މަކިޓާ ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕް އަންނަ މަހު އައްޑޫގައި

އެތުލެޓިކްސް އެސޯސިއޭޝަނުން އިންތިޒާމްކޮށްގެން މި އަހަރު ބާއްވާ މަކިޓާ ޖޫނިއާ އެތުލެޓިކްސް ޗެމްޕިއަންޝިޕް އަންނަ މަހު އައްޑޫގައި ބާއްވާ ގޮތަށް ނިންމައިފި އެވެ. އައްޑޫގައި މި މުބާރާތް ބާއްވަން ނިންމުމާ ގުޅިގެން އެސޯސިއޭޝަންގެ ވަފުދެއް އައްޑު އަށް ވަޑައިގެން އައްޑޫ ސިޓީ ކައުންސިލާ އެކު ބުދަ ދުވަހު ވަނީ މަޝްވަރާ ކޮށްފަ އެވެ. މޭޔަރު އަބްދުﷲ ސޯދިގް ވިދާޅުވީ ރާއްޖޭގެ އެކި އަތޮޅުތަކުގެ ސްކޫލްތަކުންނާއި މާލޭގެ ސްކޫލްތަކުން ޖުމްލަ 506 ދަރިވަރުން ވާދަކުރާ މުބާރާތް އޮންނާނީ އަންނަ މަހުގެ 2-4 އަށް ހިތަދޫ ޒޯން ސްޓޭޑިއަމްގައި ކަމަށެވެ. މޭޔަރު ވިދާޅުވީ މި މުބާރާތް އައްޑޫގައި ބާއްވަން އެތުލެޓިކްސް އެސޯސިއޭޝަނުން ނިންމުމާ ގުޅިގެން މުބަރާތަށް ކައުންސިލުން ދެވެން އޮތް ހުރިހާ އެހީތެރިކަމަކާއި އެއްބާރުލުމެއް ދޭނެ ކަމަށެވެ. "މިދިޔަ އަހަރު އައްޑޫގައި މި މުބާރާތް ބޭއްވީ ބިޑަށް ހުޅުވާލުމުން ބިޑް ކާމިޔާބްކޮށްގެން. އެގޮތުން ވަރަށް ކުލަގަދަ ފޯރިގަދަ އަދި ކާމިޔާބު މުބާރާތެއް މިދިޔަ އަހަރު ބޭއްވިގެން ދިޔައީ،" އޭނާ ވިދާޅުވި އެވެ. "މި ފަހަރު ވެސް މި މުބާރާތް ކާމިޔާބު ކަމާ އެކު ނިންމާލަން ކައުންސިލަށް ދެވެން އޮތް ހުރިހާ އެހީތެރިކަމެއް ފޯރުކޮށް ދެވޭނެ. އެކަމަކު މި ފަހަރުގެ މުބާރާތުގައި އައްޑޫގެ ބޮޑެތި ބައެއް ސްކޫލްތަކުން ބައިވެރި ނުވާކަން ފާހަގަކުރެވޭ." މިދިޔަ އަހަރު ބޭއްވި އެތުލެޓިކްސް މުބާރާތް ކާމިޔާބްކޮށްފައި ވަނީ ޏ. އަތޮޅު ތައުލީމީ މަރުކަޒެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ