ތައުލީމީ ދާއިރާގެ ބަދަލުތަކަށް ހަރުދަނާކަން ބޭނުންވެފައި
ތައުލީމީ ދާއިރާ އަށް ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށް ތައުލީމީ ތަޖުރިބާ ކާރުން އަބަދުވެސް އަންނަނީ ބުނަމުންނެވެ. ސްކޫލްތަކުގައި ކިޔަވައިދޭ ގޮތާއި، ކިޔަވައިދޭ ވަގުތާއި ކުދިންނަށް ފޯރުކޮށްދޭ މުޅި ތައުލީމާ ބެހޭ ގޮތުން ވެސް އަންނަނީ ޚިޔާލު ބަދަލުކުރަމުންނެވެ. އަދި ދަރިވަރުންގެ ހުނަރުވެރިކަން އިތުރު ކުރުމުގެ ވާހަކަ ވެސް އަބަދު ދައްކަ އެވެ. އެކަމަކު ތައުލީމު ދާއިރާ އިން ފާހަގަކުރެވޭ ފަދަ ބަދަލުތަކެއް ފެންނަން ފެށިތާ އަދި މާ ގިނަ ދުވަހެއް ނުވެ އެވެ. ސްކޫލުތައް އެއް ދަންފަޅިއަށް ބަދަލުކުރުމަށް ދަރިވަރުންނާއި ބެލެނިވެރިން އަދި ސްކޫލުތަކުން ވެސް ބޭނުންވެ އެވެ. އެކަމަކު ތަފާތު ސަބަބުތަކާ ހުރެ، އެ ނިޒާމް އޭގެ ގޮތުގައި ކުރިއަށް ގެންދަން ދަތިތަކެއް ކުރިމަތިވެ އެވެ. "ވަށާ ޖެހޭ ތައުލީމެއް" ދިނުމަށް، ރާއްޖޭގެ ސްކޫލުތައް އެއް ދަންފަޅި އަށް ބަދަލުކުރުމުގެ ގޮތުން އެޑިއުކޭޝަން މިނިސްޓްރީން ކުރިން ވަނީ ގިނަ ޕްލޭންތަކެއް ހަދާފަ އެވެ. އެގޮތުން މިނިސްޓްރީގެ އެންމެ ބޮޑު އަމާޒަކަށް ވެފައިވަނީ މިހާރު 35 މިނިޓް ހޭދަކުރާ ޕީރިއަޑްތަކުގެ ވަގުތު 45 މިނިޓަށް ނުވަތަ އެއް ގަޑިއިރަށް ހެދުމެވެ. ނަމަވެސް އެ ބަދަލުތައް ގެންނަމުން އަންނަނީ މަޑުމަޑުންނެވެ. އެގޮތުން އެއް ދަންފަޅިއަށް ކިޔަވައިދޭ ސްކޫލުތަކުގެ ޕީރިއަޑް 40 މިނިޓަށް ހެދި އެވެ އެއް ދަންފަޅި އަށް ކިޔަވައިދޭ ސްކޫލްތަކުގައި ކިޔެވުން ކުރިއަށް ގެންދަނީ ހެނދުނު އަށަކުން މެންދުރު ފަހު ތިނަކަށެވެ. ބައެއް ސްކޫލުތަކުގައި 30: 1 އަދި ދޭއް ޖަހަންދެން ކިޔަވައިދިނުމަށް ފަހު އިތުރު ހަރަކާތްތައް ފަށަ އެވެ. އެކަމަކު ސަރުކާރުގެ ރަސްމީ ގަޑި ބަދަލުވުމާ އެކު އެ ހުރިހާ ކަމަކަށް އަނެއްކާވެސް ވަނީ "ކުރުގަޅުވާލުމެއް" ކުރިމަތިވެފަ އެވެ. ބައެއް ސްކޫލްތަކުގައި 40 މިނިޓްގެ ބަދަލުގައި ޕީރިއަޑެއްގެ ދިގުމިން ވަނީ 35 މިނިޓަށް ބަދަލުކޮށްފަ އެވެ. މިކަމާ ޝަކުވާކުރާ މީހުން މަދެއް ނޫނެވެ. ހިރިޔާ ސްކޫލުގެ ޕްރިންސިޕަލް އިސްމާއިލް މަޝްރޫފް ވިދާޅުވީ ޕީރިއަޑަކުން ފަސް މިނިޓް އުނިކުރުމުން ދަރިވަރުންނަށް އޭގެ އަސަރު ކުރާނެ ކަމަށެވެ. އަދި ޓީޗަރުންނާއި ދަރިވަރުން އެކުގައި ހޭދަކުރަން ޖެހޭ ވަގުތު މަދުވުމުން، އެއް ދަންފަޅި އަށް ބަދަލުކުރުމުގެ ފައިދާ ކުޑަވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. "އެއް ދަންފަޅި އަށް ކިޔެވުން ބަދަލުކުރުމުގެ މައިގަނޑު އެއް މަގްސަދަކީ ދަރިވަރުން ކިޔެވުމުގައި ހޭދަކުރާ ވަގުތު ގިނަކޮށް، ޓީޗަރުންނާއި ދަރިވަރުން އެކުގައި އުޅޭ ވަގުތު އިތުރުކުރުން. އެކަމަކު މިހާރު އޮންނަ ގޮތުން އެ ވަގުތު މި ވަނީ ކުޑަވެފައި. އެހެންކަމުން މިހާރު އެއް ދަންފަޅި އަށް ކިޔަވައިދޭ ސްކޫލުތަކުގައި ކިޔަވައިދިނުން ކުރިއަށް މި ގެންދެވެނީ އެ ސިސްޓަމުގައި އޮންނަ ގޮތަށް އެންމެ ފުރިހަމައަކަށް ނޫން،" މަޝްރޫފް ވިދާޅުވި އެވެ. އެޑިއުކޭޝަން މިނިސްޓްރީން ބުނިގޮތުގައި އެއް ދަންފަޅި އަށް ކިޔެވުން ބަދަލުކުރުމުގެ މައިގަނޑު މަގްސަދަކީ އިޖްތިމާއީ ގޮތުންނާއި ނަފްސާނީ ގޮތުންނާއި ރޫހާނީ ގޮތުން ވެސް ދަރިވަރުންނާއި ސްކޫލާ ގާތް ކުރުމެވެ. ޓީޗަރުންނާ އެކު ގިނަ ވަގުތު އުޅެވޭނެ ގޮތަކަށް ސްކޫލުގެ މާހައުލު ބަދަލުކުރުމެވެ. އެއް ދަންފަޅި އަށް ކިޔަވައިދޭ ސްކޫލްތަކުގެ ވަގުތުތަކަށް ބަދަލު ގެނައީ ސަރުކާރުގެ ރަސްމީ ގަޑި އަކީ 00: 8 އިން މެންދުރު ފަހު 00: 3 އަށް ހެދުމުންނެވެ. އެކަމަކު ބައެއް މީހުންގެ ނަޒަރުގައި އެގޮތަށް ސަރުކާރުގެ ވަގުތު ބަދަލުކުރިޔަސް ސްކޫލްތަކުގެ ޕީރިއަޑްތަކުގެ ވަގުތުން ހަމަ ކުއްލިއަކަށް އުނިކުރާކަށް ނުޖެހޭނެ އެވެ. އެއަށް ވުރެ ބޮޑަށް އެކަމާ ދޭތެރޭގައި ވިސްނާ، ދިމާވާނެ ހުރަސްތައް ދެނެގަންނަން ޖެހޭނެ ކަމަށް ވެސް، ސްކޫލްތަކުގެ މިބަދަލާ މެދު ފާޑުކިޔާ މީހުން ބުނެ އެވެ. ތައުލީމީ ދާއިރާ އަށް ބޮޑެތި ބަދަލުތަކެއް ގެނައި ނަމަވެސް ތަންފީޒު ކުރުމުގައި ގޮން ޖެހުންތަކެއް ހުރި ކަމަށް އެޑިއުކޭޝަން މިނިސްޓަރު ވެސް އެއްބަސްވެވަޑައިގަންނަވަ އެވެ. "ހަވީރަށް" ކުރިން ދެއްވި އިންޓަވިއުއެއްގައި މިިނިސްޓަރު ޑރ. އަހުމަދު އާސިމް ވިދާޅުވީ ސްކޫލުތައް އެއް ދަންފަޅި އަށް ބަދަލުކޮށް ހަރަކާތްތައް އިތުރުކުރި ނަމަވެސް، ފައިސާގެ ދަތިކަމާ ހުރެ އެންމެ ފުރިހަމައަށް ކުރިއަށް ނުގެންދެވޭ ކަމަށެވެ. ޑރ. އާސިމް ވިދާޅުވި ގޮތުގައި އެފަދަ ހަރަކާތްތައް ހިންގޭނީ ދަރިވަރުންނާއި ޓީޗަރުންގެ އެއްބާރުލުން ވަރަށް ބޮޑަށް ލިބި އަދި ރޭވިގެންނެވެ. އެގޮތުން ދަރިވަރުންނަށް ގިނަ ވަސީލަތްތައް ފޯރުކޮށްދޭން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެކަމަކު ބަޖެޓްގެ ތާށިކަމާ ހެދި ގިނަ ކަންތައްތަކެއް މަޑުޖެހި ނުވަތަ ސްޕީޑްގައި ކުރެވެމުން ނުދާކަމަށް ޑރ. އާސިމް ދެކެވަޑައިގަންނަވަ އެވެ. ތައުލީމީ ނިޒާމްގައި ކަނޑައަޅާ މިސްރާބަށް ދަތުރުކުރެވޭނީ ނިންމާ ނިންމުންތައް ރަނގަޅަށް ތަންފީޒުވެގެންނެވެ. އެކަމަކު ބައެއް ސްކޫލްތަކުން މިފަހުން ގެނައި ބަދަލުން އެނގެނީ ތައުލީމީ ދާއިރާގައި ވެސް ކުއްލިކުއްލި އަށް ނިންމާ ނިންމުންތައް ގިނަ ކަމެވެ. އަދި މުޅި އަހަރަށް ވިސްނައިގެން އަޅާ ފިޔަވަޅުތައް ވެސް މާދަމާ އެހެން ގޮތަކަށް ބަދަލުވުމުގެ ފުރުސަތު ބޮޑުކަން ވެސް ދޭހަވެ އެވެ. އެތައް އަހަރެއްގެ މަސައްކަތުން ތަންފީޒުކުރަން ފަށާ ކަންކަން ފަސޭހައިން ބަދަލުވެގެން ނުވާނެ އެވެ. އޭރުން އަނެއްކާވެސް ޖެހޭނީ ހަމަ ކުރިން ވެސް ޖެހުނު ތަނުގަ އެވެ. ހުސް ޕްލޭންތަކެވެ. އަމަލީ ގޮތުން ސުމެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ