މައުމޫން ފައުންޑޭޝަންގެ އިހުޔާކުރުމުގެ ޖަލްސާތައް މި އަހަރު ވެސް ބާއްވަނީ
މައުމޫން ފައުންޑޭޝަނުން ކޮންމެ ރޯދަ މަހެއްގައި ބާއްވާ އިހުޔާކުރުމުގެ ޖަލްސާތައް މި އަހަރު ވެސް ބާއްވާނެ ކަމަށް އެ ފައުންޑޭޝަނުން ބުނެފި އެވެ. ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ހިންގަވާ ފައުންޑޭޝަނުން ވާހަކަ ދެއްކެވި އޮފިޝަލަކު މިއަދު ވިދާޅުވީ މި ރޯދަ މަހުގެ އިހުޔާކުރުމުގެ ޖަލްސާތައް އޮންނާނީ ކޮންމެ އަންގާރަ ދުވަހެއްގެ ރޭ އިސްލާމީ މަރުކަޒުގައި ކަމަށެވެ. ޖަލްސާތައް ފަށާނީ ކޮންމެ ރެއެއްގެ ވެސް 00: 10 ގަ އެވެ. "މި ރަމަޟާން މަހުގެ ،5 ،12 ،19 26 ގައި އިހުޔާކުރުމުގެ ޖަލްސާތައް އަޅުގަނޑުމެން ބާއްވާނަން. ވީހާ ވެސް ގިނަ ބޭފުޅުން ވަޑައިގަތުމަކީ ވަރަށް ބޮޑު އެދުމެއް،" މައުމޫން ފައުންޑޭޝަންގެ އޮފިޝަލް ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ކޮންމެ ރެއެއްގެ ޖަލްސާގައި ވެސް މައުމޫން ވާހަކަފުޅު ދައްކަވާނެ އެވެ. މީގެ އިތުރުން ރާއްޖޭގެ މަޝްހޫރު އިލްމުވެރިއަކު ވެސް ތަގުރީރު ކުރައްވާނެ ކަމަށް އޮފިޝަލް ވިދާޅުވި އެވެ. "ކޮންމެ ރެއެއްގެ ޖަލްސާގައި ވެސް ދީނީ ނަޒަރަކުން ވާހަކަތައް ދައްކާނެ. މި ޕްރޮގްރާމްގެ މައިގަނޑު ބޭނުމަކީ ދީނީ ކަންކަމަށް ދިވެހިން ހޭލުންތެރިކޮށް ރައްޔިތުންގެ ހިތްތަކުގައި ރޯދަމަހުގެ މުހިންމުކަން އަށަގެންނެވުން،" އޮފިޝަލް ވިދާޅުވި އެވެ. މައުމޫން ފައުންޑޭޝަނުން މިދިޔަ ދެ އަހަރުގެ ރޯދަ މަހު ވެސް އިހުޔާކުރުމުގެ ޖަލްސާތައް ވަނީ ބާއްވައިފަ އެވެ. މައުމޫން ފައުންޑޭޝަނުން ރޯދަ މަސް އިހުޔާކުރުމުގެ ޖަލްސާތާއް ބާއްވާއިރު އިސްލާމިކް މިނިސްޓްރީން ވެސް މި ރޯދަ މަހުގެ ކޮންމެ ހޯމަ ވިލޭރެއަކާއި ހުކުރު ވިލޭރެއަކި އިހުޔާކުރުމުގެ ފޯރަމެއް ބާއްވާނެ އެވެ. އެ ގޮތުން މިރޭ އިސްލާމީ މަރުކަޒުގައި ބާއްވާ ފޯރަމްގައި ވާހަކަ ދައްކަވަނީ ޝައިޚު އިލްޔާސް ހުސައިނާއި ޝައިޚް އިސްހާގު މުހައްމަދު ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ