ބޭންކާ ބެހޭ ގާނޫނެއް ނެތުމުން ކޯޓު އަމުރެއް ދެވެން ނެތް ކަމަށް އިސް ގާޒީ ވިދާޅުވުމަކީ ގާނޫނީ ހަމަތަކަށް ފެތޭ ކަމެއް ނޫން: ރައީސް ނަޝީދު

ރާއްޖޭގައި ބޭންކާ ބެހޭ ގާނޫނެއް ނެތުމުން، އެއްވެސް ކަހަލަ ތަހުގީގެއް ކުރުމަށް އަމުރެއް ނެރެދެއްވެން ނެތް ކަމަށް ޖިނާއީ ކޯޓުގެ އިސް ގާޒީ އަބުދުﷲ މުހައްމަދު ވިދާޅުވުމަކީ ގާނޫނީ ހަމަތަކަށް ފެތޭ އަމަލެއް ނޫން ކަމަށް ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ދިވެހިރާއްޖޭގެ އަޑު މެދުވެރިކުރައްވާ ދެއްވި ރޭޑިއޯ ތަގުރީރުގައި ރައީސް ވިދާޅުވީ ބޭންކް އޮފް މޯލްޑިވްސްގެ އޯޑިޓް ރިޕޯޓާ ގުޅިގެން ކުރަމުން ގެންދާ ތަހުގީގަށް ބޭނުންވާ މައުލޫމާތު ހޯދުމަށް އެކަށީގެންވާ ހެތްކާ އެކު ހުށަހެޅުމުން "އަބްދުﷲ މުހައްމަދު އަމަލްކުރައްވާފައި ވަނީ އެފަދަ ބޭފުޅަކު އަމަލްކުރަން ޖެހޭ ގޮތަކަށް ނޫން" ކަމަށެވެ.
އަބްދުﷲ މުހައްމަދާ ބެހޭ ތަހުގީގެއް ކުރަން ކެބިނެޓުން މިދިއަ ބުރާސްފަތިދުވަހު ނިންމީ، ރައީސް ނަޝީދު، ވިދާޅުވި ގޮތުގައި، "ކުރިން ލިބިފައިވާ މައުލޫމާތުތަކުގެ މައްޗަށް ބުރަވެ" އެވެ. އެކަމަކު އެ ތަހުގީގު ކުރަންވާ ގޮތެއް ކެބިނެޓުން ނިންމާފައިވާ ނުވާ ކަމަށާއި ގާޒީއެއްގެ ސުލޫކީ މައްސަލައެއްގައި ތަހުގީގެއް ހިންގަން ޖެހޭ "މުއައްސަސާ އަކީ ހަމަކަށަވަރުން ވެސް ޖުޑިޝަލް ސާވިސް ކޮމިޝަން" ކަމަށް ރައީސް ވިދާޅުވި އެވެ.
އަބްދުﷲ މުހައްމަދާ ބެހޭ ގޮތުން "ކުރިން ލިބިފައިވާ މައުލޫމާތުތަކުގެ މައްޗަށް ބުރަވެ، އަހުލާގީ މިންގަނޑު ތަރުތީބުވެފައި ހުރި ގޮތް [ބެލުމަށް] ޖުޑިޝަލް ސާވިސް ކޮމިޝަނަށް ވާނީ ހުށަހަޅާފައި،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ކޯޓު އަމުރާ ގުޅޭ ގޮތުން ހައި ކޯޓުގައި އިސްތިއުނާފުކުރަން ސަރުކާރުން ފަސް ނުޖެހޭނެ ކަމަށެވެ.
ކެބިނެޓުގެ ނިންމުމަކީ ރާއްޖޭގެ މިނިވަން ޝަރުއީ ނިޒާމާ ބެހުން ކަމަށް ބުނެ ކުރީގެ ބަންޑާރަނައިބުންނާއި ރާއްޖޭގެ ގާނޫނީ އިސް މާހިރުން މީޑިއާގައި ދެއްކެވި ވާހަކަތަކަށް ވެސް ރައީސް ވަނީ ރައްދު ދެއްވައިފަ އެވެ.
"މުއައްސަސާއެއް ދިފާއުކުރުމަކީ ވަކި ކަމެއް. ވަކި ބޭފުޅަކު ދިފާއުކުރުމަކީ ވަކި ކަމެއް،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ "ސަރުކާރުން ޝަރީއަތަކާ ނުބެހޭނެ" ކަމަށެވެ. އެކަމަކު ގާޒީއެއްގެ ސުލޫކީ މިންގަނޑާ ބެހޭ ތަހުގީގުތައް ކުރުމަކީ "ނެތް ކަމެއް ނޫން" ކަމަށް ވިދާޅުވި އެވެ.
ރައީސްގެ ތަގުރީރު މި އައީ ޖިނާއީ ކޯޓުގެ އިސް ގާޒީ އޭނާގެ ދިފާއުގައި އިއްޔެ ވާހަކަ ދައްކަވާފައި ވަނިކޮށެވެ. އަބްދުﷲ މުހައްމަދު ވިދާޅުވީ އޭނާއާ ބެހޭ ތަހުގީގެއް ކުރަން ކެބިނެޓުން ނިންމީ "ތިން ބާރު ވަކިވެފައި އޮތުމުން ޝަރުއީ ދާއިރާ އަށް ސަރުކާރުން އަތްގަދަ ނުކުރެވިގެން" ކަމަށެވެ.
"އަމުރެއް ނެރެދިނުމަށް ކޯޓަށް ހުށަހަޅާ ކޮންމެ އަމުރެއް ނެރެދޭކަށް ކޮންމެހެން ނުޖެހޭ. އެއީ ނެރެން ޖެހޭ އަމުރެއްތޯ ބަލާފައި އަޅުގަނޑުމެން ނެރޭނީ. އަމުރު ނެރުމުގައި ބަލަން ޖެހޭ ކަންތައްތަކެއް ހުރޭ،" ޖިނާއީ ކޯޓުގެ އިސް ގާޒީ ވިދާޅުވި އެވެ. "ތިޔަ ބުނާ ބެންކް އޮފް މޯލްޑިވްސްގެ އޮޑިޓް ރިޕޯޓެއް އަޅުގަނޑުމެންނަށް ފެނިފައެއް ނެތް. ފުލުހުންގެ ތެރެއިން އެއްވެސް މީހަކު އެ ރިޕޯޓެއް އަޅުގަނޑުމެންނަކަށް ނުދައްކާ. އެ ރިޕޯޓެއްގައި އޮތް އެއްޗެއް ބަލާފައި އަޅުގަނޑުމެންނަށް އަމުރެއް ވެސް ނެރެވޭނީ."
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ