ޝިހާމްގެ މަރުގެ ދައުވާލިބޭ ނިޔާޒު ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކޯޓުން އަމުރުކޮށްފި

ކ. ތުލުސްދޫގައި ވަޅިން ހަމަލާދީ އެރަށު ބިޖިލީއުފާ އަލީ ޝިހާމް މަރާލި މައްސަލައިގައި ދައުލަތުން ދައުވާކުރާ އެރަށު ރެޑްރޯސް މުހައްމަދު ނިޔާޒު ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފި އެވެ. މިދިޔަ މަހުގެ 31 ވަނަ ދުވަހުގެ ރޭ ޝިހާމަށް ވަޅިން ހަމަލާދީ މަރާލި ކަމަށް އިއުތިރާފްވެފައިވާ ނިޔާޒުގެ މައްޗަށް ދައުވާކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ ފަރާތުން މިމަހުގެ ހަތް ވަނަ ދުވަހު ވަނީ ކޯޓަށް ފޮނުވައިފަ އެވެ. ނިޔާޒުގެ ޝަރީއަތް ނިމެންދެން ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި އޭނާ ބަންދުގައި ބަހައްޓަން ކޯޓުން މިއަދު އެންގީ އޭނާގެ ބަންދަށް އެންމެ ފުރަތަމަ ކޯޓުން ދިން 15 ދުވަސް ހަމަވާތީ ކޯޓަށް ހާޒިރު ކުރުމުންނެވެ. ގަވާއިދު ބުނާގޮތުން މީހަކު ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން އަމުރު ކުރެވޭނީ އެ މީހެއްގެ މައްޗަށް ދައުވާކުރަން ކޯޓަށް ފޮނުވުމުން ނުވަތަ އެ މީހެއްގެ މައްޗަށް ދައުވާކުރާނެ ކަމުގެ ޔަގީންކަން ޕީޖީން ދިނުމުންނެވެ. ފުލުހުން ބުނެފައިވާ ގޮތުގައި ނިޔާޒު ޝިހާމަށް ހަމަލާ ދިނީ އޭނާއާ މެދު ވައްކަމުގެ ތުހުމަތެއް ޝިހާމް ކޮށްފައިވާތީ އެކަމުގެ ބަދަލު ހިފުމުގެ ގޮތުންނެވެ. ޝިހާމް މަރުވިތާ ކުޑައިރުކޮޅެއްގެ ތެރޭގައި ނިޔާޒު ވަނީ އަމިއްލަ އަށް ފުލުހުންގެ ބެލުމުގެ ދަށަށް ގޮސްފަ އެވެ. ޝިހާމްގެ މަރަށް ހަފުތާއެއް ނުވަނީސް ފުލުހުން ވަނީ އެ މައްސަލައިގެ ތަހުގީގުގެ ނިންމައި ޕީޖީއަށް ފޮނުވައިފަ އެވެ. އަދި ޕީޖީއަށް މައްސަލަ ފޮނުވިތާ ތިން ދުވަސް ނުވަނީސް ޕީޖީން ވަނީ އެ މައްސަލަ ކޯޓަށް ވެސް ފޮނުވައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ