ޒަކީގެ ވާހަކަ އަށް ޑރ. ޝަހީދު ރައްދުދެއްވުން: ޒަކީގެ ވާހަކައިގެ ސަބަބުން އެއް ކެންޑިޑޭޓަކު ނެރުމުގެ ފުރުސަތު ހަނިވަމުންދާތަން އެބަފެނޭ:

މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް އިއުލާން ކުރައްވައިފައިވާ ކުރީގެ އެޓާނީ ޖެނެރަލް ޑރ. ހަސަން ސައީދަށް ތާއީދުނުކުރައްވާނެ ކަމަށް ވިދާޅުވެ އެމްޑީޕީގެ ނާއިބު ރައީސް އިބްރާހިމް ހުސެއިން ޒަކީ މިދިޔަ ހުކުރު ދުވަހު ދެއްކެވި ވާހަކައާ ގުޅިގެން ގައުމީ އެއްބައިވަންތަކަމުގެ ގުޅުމުގެ ފަރާތުން އެއް ކެންޑިޑޭޓަކު ނެރުމުގެ ފުރުސަތު ހަނިވަމުންދާ ކަމަށް ގައުމީ އެއްބައިވަންތަކަމުގެ ގުޅުމުގެ ތަރުޖަމާނު ޑރ. އަހުމަދު ޝަހީދު މިއަދު ވިދާޅުވެއްޖެ އެވެ.
ހަވީރުން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ޑރ. ޝަހީދު ވިދާޅުވީ ޒަކީގެ ވާހަކައިގެ ސަބަބުން ގައުމީ އެއްބައިވަންތަކަމުގެ ގުޅުމުގެ ތެރޭގައި ބައެއް މައްސަލަތައް ހުރިކަން އެނގިގެންދާ ކަމަށާއި އެއްބައިވަންތަކަމުގެ ގުޅުމުގެ އެހާ އިސް ވެރިއަކު އެފަދަ ގޮތަށް ވާހަކަ ދެއްކެވުމަކީ ވަރަށް ދެރަ ކަމެއް ކަމަށެވެ.
"ސިޔާސީ ބޭފުޅުން އެފަދަ ވާހަކައެއް ދައްކަވާނީ ވަރަށް ބޮޑު އަޑިއެއް އޮވެގެން. އަޅުގަނޑުމެން އިސްކަންދެނީ އެއް ކެންޑިޑޭޓަކު ނެރުމަށް ހުރިހާ ޕާޓީތައް ގުޅިގެން މަސައްކަތް ކުރުމުގެ ޖާގަ ތަނަވަސްވާ ގޮތަށް މަސައްކަތް ކުރުމަށް. ވަކި އާއިލާއެއްގެ އަހުލީ ވެރިކަމެއް އޮންނަ ގައުމަކަށް ރާއްޖެ ހެދުމަށް އަޅުގަނޑުމެން ތާއީދެއް ނުކުރަން. އެމްޑީޕީގެ ހުށަހެޅުންތަކުގައި އެބައުޅޭ ޑރ. ހަސަން ރަނިންމޭޓަކަށް ވުމާއި ވަކި ޕާޓީއަކަށް ނިސްބަތްވާ ބައެއްގެ ކެބިނެޓެއް ވެސް ހުށަހެޅުން. އެހެންވެ މި ރޫހު އެހާ ހިތްގައިމެއްނުވޭ. އަޅުގަނޑު ދެންނެވިން އެމްޑީޕީން ބޭނުންވާ ކެންޑިޑޭޓެއް ހުށަހަޅާށޭ އެކަމަކު އަޅުގަނޑުމެން އެބަޖެހޭ ކުރިން ގޮތެއް ނިންމަން،" ގައުމީ އެއްބައިވަންތަކަމުގެ ގުޅުމުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ ކުރީގެ ފޮރިން މިނިސްޓަރު ވިދާޅުވި އެވެ.
ޒަކީގެ ގޭގައި، އަމިއްލަ ގޮތުން އޭނާ ބޭއްވެވި ނިއުސްކޮންފަރެންސްގައި ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ވިދާޅުވީ ޑރ. ހަސަނަށް ތާއީދު ނުކުރައްވާނެ ކަމަށާއި "ހުދުމުހުތާރު ވެރިކަމެއްގެ ސަގާފަތުގައި ޖެހިފައި" ތިއްބެވި އެއްވެސް ކެންޑިޑޭޓަކަށް ރިޔާސީ އިންތިހާބުގައި ތާއީދުނުކުރައްވާނެ ކަމަށެވެ. އަދި ރައީސް މައުމޫނުގެ ކެބިނެޓުގައި 10 އަހަރު ވެފައި ވަނިކޮށް ކެބިނެޓުން ވަކިކުރައްވައިފައިވާ ޒަކީ ވިދާޅުވެފައި ވަނީ ރައީސް މައުމޫނުގެ ސަރުކާރަކީ ހުދުމުހުތާރު ވެރިކަމެއް ކަމަށާއި އެ ވެރިކަމުގައި މަސައްކަތްކުރެއްވި އެއްވެސް ބޭފުޅަކު ގަބޫލު ނުކުރައްވާނެ ކަމަށެވެ.
ޒަކީއާ އެކު ފޮރިން މިނިސްޓްރީގައި ވެސް މަސައްކަތް ކުރައްވައިފައިވާ ޑރ. ޝަހީދު ވިދާޅުވީ ޒަކީ އެ ގޮތަށް ވާހަކަ ދެއްކެވީ "ވަރަށް ބޮޑަށް އޮޅިވަޑައިގެން ހުންނަވައިގެން" ކަމަށާއި ޑރ. ހަސަނަކީ "ކޮން ކަހަލަ ބޭފުޅެއްކަން ޒަކީ އަށް ރަނގަޅަށް އެނގިވަޑައިނުގަންނަވާ" ކަމަށެވެ.
"ޒަކީއަށް އެ ހުންނެވީ ވަރަށް ބޮޑަށް އޮޅިވަޑައިގެންފައި. ޑރ. ހަސަން ސައީދު (އެޓާނީ ޖެނެރަލް ކަމުގެ) ހުވާކުރެއްވިއިރު، ޒަކީ ހުންނެވީ ކޯޓު ތުރުކުރައްވައިގެން ރައީސް ގުޅުއްވާތޯ ފޯނު ކައިރީގައި. ވަޒީރުކަމަށް ޒަކީ ވަޑައިގެންނެވީ 1993 ގައި. އެ ދުވަހު ޑރ. ހަސަން ސައީދު ކަހަލަ ބޭފުޅަކަށް ކެބިނެޓަށް ވަދެވުނު ނަމަ، މައުމޫނުގެ ވެރިކަން މިހާރަކު ނޯންނާނެ. އައްޑު އަތޮޅު ވިލިނގިއްޔާއި ހެރަތެރަ ވެސް އޮންނާނީ މާ ކުރިއްސުރެ ރިސޯޓަށް ބަދަލުވެފައި. އަޅުގަނޑުމެންގެ ގާނޫނުތައް ވެސް ހުންނާނީ މިހާރަށް ވުރެ އަވަހަށް އިސްލާހުކުރެވިފައި. ޑރ. ހަސަން ސައީދު ކެބިނެޓުގައި މަސައްކަތް ކުރެއްވި ގޮތާއި އެހެން ވަޒީރުން މަސައްކަތްކުރެއްވި ގޮތް ވަރަށް ކައިރިން ބަލަމުންދިޔަ މީހެއް އަޅުގަނޑަކީ. ޒަކީމެންގެ ޒަމާނުގައި ސަންދާނު އަހައްމައިދީމެން ތިބެންޖެހުނީ ޖަލުގައި. އެ މީހުން ޖަލުން ނެރުނު މީހުން އަޅުގަނޑުމެން، ޑރ. ހަސަންމެންނަކީ. ޒަކީ އަކީ ރާއްޖޭގައި ސިޔާސީ ޕާޓީ އޮންނަން ބޭނުންނުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގައި ވޯޓު ދެއްވި ބޭފުޅެއް. ޑރ. ހަސަނަކީ ސިޔާސީ ޕާޓީތަކަށް މަގުފަހިކޮށްދިން ބޭފުޅެއް،" ޒަކީ އަށް ރައްދު ދެއްވަމުން ޑރ. ޝަހީދު ވިދާޅުވި އެވެ.
ޑރ. ހަސަން މިއަދު ވިދާޅުވީ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ޗެއާޕާސަން މުހައްމަދު ނަޝީދު (އަންނި) ވާދަކުރައްވަން ގަސްދުކުރައްވާ ކަމަށާއި އޭނާގެ ރަނިންމޭޓަކަށް ވުމަށް އޭނާއަށް މިދިޔަ ހަފުތާގައި އަންނި ހުށަހަޅުއްވައިފައިވާ ކަމަށެވެ. ނަމަވެސް އެކަން އަންނި ދޮގުކުރައްވަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ