ބީޗު ވޮލީބޯޅަ ކޯޗިން ކޯސް ފަށައިފި

އިންޓަނޭޝަނަލް ވޮލީބޯލް ފެޑެރޭޝަން (އެފްއައިވީބީ) އާއި މޯލްޑިވްސް ވޮލީބޯލް އެސޯސިއޭޝަން (ވީއޭއެމް) ގުޅިގެން ބާއްވާ ބީޗު ވޮލީބޯޅަ ކޯޗިން ކޯސް މިއަދު މާލޭގައި ފަށައިފި އެވެ.
ކޯސް ފައްޓަވައިދެއްވީ ގައުމީ އޮލިމްޕިކް ކޮމެޓީގެ އޮނަރަރީ ޗެއާމަން އަދި ދިވެހި ކުޅިވަރަށް ގިނަގުނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ މުހައްމަދު ޒާހިރު ނަސީރެވެ.
ހެންވޭރު ބޯޅަގޭގައި ފެށި ކޯހުގައި 18 ފަރާތަކުން ބައިވެރިވެފައިވާކަމަށް ވޮލީބޯލް އެސޯސިއޭޝަނުން ބުނެ އެވެ.
ރާއްޖޭގައި ބީޗް ވޮލީބޯޅަ ފަށައިގަތުމަށް އެސޯސިއޭޝަނުން ކުރަމުންދާ މަސައްކަތުގެ ދަށުން ފުރަތަމަ ފަހަރަށް ބާއްވާ ބީޗު ވޮލީބޯޅަ ކޯޗިން ކޯހުގައި ކިޔަވައިދެއްވަނީ އެފްއައިވީބީގެ ތަޖުރިބާކާރެކެވެ. މިއަދުން ފެށިގެން ފަސް ދުވަހުގެ މުއްދަތަށް ހިންގާ ކޯސް ކުރިން ފަށަން އޮތީ ޖުލައި 1 ގަ އެވެ. ނަމަވެސް އިންސްޓްރަކްޓަރަށް އާދެވެން ނެތުމުން ފަސްކުރީ އެވެ.
ބީޗު ވޮލީ ކުޅެން މާލޭ ހެދިގޮނޑުދޮށް ސަރަހައްދުގައި މިހާރު އަންނަނީ ކޯޓެއް އަޅަމުންނެވެ. މި ކޯޓުގެ މަސައްކަތް ނިމުމުން ތިން މުބާރާތެއް މި އަހަރު އޮންނާނެ އެވެ. އެކަމަކު ކޯޓު ހެދުން ލަސްވެގެން ބީޗު ވޮލީ ލީގު ވަނީ ކެންސަލްކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ