ރަލާއި އޫރުމަހާއި ސްޕާތަކުގެ މައްސަލާގައި ސަރުކާރަށް ސުޕްރީމް ކޯޓުގެ ލަފައަކަށް ނޭދެވޭނެ: ވަކީލުން
ބަންޑާރަ ނާއިބު އަބްދުﷲ މުއިއްޒު ވިދާޅުވެފައިވަނީ އެ މައްސަލަ އިއްޔެ ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ ރަލާއި އޫރުމަސް ވިއްކުމާއި ސްޕާތައް ހިންގުމާމެދު ހިޔާލު ތަފާތުވުންތަކެއް އުފެދިފައިވާތީ، ޝަރުއީ ދާއިރާ އިން އެކަމުގައި ކޮންމެހެން ގޮތެއް ކަނޑައަޅަން ޖެހޭނެ ކަމަށް ފެނިވަޑައިގަންނަވާތީ އެވެ. ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު އަދި ގާނޫނީ ވަކީލް މުހައްމަދު ނަޝީދު ވިދާޅުވީ ރަލާއި އޫރުމަސް ވިއްކުމާއި ސްޕާތައް ހިންގުމުގެ މައްސަލައަކީ ރައްޔިތުންގެ މަޖިލީހާއި ސަރުކާރު ގުޅިގެން ހައްލުކުރެވެން އޮތް ކަމެއް ކަމަށާއި އެކަމުގައި ސަރުކާރުން ސުޕްރީމް ކޯޓަށް ދެވޭނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ. "ގާނޫނު އަސާސީ އާއި ކޯޓުތަކުގެ ގާނޫނުތަކަށް ބަލާއިރު، ލަފައެއް ހޯދުމަށް ބަންޑާރަ ނައިބަކަށް ސުޕްރީމް ކޯޓަކަށް ނުދެވޭނެ. އެކަން ކުރެވޭނީ މަޖިލީހަށް،" ނަޝީދު ވިދާޅުވި އެވެ. އަދި މަޖިލީހުން ސުޕްރީމް ކޯޓުގެ ގާނޫނީ ލަފައަކަށް އެދެވޭނީ ގާނޫނު އަސާސީގައި ބުނެފައިވާ ގޮތްތަކުގެ މަތިން ކަމަށް އޭނާ ވިދާޅުވި އެވެ. ރަލާއި އޫރުމަސް ވިއްކުމުގެ މައްސަލަ އާއި ސްޕާތައް ހިންގުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހާއި ސަރުކާރު ގުޅިގެން ހައްލުކުރުމަށް ފަހަތަށް ޖެހުމަކީ ރަނގަޅު ކަމެއް ނޫން ކަމަށް ނަޝީދު ވިދާޅުވި އެވެ. ރަލާއި އޫރުމަސް ރާއްޖެއަށް އެތެރެކުރެވޭނެ ގޮތާއި ވިއްކޭނެ ގޮތުގެ އުސޫލްތައް ކަނޑައެޅުމަކީ ސަރުކާރާއި ރައްޔިތުންގެ މަޖިލިހުން ކުރެވޭނެ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ. އިދިކޮޅު ފަރާތްތަކުންނާއި ސަރުކާރުން ދީނުގެ ނަމުގައި އިގުތިސާދަށް އަސަރުކުރާ ފަދަ ވާހަކަތައް ދައްކަމުންދާ ކަމަށް އިޝާރާތްކުރައްވަމުން ނަޝީދު ވިދާޅުވީ "ސިޔާސީ ވާދަވެރިކަމުގައި ފަހަނައަޅައި ނުދާނެ ރޮނގުތަކެއް ]ހުރިހާ ފަރާތަކުން ވެސް[ ކަނޑައަޅަން ޖެހޭނެ" ކަމަށެވެ. ކުރީގެ މިނިސްޓަރު އަދި ގާނޫނީ ވަކީލް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވެސް ވިދާޅުވީ ރަލާއި އޫރުމަސް ވިއްކުމާއި ސްޕާތައް ހިންގުމާ ގުޅޭގޮތުން ގާނޫނީ ލަފަ އާއި މަޝްވަރާ ސަރުކާރަށް ދޭން ޖެހޭނީ ސްޕްރީމް ކޯޓުން ނޫން ކަމަށެވެ. އެއީ ބަންޑާރަ ނައިބުގެ މަސްއޫލިއްޔަތެއް ކަމަށް އޭނާ ވިދާޅުވި އެވެ. ޑރ. ޖަމީލް ވިދާޅުވީ ރަލާއި އޫރުމަހާއި ސްޕާތަކުގެ މައްސަލާގައި ސުޕްރީމް ކޯޓަށް ދާން ނުޖެހޭކަން ސާފުކަން އެންގެން އޮއްވައި އެ މަސްއޫލިއްޔަތު ބަންޑާރަ ނައިބު އަދާނުކުރައްވައި ސުޕްރީމް ކޯޓަށް ހުށަހެޅުއްވުމަކީ ގާނޫނީ ގޮތުން ކުރެއްވޭނެ ކަމެއް ނޫން ކަމަށެވެ. އަދި އެއީ ޒިންމާދާރުކަން ކުޑަ ގޮތެއްގައި ބަންޑާރަ ނައިބު ކުރެއްވި ކަމެއް ކަމަށް ވެސް ކަމަށް ޑރ. ޖަމީލް ވިދާޅުވި އެވެ. "ގާނޫނުތަކުގައި ކަންތައްތައް ކަނޑައަޅަނީ އެގޮތަށް އަމަލުކުރުމަށްޓަކައި އެކަމާ ގުޅިގެން ޝަރުއީ ކޯޓަކަށް ދާން ޖެހެނީ ކަން އޮތްގޮތެއް ސާފު ނުވަންޏާ. ރާއްޖެ އަށް ގެނައުން މަނާ ތަކެތީގެ ގާނޫނުގައި ވަރަށް ސާފުކޮށް ބުނެފައި އެބައޮތް ރާއްޖެ އަށް މިފަދަ ]ރަލާއި އޫރުމަސް ފަދަ[ ތަކެތި އެތެރެ ކުރެވެނީ ކޮން ގޮތަކުން ކަން،" ޑރ. ޖަމީލް ވިދާޅުވި އެވެ. ސުޕްރީމް ކޯޓުން ބެލޭނީ ދުސްތޫރީ ގޮތުން އުފެދޭ މައްސަލަތައް ކަމަށް ކޯޓުތަކާ ބެހޭ ގާނޫނުގައި ބުނެފައިވާ ކަމަށާއި ރަލާއި އޫރުމަސް އެތެރެކޮށް ވިއްކުމާއި ސްޕާތަކުގެ ހިދުމަތް ދިނުމުގައި ދުސްތޫރީ ދެބަސްވުމެއް ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ރާއްޖެ އަށް ރަލާއި އޫރުމަސް އެތެރެކުރަނީ ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދުތަކާ އެއްގޮތަށް ކަމަށް ޑރ. ޖަމީލް ވިދާޅުވި އެވެ. ރަލާއި އޫރުމަހުގެ މައްސަލައިގައި ބަންޑާރަ ނައިބު ހުށަހެޅުއްވި މައްސަލަ ސުޕްރީމް ކޯޓުން ބަލައިގެންފި ނަމަ އެކަމުގެ ސަބަބުން ކޯޓުތައް "ތޮއްޖެހުމުގެ ދޮރެއް" ހުޅުވިގެން ދާނެ ކަމަށް ވެސް ޑރ. ޖަމީލް ވިދާޅުވި އެވެ. ޓޫރިސްޓުންނަށް ހިދުމަތްދޭ ތަންތަނުގައި ރަލާއި އޫރުމަހުގެ އިތުރުން ސްޕާގެ ހިދުމަތް ދިނުމާ ބެހޭ ގޮތުން ދައުލަތުން ސުޕްރީމް ކޯޓަށް ގޮސްފައިވާއިރު، ރާއްޖޭގައި ރާ ވިއްކުން މަނާކުރުމަށް އެދި އަމިއްލަ ފަރާތަކުން ވަނީ މީގެ ދުވަސްތަކެއް ކުރިން ހައި ކޯޓަށް މައްސަލައެއް ވައްދާފައި ކަމަށް "ހަވީރަ"ށް އެނގިފައިވެ އެވެ. އަދި އެ މައްސަލައިގެ އަޑުއެހުމެއް ވަނީ އެ ކޯޓުގައި ބާއްވައިފަ އެވެ. ރިސޯޓްތަކުގައި ރަލާއި އޫރުމަހުގެ އިތުރުން ސްޕާ ހިންގިދާނެތޯ ސުވާލު ފެންމަތިވީ، އިސްލާމްދީނަށް ގޮވާލައި ޑިސެމްބަރު 23 ގައި ބޭއްވި ބޮޑު މުޒާހަރާގެ ޑިމާންޑްތަކާ އެކު އެވެ. ނަމަވެސް އެ މުޒާހަރާ ރޭވި ފަރާތްތަކުން ބުނަނީ ގޮވާލީ މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ ހަށިވިއްކާ ތަންތަން ބަންދުކުރުމާއި އެ ރަށްރަށުގައި ރާ ވިއްކުން މަނާކުރުމަށް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ