މުޅި އިއްތިހާދު ވެސް އެއްރޫހެއްގައި ސަރުކާރު ދެމެހެއްޓުމަށް މަސައްކަތް ކުރަން ޖެހޭ: ގައުމީ ޕާޓީ

ސަރުކާރު އިއްތިހާދުގައި ހިމެނޭ ހުރިހާ ޕާޓީތަކަކުން ވެސް އެއްރޫހެއްގައި ޑރ.މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރު ދެމެހެއްޓުމަށް މަސައްކަތް ކުރަން ޖެހޭ ކަމަށް ގައުމީ ޕާޓީން ބުނެފިއެވެ.
ގައުމީ ޕާޓީން މިމަހުގެ ވިހިވަނަ ދުވަހު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، ޑރ.ވަހީދުގެ ސަރުކާރަށް ބައިއަތު ހިފާފައިވާ ކޮންމެ ޕާޓިއަކުން ވެސް ވަޒީރުންގެ މަޖިލީހުގެ މަގާމުތަކުން ފެށިގެން ގޮސް ސަރުކާރުގެ ހިއްސާ އޮންނަ ކުންފުނިތަކުގެ އިސްމަގާމުތަކައި ހަމައަށް ސަރުކާރުހިންގުމުގައި ބައިވެރިވާ ކަމަށެވެ.
އެހެންކަމުން ސަރުކާރުގެ އެންމެ ފަހުގެ ނިންމުންތައް ނިންމެވުމުގައި ފުރިހަމައަށް ބައިވެރިވާ ހާލުގައި، ސަރުކާރުގެ އަގުވައްޓާލުމަށް ކުރީގެ ރައީސް ނަޝީދު ކުރައްވާ މަސައްކަތްތައް ބަލިކަށިކޮށް ފެއިލް ކޮށްލުމަށް ބަރުއަޅާ މަސައްކަތްކުރުމަކީ ސަރުކާރު ކޯލިޝަންގެ ހިމެނޭ ކޮންމެ ޕާޓީއަކުން ވެސް ކުރަން ޖެހޭ ކަމެއް ކަމަށެވެ.
ފުލުހުންނާ ސިފައިންނާ ދެކޮޅަށް ނިމިދިޔަ ހަފްތާ ތެރޭގައި އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުގެ މެމްބަރުން ރައްޔިތުންގެ މަޖިލީހަށް ވައްދާފައިވާ ކުއްލި މައްސަލައަށް އިޝާރާތްކޮށް މިބަޔާނުގައި ގައުމީ ޕާޓީން ބުނެފައިވަނީ، މަދު މެމްބަރުންކޮޅެއްގެ އެހީގައި ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތަކުގެ ނަހަމަ ބޭނުން ކުރައްވައިގެން ފުލުހުންނާއި ސިފައިން އަދި ސަރުކާރުގެ އަގުވައްޓާލައި ރައްޔިތުންގެ މެދުގައި ނަފްރަތާއި ބައިބައިވުން އުފެއްދުމަށް ނަޝީދު ކުރައްވާ މަސައްކަތަށް އެއްވެސް ފަރާތަކުން ވާގިވެރިވުމަކީ ރައްޔިތުންގެ ވިންދާއި ދެކޮޅަށް ކުރެވޭ މަސައްކަތެއް ކަމަށެވެ.
އަދި އެމްޑީޕީން ފުލުހުންނާއި ސިފައިންގެ ހީވާގި ޒުވާން ހިދުމަތްތެރީންނަށް މަލާމާތްކޮށް ފުރައްސާރަކުރަމުންދާ ދިއުމަކީ ފުލުހުންނާ ސިފައިންގެ އާއިލާތަކަށާއި މުޅިދައުލަތު އެންމެހާ ޚިދުމަތްތެރީންނަށް އިހްތިރާމް ނުކުރުން ކަމަށް ވެސް ގައުމީ ޕާޓީގެ ބަޔާނުގައި ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ