ހުސްވެފައިވާ އޮޑިޓަ ޖެނެރަލްކަމުގެ މަގާމަށް އައްޔަންކުރެއްވުމަށް ރައީސް ނަޝީދު މަޖިލީހަށް ހުށަހަޅުއްވާފައިވާ އެންޓި ކޮރަޕްޝަން ކޮމިޝަން )އޭސީސީ( ގެ ކުރީގެ ރައީސް އަލީ ރަޝީދު އުމަރަށް ރުހުން ދިނުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް އެޖެންޑާކުރި ނަމަވެސް ޕްރޮސީޖަރަލް މައްސަލަތަކެއް ހުރެދާނެ ކަމަށް ބަލައި އެ މައްސަލަ ރިޔާސަތުން މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ފަސްކުރެއްވީ އެމްޑީޕީގެ ޝަކުވާއަކާ ގުޅިގެން ކަމަށް އެ ނަން ދިރާސާކުރި ކޮމެޓީގެ މުގައްރިރު އަހުމަދު ނާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.
އަލީ ރަޝީދުގެ ނަން ދިރާސާ ކުރި މާލިއްޔަތު ކޮމެޓީގެ މުގައްރިރު އަދި މަޖިލީހުގެ ނާއިބު ރައީސް އަހުމަދު ނާޒިމް "ހަވީރަ" ށް ވިދާޅުވީ އެމްޑީޕީން މަޖިލީހުގެ ރައީސްގެ އަރިހުގައި ޝަކުވާކޮށްފައިވަނީ އަލީ ރަޝީދަށް ރުހުން ދިނުމަށް ކޮމެޓީގެ އަޣުލަބިއްޔަތު އޮތް ކަމަށް ބުނެ ކަމަށެވެ. ނަމަވެސް އެ މައްސަލަ ނިންމައި ނާޒިމް ސޮއިކުރައްވައި މަޖިލީހުގެ ރައީސަށް ފޮނުވި ރިޕޯޓުގައި ވިދާޅުވެފައިވަނީ އަލީ ރަޝީދަށް ރުހުން ނުދިނުމަށް ކޮމެޓީގެ އަޣުލަބިއްޔަތުން ނިންމާފައިވާ ކަމަށެވެ.
ކޮމެޓީގެ އަޣުލަބިއްޔަތުން ނިންމާފައިވާ ގޮތާ ހިލާފަށް މަޖިލީހުގެ ރައީސަށް ރިޕޯޓް ފޮނުވި ކަމަށް ބުނެ އެ މައްސަލަ ބަލައިދިނުމަށް އެމްޑީޕީގެ ޕާލަމެންޓްރީ ލީޑަރު އަދި ހުޅުހެންވޭރު ދާއިރާގެ މެމްބަރު ރީކޯ މޫސާ މަނިކު މަޖިލީހުގެ ރައީސްގެ ކިބައިން އެދިވަޑައިގެންނެވި ކަމަށް ނާޒިމް ވިދާޅުވި އެވެ.
ނާޒިމް ވިދާޅުވީ އޭގެ ޖަވާބު މަޖިލީހުގެ ރައީސަށް ދެއްވާފައިވާނެ ކަމަށާއި އަލީ ރަޝީދުގެ މައްސަލަ މާލިއްޔަތު ކޮމެޓީން ދިރާސާކޮށްފައިވާނީ ކޮމެޓީގެ 26 ވަނަ ބައްދަލުވުމުގައި ކޮމެޓީގެ އިއްތިފާގުން ނިންމާފައިވާ އުސޫލުތަކެއްގެ ދަށުން ކަމަށެވެ.
"ކޮމެޓީގެ އިއްތިފާގުން ނިންމާފައިވާނީ އަލީ ރަޝީދާ އިންޓަވިއުކުރުމަށް ފަހު އޭނާގެ އެވްރެޖް މާކްސް 75 ޕަސެންޓަށް ވުރެ މަތިން ލިބިވަޑައިގެންފި ނަމަ އޮޑިޓަ ޖެނެރަލް ކަމުގެ މަގާމަށް ރުހުން ދިނުމަށް މަޖިލީހަށް ހުށަހެޅުމަށް. އަދި އެ 75 ޕަސެންޓަށް ވުރެ މާކްސް ދަށްވެއްޖެނަމަ އަލީ ރަޝީދަށް ރުހުން ދިނުމަށް ނުފެންނަ ކަމަށް މަޖިލީހަށް ހުށަހެޅުމަށް ކޮމެޓީން އޮތީ އިއްތިފާގުވެފައި،" ނާޒިމް ވިދާޅުވި އެވެ. "އެކަމަކު ވަކިވަކި މެމްބަރުން ދެއްވި މާކްސްގެ އެވްރެޖަކީ 62 ޕަސެންޓް. އެހެންވެ ކޮމެޓީގެ އިއްތިފާގުން ނިންމި އުސޫލުގެ ދަށުން އަލީ ރަޝީދަށް 75 ޕަސެންޓަށް ވުރެ ދަށުން މާކްސް ލިބިވަޑައިގަތުމުން ރުހުން ދޭން ނުފެންނަ ކަމަށް ކޮމެޓީން ނިންމީ. އޭގައި މައްސަލައެއް އޮތް ކަމަކަށް އަޅުގަނޑު ނުދެކެން."
އޭނާ ވިދާޅުވީ އަލީ ރަޝީދަށް ރުހުން ދޭން ނުފެންނަ ކަމަށް ކޮމެޓީގެ ރިޕޯޓުގައި ފާހަގަކޮށްފައިވަނީ ކޮމެޓީގެ އިއްތިފާގުން ނިންމާފައިވާ ނިންމުމަށް ރިއާޔަތްކޮށް ކަމަށްވާ އިރު އެއީ އަޣުލަބިއްޔަތު ނެތް ރިޕޯޓެއް ކަމަށް ބުނެވޭނެ ޖާގައެއް ނޯންނާނެ ކަމަށެވެ.
ނާޒިމް ވިދާޅުވީ އަލީ ރަޝީދުގެ މާކްސް، ކޮމެޓީގެ 32 ވަނަ ބައްދަލުވުމުގައި އިއުލާންކުރުމުން، މާކްސް ދިނުމަށް ކުރިން ކޮމެޓީން އިއްތިފާގުވި އުސޫލު ބާތިލުކޮށް އަލީ ރަޝީދަށް ރުހުން ދެއްވުމަށް ކޮމެޓީގައި ވޯޓަކަށް ދިއުމަށް ހުޅުމީދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އިލްޔާސް ލަބީބް ހުށަހަޅުއްވައި ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު އަބްދުލް ޣަފޫރު މޫސާ ތާއީދުކުރެއްވި ކަމަށެވެ.
"އެ ހިސާބުން އެހެން މެމްބަރުން ވިދާޅުވި އެއީ ކޮމެޓީގެ 26 ވަނަ ބައްދަލުވުމުގައި ވަކި އުސޫލެއް ކަނޑައަޅައި ނިންމާފައިވާ ކަމެއް ކަމަށް. އެ އުސޫލު ދެން ބަދަލުނުކުރެވޭނެ ކަމަށް،" މުގައްރިރު ނާޒިމް ވިދާޅުވި އެވެ. "އެހެންވެ ރިއާސަތުން އަޅުގަނޑު ނިންމީ ކުރިން ކަނޑައެޅި އުސޫލުގެ ދަށުން ލިބުނު ނަތީޖާ ބަދަލުކުރުމަށް އަލުން ފުރުސަތު ނުދެވޭނެ ކަމަށް. އެ މައްސަލަ އެ ހިސާބުން ނިމުނީ ކަމަށް އަޅުގަނޑު ނިންމީ."
އޮޑިޓަ ޖެނެރަލް ކަމުގެ މަގާމަށް އަލީ ރަޝީދު އައްޔަންކުރުމުގެ މައްސަލަ މިއަދުގެ ޖަލްސާ އަށް އެޖެންޑާކުރުމަށް ފަހު އެކަން ރިއާސަތުން މަޖިލީހުގެ ރައީސް ފަސްކުރެއްވީ ކުއްލި ގޮތަކަށެވެ.
އަދި ކޮމެޓީގައި ހިމެނިވަޑައިގަންނަވާ ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދު އެކަން ނިޒާމީ ނުކުތާއެއްގައި ފާހަގަކުރެއްވުމުން ރިއާސަތުން އެއީ ކޮން ޕްރޮސީޖަރަލް މައްސަލަތަކެއް ކަމެއް ވިދާޅެއްނުވެ އެވެ. ޝާހިދު ވިދާޅުވީ ޕްރޮސީޖަރަލް މައްސަލަ ކޮމެޓީން ނިންމައިފި ނަމަ މާދަމާގެ ޖަލްސާ އަށް ވެސް އެ މައްސަލަ އެޖެންޑާކުރައްވާނެ ކަމަށެވެ.
ނާޒިމް މިއަދު ވިދާޅުވީ މާދަމާގެ ޖަލްސާ އަށް އެ މައްސަލަ އެޖެންޑާކުރައްވާނެ ކަމަށް މަޖިލީހުގެ ރައީސް މިއަދު އޭނާގެ އަރިހުގައި ވިދާޅުވެފައިވާ ކަމަށެވެ.
ނާޒިމް ވިދާޅުވި ގޮތުގައި އަލީ ރަޝީދުގެ ނަން ފޭލްވެފައި އޮތީ އިންޓެގްރިޓީގެ މައްސަލަތަކާ ގުޅިގެން ކަމަށާއި ކޮމެޓީގެ މެމްބަރުން އެންމެ ބޮޑަށް ފާހަގަކުރެއްވީ އިންޓެގްރިޓީ މައްސަލަ ކަމަށެވެ.
އެނގިފައިވާ ގޮތުގައި އޭސީސީ ފިޔަވައި ޝަރުއީ ކޯޓުތަކުން ކޮމެޓީ އަށް މައުލޫމާތު ދީފައިވަނީ އަލީ ރަޝީދު އުމަރުގެ އެއްވެސް މައްސަލައެއް ހުށަހަޅާފައިނެތް ކަމަށެވެ. އެހެން ނަމަވެސް އޭސީސީން މާލިއްޔަތު ކޮމެޓީ އަށް މައުލޫމާތު ދީފައިވަނީ، ހަވީރަށް އެނގިފައިވާ ގޮތުގައި، އޭނާއާ ބެހޭ މައްސަލައެއް ދިރާސާކުރަމުން ގެންދާ ކަމަށެވެ. އެއީ އޭސީސީގެ ރައީސް ކަމުގައި އަލީ ރަޝީދު އުމަރު ހުންނެވި ދުވަސްވަރު ބާރާއި ނުފޫޒު ބޭނުންކޮށްފައިވާ މައްސަލައެއް ކަމަށްވެ އެވެ.
ކުރީގެ އޮޑިޓަ ޖެނެރަލް އިބްރާހިމް ނައީމްގެ މައްޗަށް ހިޔާނާތުގެ ތުހުމަތުކޮށް މިދިޔަ މާޗް 29 ގައި ރައްޔިތުންގެ މަޖިލީހުން އޭނާ މަގާމުން ވަކިކުރުމުން، އެ މަގާމަށް އަލީ ރަޝީދު އައްޔަންކުރެއްވުމަށް ރައީސް މުހައްމަދު ނަޝީދު މަޖިލީހަށް ނަން ފޮނުއްވިއިރު އޭނާގެ މައްޗަށް ތަފާތު ތުހުމަތުތައް ދަނީ ކުރަމުންނެވެ. އެ ގޮތުން ކުރީގެ އޮޑިޓަ ޖެނެރަލް ނައީމްގެ ހިޔާނާތުގެ މައްސަލަތައް ފަޅާއަރުވާލި ސ. ހިތަދޫ، ރަންފަސް ހަސަން ލުތުފީ ގެންދަވަނީ އަލީ ރަޝީދު އުމަރު އޭސީސީގެ ރައީސް ކަމުގައި ހުންނެވި ދުވަސްވަރު ލުތުފީގެ އަގު ވެއްޓޭ ގޮތަށް ނޫސްބަޔާންތައް ނެރުއްވައި ހެއްދެވި ކަމަށް ވިދާޅުވެ ގެއްލުނު އަބުރުގެ ބަދަލު ހޯއްދެވުމަށް މަދަނީ ކޯޓުގައި ދައުވާ ކުރައްވަމުންނެވެ. އަދި ކޯޓުގައި މިހާރުގެ އޭސީސީން ބުނެފައިވަނީ ކޮމިޝަންގެ ލިޔެކިޔުންތައް ލުތުފީ ލީކްކޮށްލި ކަމަށް ބުނެ ބަޔާން ނެރުއްވީ އަލީ ރަޝީދު އުމަރު އަމިއްލަ އަށް ކަމަށާއި އެ ކަމަށް އޭސީސީން ޒިންމާވާން ނުޖެހޭ ކަމަށެވެ.
އޭސީސީން ކޯޓުގައި ބުނެފައިވަނީ އެ ކޮމިޝަނުގެ ޖަލްސާއެއް ބޭއްވޭނީ ދެ މެންބަރުންނަށް ވުރެ ގިނަ އިން ހާޒިރުވެގެން ކަމަށް ގާނޫނުގައި ބުނެފައިވާ ކަމަށެވެ. އަދި ކޮމިޝަނުގެ ކަމެއް ނިންމޭނީ ހާޒިރުވި މެންބަރުންގެ އަޣުލަބިއްޔަތުން ކަމަށް ގާނޫނުގައި ބުނާ ކަމަށް ވެސް އޭސީސީން ކޯޓުގައި ބުނެފައިވެ އެވެ. ނަމަވެސް ލުތުފީއާ ބެހޭ ގޮތުން އަލީ ރަޝީދު ބަޔާން ނެރުއްވީ އެ އުސޫލުތަކާ ހިލާފަށް ކަމަށް ވެސް އޭސީސީން ކޯޓުގައި ބުނެފައިވެ އެވެ.
އޮޑިޓަ ޖެނެރަލް ކަމަށް އަލީ ރަޝީދު އައްޔަންކުރުމުގެ މައްސަލަ ފަސްކުރީ އެމްޑީޕީގެ ޝަކުވާއަކާ ގުޅިގެން: މުގައްރިރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ