރު، ގުލްޒާރުގާ ނަޔާ މަގޭ ނޫރާނީމާ ފޮޅޭނެއޭ، ބުލްބުލްތަކާ ކޮކާތަކާ ފަރިވާއިރުން އުޅޭނެއޭ. އަޅުގަނޑުމެން އެ އުފާވެރި މަންޒަރު ރާއްޖޭގެ ރައްޔިތުންނަށް އިރާދަކުރެއްވިއްޔާ ގެނެސްދޭނަން. ބޯޅަދަނޑުތައް ހަދާނަން. ބަނދަރުތައް ގާއިމްކުރާނަން. މަދަރުސާތައް އެއް ދަންފަޅި އަށް ހަދާނަން. އަޅުގަނޑުމެން މި ރާއްޖެ ތަރައްގީ ކުރާނަން. 01-09-2013 22:20 ކޮންމެ ކެންޑިޑޭޓަކަށް ޖެހިޖެހިގެން ކުރާ ހަތަރު ސުވާލުގެ ބައި ފަށައިފި 01-09-2013 22:12 އިޖުތިމާއީ ރައްކާތެރިކަމާ ބެހޭ ގޮތުން ގެންގުޅުއްވާނެ ސިޔާސަތާ ބެހޭ ގޮތުން ކުރި ސުވާލަށް ކެންޑިޑޭޓުން ދެއްވި ޖަވާބުގެ ހުލާސާ: އަބްދުﷲ ޔާމީން: މުސްކުޅިންނަށް ބޭނުންވާ ހާއްސަ އެހީތެރިކަމަކީ އިންޝުއަރެންސަކުން ހަމަޖެއްސޭނެ ނިޒާމެއް. ފައިސާ ހުސް ނުވާނެ ނިޒާމެއް އަޅުގަނޑުމެން ހަމަޖައްސާނަން. ހާއްސަ އެހީ އަށް ބޭނުންވާ މީހުންނަށާއި ދައުލަތުގެ އެހީތެރި ކަމަށް ބޭނުންވާ މީހުންނަށް އަޅުގަނޑުމެން އަޅާލާނަން. އެކި ރަށްރަށުގައި މުސްކުޅިންނަށް އަޅާލާނެ ރިހެބު ހިންގުމަށް ވަނީ ރާވާފައި. މުހަންމަދު ނަޝީދު: ރާއްޖޭގައި ޒަކާތު ފައިސާގެ ގޮތުގައި ނޫން ގޮތަކަށް ނިކަމެތިންނަށް އެއްވެސް ފައިސާއެއް ނުލިބޭ. ޔަތީމު ކުދިންނާއި ހާއްސަ އެހީ އަށް ބޭނުންވާ މީހުންނަށް އަޅާލުމަކީ އެމްޑީޕީގެ މެނިފެސްޓޯގައި ހިމެނޭ ސިޔާސަތެއް. ބަޣާވާތަށް ފަހު އާސަންދަ މިހާރު މި ވަނީ މި ވަނީ ބައިސަންދައަކަށް ބަދަލުވެފައި. އެއް ލައްކަ ރުފިޔާގެ ބޭސް ފަރުވާ ކޮންމެ ރައްޔިތަކަށް އަޅުގަނޑުމެން ދޭނަން. އަޅުގަނޑުމެންގެ އަބަދުގެ ވެސް ސިޔާސަތަކީ ފަގީރުންނާއި މުއްސަނދިގެ ފަރަގު ނައްތާލުން. ގާސިމް އިބްރާހިމް: މައިންބަފައިންނަށް ދަރިން އަޅާލަން ޖެހޭނެ. އޭގެ އިތުރުން ދައުލަތުގެ އެހީ އަށް ބޭނުންވާ މީހުންނަށް އިންޝުއަރެންސް ވިޔަސް މަދަނައިން ވިޔަސް، ހުރިހާ އެންމެންނަށް ބޭސް ފަރުވާގެ އެހީ ހިލޭ ލިބޭނެ. އެކަން އަޅުގަނޑުމެންގެ ސަރުކާރެއްގައި ވާނީ ހިމަނާފައި. މުހަންމަދު ވަހީދު: ދުވަސްވީ މީހުންނަށް ދޭ އިހުތިރާމު މިހާރު ވަނީ ގެއްލިފައި. އިޖުތިމާއީ ފޭރާން ވަނީ ވީދާލައިފައި. ރައްޔިތުންގެ މަޖިލީހުން ފާސްކޮށްގެން ދޭން ފެށި 2،000ރ. އަޅުގަނޑުމެންގެ ސަރުކާރެއްގައި 2،500ރ. އަށް ވާނީ ބަދަލުކޮށްފައި. އަޅުގަނޑުމެންގެ ސަރުކާރެއްގައި މި އަދަދު 3،500ރ. އަށް ބަދަލުކުރާނަން. ދުވަސްވީ މީހުން ބަލަހައްޓާނެ ނާސިން ހޯމެއް އެޅުމަށް އަޅުގަނޑުމެން ވާނީ ރާވާފައި. އެ މީހުންގެ ބޭސް ފަރުވާ އަޅުގަނޑުމެން ހިލޭ ދޭނަން. އަޅުގަނޑުމެންގެ ސަރުކާރެއްގައި އުމުރުން ދުވަސްވީ މީހުން ކިޔޫގެ ފަހަތަށް ދާކަށް ނުޖެހޭނެ. ކިޔޫގެ ކުރިއަށް ލާނަން. 01-09-2013 21:54 މިރޭގެ ބަހުސް ފެށުމުގެ ކުރިން ރިޔާސީ ކެންޑިޑޭޓުން އެއް ބޭފުޅަކު އަނެއް ބޭފުޅަކާ ދަރުބާރުގޭގައި ސަލާމްކުރައްވަނީ -- ހަވީރު ފޮޓޯ: މުހަންމަދު ވަހީދު 01-09-2013 21:47 އިގްތިސާދު ރަނގަޅު ކުރުމުގައި ގެންގުޅުއްވާނެ ސިޔާސަތާ ބެހޭ ގޮތުން ސުވާލު ކޮށްފި. އޭގެ ޖަވާބުގައި ކެންޑިޑޭޓުން ދެއްކެވި ވާހަކަ: މުހަންމަދު ވަހީދު: އިގްތިސާދު މިހާރަށް ވުރެ ފުޅާކުރަން އެބަޖެހޭ. އެއް ކަމަކީ މިހާރު ހުރި ސިނާއަތްތައް ފުޅާކުރުން. ފަތުރުވެރިކަން ވެސް ފުޅާކުރުން. މަސްވެރިކަމުގެ އިތުރު މަސައްކަތްތައް ވެސް ފެށުން. އަދި އެހެނިހެން އާ ސިނާއަތްތައް ވެސް އުފައްދަން މިހާރު ވެސް އެބަ މަސައްކަތް ކުރެވޭ. އަޅުގަނޑުމެން މަސައްކަތް އެބަކުރަން ދަރަނި ކުޑަކުރެވޭތޯ. މިހާރު ވެސް ދަރަނި ވަނީ ކުޑަކުރެވިފައި. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން އިގްތިސާދު ހަމައަކަށް އަޅުވާނަން. ޒުވާނުންނަށް ވަޒީފާ ހޯދައިދޭނަން. ފުދޭވަރުގެ މުސާރައެއް ލިބޭ މީހަކަށް ކޮންމެ މީހަކު ވެސް ހަދައިދޭނަން. އަބްދުﷲ ޔާމީން: އިގްތިސާދު ރަނގަޅުކުރުމަށް ޓަކައި އެގްރިގޭޓް ޑިމާންޑް ކޮންޓްރޯލްކުރަން އެބަޖެހޭ. އަޅުގަނޑުމެންގެ ސަރުކާރެއްގައި ދެ އަހަރުގެ ތެރޭގައި ޑެފިސިޓް ނައްތާލާނަން. އަދި ޖެހިގެން އޮތް ތިން އަހަރުގެ ތެރޭގައި ބަޖެޓް ސާޕްލަސް ވާނެ. އިގްތިސާދީ ވެއްޓަކީ ބޭރު މީހުންގެ އިތުބާރު ލިބިފައިވާ ވެއްޓަކަށް ހެދުމަށް ގާނޫނުތަކަށް ގެންނަން ޖެހޭ ބަދަލުތައް ގެންނާނަން. ރާއްޖެއިން ގޭހާއި ތެޔޮ ފެނޭތޯ މަސައްކަތް ކުރާނަން. އަގު ހެޔޮ ފިއުލް ލިބޭތޯ ވިސްނާނަން. ޓޫރިޒަމް ދާއިރާއިން އަހަރަކު 10 ރިސޯޓް އުފައްދައި، 94،000 ވަޒީފާ އުފައްދާނަން. މަސް ވެރިންނަށް މަސް ނުބޭނަސް އިންޝުއަރެންސްގެ ތެރެއިން އެ މީހުންނަށް އިނާޔަތްތައް ލިބޭގޮތް ހަދައިދޭނަން. މުހަންމަދު ނަޝީދު: ގެސްޓް ހައުސްގެ ސިޔާއަތް ތަރައްގީކޮށްގެން އަޅުގަނޑުމެންނަށް އާމްދަނީ އިތުރުކުރެވޭނެކަން މާފުށިން ފެންނަން އެބައޮތް. އެގްރި ވިޔަފާރި ތަރައްގީކުރެވޭނެ. އިގްތިސާދު ރަނގަޅު ކުރެވޭނީ މުއްސަނދިންނާއި ފަގީރުންގެ ތަފާތު ކުޑަކުރެވިގެން. ޓެކްސްގެ ނިޒާމު ފައްކާކުރެވިގެން. އަޅުގަނޑުމެން އެކަން ކުރާނަން. ގާސިމް އިބްރާހިމް: ބަޖެޓް ޑެފިސިޓް ކުޑަކުރެވޭނީ އާމްދަނީ އިތުރުކޮށްގެން. އެހެންވެ ރަށްރަށުގައި ޓޫރިޒަމް ތަރައްގީކުރުމާއި މަސްވެރިކަން ތަރައްގީކުރުމާއި އިގްތިސާދު ފުޅާކުރުމަށް ޓްރާންޝިޕްމެންޓް ބަނދަރު ހެދުމަށް ވަނީ ރާވާފައި. ދިވެހި ފައިސާގެ އަގު ވަރުގަދަވެގެން ދާނެ. މުސާރަތައް ކުޑަނުކޮށް ޓެކްސްގެ ނިޒާމު ވަރުގަދަކުރާނަން. 01-09-2013 21:24 ތައުލީ ދާއިރާގެ ސިޔާސަތުތަކާ ބެހޭ ގޮތުން ފުރަތަމަ ސުވާލު ކޮށްފި. އޭގެ ޖަވާބުގައި ހަތަރު ކެންޑިޑޭޓުން ވާހަކަ ދައްކަވައިފި މުހަންމަދު ވަހީދު: ތައުލީމީ ނިޒާމު މިހާރު ވެސް ބައްޓަން ކުރެވިފައި އޮތީ ގިނަ ބަޔަކަށް ފުރުސަތު ދިނުމަށް ޓަކައި، އެކަމަކު ތައުލީމު ވަނީ ފެންވަރު ރަނގަޅުކުރަން ޖެހިފައި. ތައުލީމީ ސިޔާސަތުގައި 18 އަހަރު ވަންދެން ތައުލީމީ ނިޒާމުގައި ގެންގުޅޭނަން. އަދި މަތީ ތައުލީމު ހާސިލް ކޮށްދިނުމާއި ހުނަރުތައް ދަސްކޮށްދޭނަން. ޓީޗަރުންނަކީ ކެރޭ، ގަދަރު ހުރި ބަޔަކަށް ހެދުމަށް މިހާރު ވެސް މަސައްކަތްތަކެއް އެބަކުރެވޭ. ރާއްޖޭގެ ތައުލީމުގެ މުސްތަގުބަލު އޮތީ ރަނގަޅަށް. ސްކޫލު ނިމޭ ކުދިންނަށް ވަޒީފާ ދެވޭނެ. އަބްދުﷲ ޔާމީން: އެއްވެސް ކުއްޖަކީ ތައުލީމުން މަހުރޫމްވެގެން ދާ ކުއްޖަކަށް ނުވާނެ. ހަމައެއާއެކު އިގްތިސާދަށް އެންމެ ބޮޑު ދާއިރާތަކަށް ބޭނުންވާ ކުދިން އުފައްދާނެ. އިސްލާމީ އަހުލާގީ ތައުލީމީ ނިޒާމެއް އުފައްދާނަން. އަދި ޓީޗަރުންނަކީ ގަދަރުވެރި ބަޔަކަށް ހަދާނަން. މުހަންމަދު ނަޝީދު: ކުރު ތިން އަހަރުގެ ސަރުކާރުގައި ރާއްޖޭގެ މަދަރުސާތައް އެއް ދަންފަޅި އަށް ބަދަލު ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔައިން. އަޅުގަނޑުމެންނަށް ފެނިގެން ދިޔައީ ފާސްވާ ކުދިންގެ އަދަދު ގިނަވެގެން އަންނަތަން. ދަންފަޅިތައް ބަހައިގެން މަދަރުސާގައި ކިޔަވައިދިނުމަކީ ރަނގަޅު ގޮތެއް ނޫން. ކުރީގައި ހުރި ފެންވަރަށް ވުރެ އަޅުގަނޑުމެންގެ ސިޔާސަތުގައި ތައުލީމް މާ ރަނގަޅު ކޮށްދޭނަން. ގާސިމް އިބްރާހިމް: ތައުިލީމީ ނިޒާމުގައި ވަރަށް ބޮޑެތި މައްސަލަތައް އެބަހުރި. އިސްލާމް ދީން ކިޔަވައިދޭން ރާވާފައި އެބަހުރި އަޅުގަނޑުމެން. ސްކޫލުތަކުގައި ވަސީލަތްތަކުގައި މައްސަލަތައް އެބަހުރި. މުސާރަތަކުގެ މައްސަލަ ވެސް ބޮޑު. ތައުލީމީ ނިޒާމު ހަރުދަނާ ކުރަން ބޮޑެތި މަސައްކަތްތައް އެބަހުރި. އަދި ފާސް ނުވާ ކުދިންނަށް ހުނަރު ދަސްކޮށްދިނުމަކީ ވެސް ކުރަން ރާވާފައިވާ ކަމެއް. 01-09-2013 21:12 ބަހުސް ފެށުމުގެ ގޮތުން ހަތަރު ބޭފުޅުން ވެސް ވާހަކަ ދައްކަވައިފި ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ކުރިމަތިލައްވާފައިވާ ހަތަރު ކެންޑިޑޭޓުންގެ "ރިޔާސީ ބަހުސް" ދާދި ދެންމެއަކު ފަށައިފި އެވެ. މި ބަހުސްގައި ހަތަރު ކެނޑިޑޭޓުން ވެސް ބައިވެރިވެ ވަޑައިގަންނަވަ އެވެ. އެއީ، އަމިއްލަފުޅު ގޮތުން ވާދަކުރައްވާ ރައީސް މުހަންމަދު ވަހީދާއި އެމްޑީޕީގެ ކެންޑިޑޭޓް އަދި ކުރީގެ ރައީސް މުހަންމަދު ނަޝީދާއި ޕީޕީއެމްގެ ކެންޑިޑޭޓް އަބްދުﷲ ޔާމީން އަދި ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓް ގާސިމް އިބްރާހީމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ