ކަރަންޓު ބިލުތައް އާދަޔާ ހިލާފަށް ބޮޑުވި މައްސަލަ މަޖިލީހަށް

ޖޫން މަހުގެ ކަރަންޓު ބިލު ބޮޑުވެފައިވާ ކަމުގެ ޝަކުވާތަކާއެކު، އެ މައްސަލައިގައި ސްޓެލްކޯ ޖަވާބުދާރީ ކުރުވުމަށް ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ހުށަހަޅައިފި އެވެ. ކޮވިޑް19 އާއި ގުޅިގެން ސަބްސިޑީ ދޭން ފެށުމުގެ ކުރީ މަސްތަކާއި އަޅާކިޔާއިރުވެސް ޖޫން މަހުގެ ކަރަންޓު ބިލު ދެގުނަ، ތިން ގުނަ އަދި ހަތަރު ގުނަވެސް ބޮޑުވެފައިވާކަމުގެ ޝަކުވާ ލިބެމުންދާތީ، މަޖިލީހުގެ ކަމާއިބެހޭ ކޮމިޓީއިން އެކަނ އިތުރަށް ބަލައިދިނުމަށް އެދިވަޑައިގެން މަޖިލީހަށް ހުށަހަޅުއްވާފައި ވަނީ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަހްމަދު ނަސީމެވެ. ޖޫން މަހުގެ ކަރަންޓު ބިލު އެތައް ގުނައެއް ބޮޑުވެފައިވާކަމަށް ބުނެ ގިނަ އަދަދެއްގެ ބަޔަކު އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ. އެކަމާ ގުޅިގެން ސްޓެލްކޯއިން ބުނެފައި ވަނީ ބިލުތައް ބޮޑުވެފައިވާ ކަމަށް ފެންނަނީ މާލެ ފުރަބަންދު ކުރުމާ ގުޅިގެން ސަރުކާރުން ދިން ސަބްސިޑީ ކަނޑާލުމާއި ގުޅިގެން ކަމަށެވެ. https://twitter.com/STELCOMALDIVES/status/1278410129960890369 ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް އެނގޭ ކަމަށާއި، މިހާރު އެކަން ބަލަމުން އަންނަ ކަމަށް ސްޓެލްކޯ އިން ވަނީ ބުނެފަ އެވެ. މެމްބަރު މީކާއިލް މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ މާލޭގެ ގޭގެއަށް މިދިޔަ މަހުގެ ކަރަންޓު ބިލު އައިއިރު އެބިލުތައް އާދަޔާ ހިލާފަށް ބޮޑުވެފައިވާކަމުގެ ޝަކުވާ، މެމްބަރުގެ ދާއިރާގެ ގިނަ އަދަދެއްގެ ރައްޔިތުންގެ ފަރާތުން ލިބެމުން އަންނަ ކަމަށެވެ. ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަހްމަދު ނަސީމް-- ފޮޓޯ/ މަޖިލިސް އަދި އެބިލުތައް ބޮޑުވެފައިވާ ކަމަށް ފެންނަނީ ފުރަބަންދާ ގުޅިގެން ސަރުކާރުން ދިން ސަބްސިޑީ ކަނޑާލުމާއި ގުޅިގެންކަމަށް ސްޓެލްކޯއިން ބުނެފައިވީ ނަމަވެސް، ފުރަބަންދު އައުމުގެ ކުރީ މަސްތަކުގެ ކަރަންޓު ބިލާއި އަޅާކިޔާ އިރުވެސް ޖޫން މަހުގެ ބިލު ދެގުނަ، ތިންގުނަ، އަދި ހަތަރު ގުނަވެސް ބޮޑުވެފައި ހުރިކަމަށެވެ. "އެހެންކަމުން ކޮވިޑް19އާ ގުޅިގެން ރައްޔިތުންނަށް މާލީގޮތުން އިންތިހާއަށް ދަތިވެފައިވާ މިދަނޑިވަޅުގައި ޖޫން މަހުގެ ކަރަންޓު ބިލު އާދަޔާ ހިލާފަށް ބޮޑުކޮށްފައިވާ ސަބަބު، މަޖިލީހުގެ ކަމާގުޅޭ ކޮމިޓީ މެދުވެރިކޮށް އޮޅުންފިލުވައި ދެއްވައި ސްޓެލްކޯ ޖަވާބުދާރީ ކޮށްދެއްވުން އެދި ދެންނެވީމެވެ." މީކާއީލް ވިދާޅުވެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ