ޕްރައިމަރީއަކަށް ނުގޮސް ރިޔާސީ ޓިކެޓް ވަކި ބޭފުޅަކަށް ދިނުމުން ޑީއާރުޕީ އަށް ވަނީ މާލީ ދަތިކަން ކުރިމަތިވެފައި: އުމަރު ނަސީރު

ޑީއާރުޕީ އަށް މިއަދު މާލީ ގޮތުން ގޮންޖެހުންތައް ކުރިމަތިވެފައި ވަނީ ޕްރައިމަރީ އަކަށް ނުގޮސް ރިޔާސީ ޓިކެޓް މިދިޔަ ކޮންގްރެސްގައި ވަކި ބޭފުޅަކަށް ދިނުމުން ކަމަށް އެ ޕާޓީގެ ޑެޕިއުޓީ ލީޑަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
ޑީއާރުޕީގެ ބައެއް މުވައްޒަފުންނަށް މުސާރަ ނުލިބިގެން އެ މީހުން އެ ޕާޓީގެ ޑެޕިއުޓީ ލީޑަރުންނަށް ފޮނުވި ސިޓީއެއްގެ ޖަވާބުގައި އުމަރު އެ މީހުންނަށް ބުދަ ދުވަހު ފޮނުއްވި ސިޓީއެއްގައި ބުނެފައި ވަނީ، ޕްރައިމަރީއަކަށް ދޮރު ހުޅުވި ނަމަ މުވައްޒަފުންގެ މުސާރަ އާއި ފޯނު ބިލާއި ތަނުގެ ކުލި ވެސް ދައްކާނެ މީހުން ވާނެކަން ކަށަވަރު ކަމަށެވެ. އަދި އެ ސިޓީގައި އުމަރު ވިދާޅުވެފައި ވަނީ ރިޔާސީ ޓިކެޓް ވަކި ބޭފުޅަކަށް ލިބިވަޑައިގެން އެހެން މީހުންނަށް އެ ދޮރު ބަންދުވިކަން އިއުލާން ކުރުމަކީ ޕާޓީ އަށް ލިބުނު ވަރަށް ބޮޑު ގެއްލުމެއް ކަމަށެވެ.
"އަޅުގަނޑު ވެސް ގަބޫލުކުރާ ގޮތުގައި މި ޕާޓީގެ ރިޔާސީ ޓިކެޓް "އަން" ކިޔާފައި އެއްވެސް ބޭފުޅަކަށް އަރުވާނަމަ އެ ޓިކެޓްގެ ހައްގު ވެރިޔަކީ މިހާރު ވެސް އެ ޓިކެޓް އެރުވިފައިވާ ފަރާތެވެ. އޭނާ ވަނީ އޮޔާއި ވައިގައި މި ޕާޓީ އަށް ހިދުމަތް ކުރައްވައިފަ އެވެ. ނަމަވެސް "ޕްރައިމަރީ" އަކުން އެ ޓިކެޓް ހާސިލްކުރަން ދޮރު ހުޅުވާލިނަމަ އެ ބޭފުޅާ އަށް ވެސް އެފަދަ އެހެން ބޭފުޅުންނަށް ވެސް އެ ފުރުސަތު އޮތުމުން ޕާޓީގެ ޒިންމާތައް ބޮލުގައި އަޅާނޭ ބޭފުޅުން ގިނަވީސްކަން ކަށަވަރެވެ،" މުސާރަ ނުލިބޭ ކަމަށް ބުނާ 12 މީހަކަށް ފޮނުއްވި ސިޓީގައި އުމަރު ވިދާޅުވެފައި ވެ އެވެ. އުމަރަކީ، ރިޔާސީ ޓިކެޓް ދޭން ފަރާތެއް ހޮވުމަށް ޕްރައިމަރީއަކަށް ދާން ޖެހޭ ކަމަށް ޑީއާރުޕީގެ އެންމެ ފަހު ކޮންގްރެސްގައި އެންމެ ބޮޑަށް ވަކާލާތު ކުރެއްވި ބޭފުޅެވެ.
ޑީއާރުޕީގެ އެ ކޮންގްރެސްގައި ނިންމާފައި ވަނީ ރިޔާސީ އިންތިހާބުގައި އެ ޕާޓީގެ ފަރާތުން ނުކުންނަވާނީ ޕާޓީގެ ލީޑަރަކަށް ހުންނަވާ ބޭފުޅާ ކަމަށެވެ. އަދި ޕާޓީގެ ލީޑަރަކަށް އެ ކޮންގްރެސްގައި އިންތިހާބުވެ ވަޑައިގެން އެ ޓިކެޓް ލިބިވަޑައިގެންފައި ވަނީ އަހުމަދު ތަސްމީން އަލީ އަށެވެ.
އުމަރު ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ ކައިރި މުސްތަގުބަލެއްގައި ވެސް އެ މީހުންގެ މުސާރަ ހަމަޖެހޭނެ ކަމަށް ފެނިވަޑައިނުގަންނަވާ ކަމަށެވެ.
"މިހެން ކަމުން ތިޔަ ބޭފުޅުން މި ވަޒީފާއި ތިބޭނީތޯ ނުވަތަ ނޫންތޯ ނިންމެވުން ތިޔަ ބޭފުޅުންގެ އަތްމައްޗަށް އަޅުގަނޑު ދޫކޮށްލަމެވެ. ... ތިޔަ ބޭފުޅުންގެ މުސާރަ ހަމަޖެއްސޭ ވަރަށް ފައިސާ ހޯދޭތޯ ކެނޑިނޭޅި މަސައްކަތްކޮށް އަދި އަލިމަގެއް ފެނުފައި ނުވާ ވާހަކަ ހިތާމައާ އެކު ދެންނެވީމެވެ،" ސިޓީގައި ވެ އެވެ.
ހަވީރަށް އެނގިފައިވާ ގޮތުގައި ސިޓީ ފޮނުވި 12 މުވައްޒަފުންގެ ތެރެއިން ބައެއް މީހުންނަށް މިދިޔަ ސެޕްޓެމްބަރު މަހުން ފެށިގެން އަދި އަނެއް ބަޔަކަށް މި އަހަރުގެ ޖެނުއަރީން ފެށިގެން މުސާރަ ނުލިބެ އެވެ. އަދި މިހާތަނަށް އެ މުވައްޒަފުން ހަރަދު ކުރަމުންދަނީ އަނބުރާ ފައިސާ ދައްކާ ގޮތަށް ފައިސާ ހޯދައިގެން ކަމަށް ވެސް އެ މުވައްޒަފުން ސިޓީގައި ބުނެފައިވާ ކަމަށް އެނގިފައި ވެ އެވެ.
އުމަރުގެ ސިޓީގައި ވިދާޅުވެފައި ވަނީ ޑީއާރުޕީ އަށް ދިމާވެފައިވާ ފައިސާގެ މައްސަލަތަކަކީ އެ ޕާޓީގެ ހައިބަތާއި ގަދަރަށް އުނިކަން ގެނެސްދޭ އަދި ޕާޓީގެ މެމްބަރުން މާޔޫސްކަމާއި ލަދުވެތިކަން ގެނެސްދޭނެ ކަމެއް ކަމަށެވެ. އަދި އެކަން ހައްލު ކުރުމަށް ޑީއާރުޕީ އަށް ބޭނުންވަނީ އުމަރު ވިދާޅުވެފައިވާ ގޮތުގައި ފައިސާ ހުރި އެކި ފަރާތްތައް ޕާޓީ އަށް ދޯޅުކޮށްދޭ ސިޔާސަތެކެވެ. އަދި އެއީ ރިޔާސީ ޕްރައިމަރީއަކަށް ދިއުން ކަމަށްވާއިރު އެކަން ނުވުމަކީ ދެން އެހެން ފަރާތްތައް ޕާޓީއާ ދުރަށް ދިޔައީ ކަމަށް ވެސް އުމަރު ވިދާޅުވި އެވެ.
"ނިމިގެންދިޔަ ކޮންގްރެސްގައި ޕާޓީގެ ރިޔާސީ ޓިކެޓް ޕްރައިމަރީއަކަށް ހުޅުވާލިނަމަ، އެތައް ބަޔަކު ޕާޓީއާ ކައިރިވެ، މި ޕާޓީ އަކީ އެ އެންމެން ހަރަދުކުރާ އެންމެންގެ އެއްޗެއް ކަމުގައި ދެކި ޕާޓީގެ ތިޔަފަދަ މައްސަލަތައް އެކި މީހުން އަމިއްލަ ބޮލުގައި އަޅައި މުޅި އިދިކޮޅު ހަރަކާތަށް އާރޯ ތާޒާ ކަމެއް ލިބިގެން ދިޔައީސްކަން ކަށަވަރެވެ. ނަމަވެސް އަޅުގަނޑުމެން ދައްކަމުން ދިޔަ ވާހަކަތަކަށް ސަމާލުކަން ނުދީ ޕާޓީގެ އެތައް ހާސް މެމްބަރުންނެއް "ޕްރައިމަރީ" އެދިއެދި ތިއްބާ ޕްރައިމަރީގެ އިސްލާހަށް ވޯޓަށް ވެސް ނާއްސަވައި ރިޔާސީ ޓިކެޓް ވަކި ބޭފުޅަކަށް އަރުވައި އެ ޓިކެޓުގެ ދަހިވެތި ކަމުގައި ދުރާ ގާތުން ބައްލަވަން ތިއްބެވި ބޭފުޅުންގެ މޫނު މައްޗަށް ދޮރު ލެއްޕުނީމަ ދެން ޕާޓީގެ ހުރިހާ ކަމެއް އައިސް މި އެޅުނީ އެންމެ ބޭފުޅެއްގެ އިސްތަށިފުޅުގަ އެވެ،" އުމަރު ވިދާޅުވެފައި ވެ އެވެ.
މި ސިޓީއާ ގުޅޭ ގޮތުން އުމަރު ވެސް މިއަދު ވިދާޅުވީ މުސާރައިގެ މައްސަލައިގައި 12 މުވައްޒަފަކު ސޮއިކޮށް ފޮނުވި ސިޓީއަކަށް މިދިޔަ ބުދަ ދުވަހު ޖަވާބު ދެއްވާފައިވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ