ބައެއް ރަށްރަށަށް އުދަ އެރުން އެކަށީގެންވާ: މެޓް އޮފީސް

ރާއްޖޭގެ ކަނޑުތައް މިހާރު އާދައިގެ ވަރަކަށް މަޑުވި ނަމަވެސް، ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އުދައިގެ އަސަރު ބައެއް ރަށްރަށަށް ކުރުން އެކަށީގެންވާ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ބުނެފި އެވެ.
ނިމިދިޔަ ހަފްތާ އަކީ ރާއްޖޭގެ ކަނޑުތައް ވަރަށް ގަދަވި ދުވަސްކޮޅަކަށްވި ނަމަވެސް މެޓު އޮފީހުން ބުނީ މިހާރު ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށެވެ.
އެކަމަކު ބައެއް ރަށްރަށަށް ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އުދަ އެރުން އެކަށީގެންވާ ކަމަށް އެ އިދާރާ އިން ބުނެ އެވެ.
އޭގެ އިތުރުން އުތުރުގެ އެކި ހިސާބަށް ވިއްސާރަ ކުރުމާއެކު ގުގުރާނެ ކަމަށާއި އެހެން ހިސާބުތަކަށް ކެރީގެ އަސަރު ފޯރި ނަމަވެސް މޫސުން އާއްމު ގޮތެއްގައި ރަނގަޅު ވާނެ ކަމަށް ވެސް މެޓް އޮފީހުން ވަނީ ބުނެފަ އެވެ.
ވައި ޖެހޭނީ އުތުރުގެ އަތޮޅުތަކަށް ދެކުނާއި ހުނޅަގު ދެކުނުން ގަޑިއަކު 06 މޭލާ 15 މޭލާ ދެމެދުގެ ބާރު މިނުގައި އަދި އެހެން ހިސާބުތަކަށް އިރު ދެކުނާއި ދެކުނުން ގަޑިއަކު 03 މޭލާއި 13 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށް މެޓް އޮފީހުން ވަނީ ބުނެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ