ފުސް ނަކަތުގެ މޫސުން ގޯސްވެ ރާޅު އަރާނެ

ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ ހުރިހާ ސަރަހައްދެެއްގައި ކަނޑައި ވައި ގަދަވެ، ބައެއް ވިއްސާރަ ކުރާނެ އިރު، ބައެއް ރަށްރަށަށް އުދަ އަރާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ލަފާ ކޮށްފި އެވެ.
މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް އިން މިއަދު ވަނީ އުތުރުގެ ހއ. އަތޮޅުން ފެށިގެން ދެކުނުގެ އައްޑު އަތޮޅާ ހަމައަށް ވައިޓް އެލާޓެއް ވެސް ނެރެފަ އެވެ. އެ ވައިޓު އެލާޓުގައިވާ ގޮތުން، މިއަދު ހެނދުނުގެ 10:00 އން މެންދުރުފަހު 3:00 އާ ހަމައަށް ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ބޯކޮށް ވާރޭ ވެހޭނެ އެވެ.
މެޓް އޮފީހުން ބުނި ގޮތުގައި އެ ވަގުތުތަކުގައި ގަޑިއަކު 22 މޭލާއި 27 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ އެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 50 މޭލާއި 55 މޭލާ ދެމެދުގެ ބަރު މިނުގައި ވައި ޖެހޭނެ އެވެ. ބޯކޮށް ވާރޭ ވެހި، ކަނޑުގަދަވެ، ރަށްރަށަށް ރާޅާއި އުދަ އެރުމުގެ ފުރުސަތު ވެސް އޮތް ކަމަށް ވެސް ލަފާކޮށްފައި ވެއެވެ.
ބޮޑު ސަރަހައްދަކަށް ލެޔޯ އެލާޓް
މެޓް އޮފީހުން އެންމެ ފަހުން އާންމު ކުރި ފޯކާސްޓްތަކުގައިވާ ގޮތުން މިއަދު މެންދުރު 12:00އިން ފެށިގެން ހަވީރު 4:00 އާ ހަމައަށް ހއ. އަތޮޅުން ފެށިގެން ލ. އަތޮޅާ ހަމައަށް މޫސުން ގޯސްވާނެ އެވެ. އަދި އެ ވަގުތަކުގެ މޫސުމަށް ބަލައި އެ ސަރަހައްދުތަކަށް މެޓް އޮފީހުން ވަނީ ލެޔޯ އެލާޓެއް ނެރެފަ އެވެ.
މެޓުން ލަފާ ކުރާ ގޮތުގައި، ހއ. އިން ފެށިގެން ލ. އާ ހަމައަށް ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ގަދަވާނެ އެވެ. އަދި ވިލާގަނޑުގައި އެ ސަރަހައްދުތަކަށް ގަޑިއަކު 50 މޭލާއި 55 މޭލަށް ދެމެދުގެ ބާރު މިނުގައި ވައި ގަދަވާނެ އެވެ.
ކަނޑުމަތީގެ ދެ ހާދިސާއެއް، އެކަކު ގެއްލިފައި
ރާއްޖެއަށް މޫސުން ބަނަވެފައިވާއިރު ފާއިތުވި ދެ ދުވަހު ކަނޑުމަތީގެ ދެ ހާދިސާއެއް ހިނގައި މީހަކު ކަނޑަށް ގެއްލިފައި ވެއެވެ.
ގެއްލުނީ މިދިޔަ ބުރާސްފަތި ދުވަހު މެންދަމު މާލޭން އދ. މަންދޫއަށް ދަތުރުކުރި ދޯންޏެއްގައި ހުރި މަންދޫ، ރަތްވިލާގޭ އަލީ ޝާހު 27، އެވެ. ދޯނީގައި އޭނާ ނެތްކަން އެނގުނީ ދަތުރު ނިންމައި މަންދޫ ފަޅަށް ވަން ފަހުން ކަމަށް އެ ދޯނީގެ ކެޕްޓަން ބުނެފައި ވެއެވެ. ގެއްލިގެން ހޯދަމުން އަންނަ ޝާހަކީ ހޯމް ކަރަންޓީނަށް ދިޔަ މީހެކެވެ.
މީގެ އިތުރުން، މަސްވެރި ކަމަށް ނުކުމެ އުޅުނު ދޯންޏެއް ވެސް އަޑިއަށް ގޮސް އޭގެ ތިބި ނުވަ މީހަކު ކަނޑުވެފައި ވަނިކޮށް ސަލާމަތް ކުރި އެވެ. އެ ހާދިސާގައި އެއިން މީހަކަށް ގެއްލުމެއް ނުވި ނަމަވެސް އެކެއްގެ ހާލު ދެރަވި އެވެ. އެ ދޯނި އަޑިއަށް ދިޔައީ މޫސުން ގޯސްވެ ކަނޑު ގަދަ ވުމުގެ ސަބަބުން ދިޔަވެގެނެވެ. ކަނޑުވި މީހުން ސަލާމަތް ކުރީ މަހަށް ނުކުމެ އުޅުނު އެހެން ދޯންޏަކުންނެވެ.
އެންޑީއެމްއޭގެ އިރުޝާދުތަކެއް
މިއަދުގެ އެކި ވަގުތުތަކުގައި ކަނޑުގަދަވެ ބައެއް ރަށްރަށަށް ރާޅާއި އުދަ އަރާނެ ކަމަށް ލަފާ ކޮށްފައިވާތީ، އުދައިގެ ސަބަބުންނާއި ގަދަ ވައިގެ ސަބަބުން ގޯތި ގެދޮރާއި މުދަލަށް ގެއްލުންތައް ލިބިދާނެތީ ރައްކާތެރި ވުމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ވަނީ އިލްތިމާސެއް ކުރުމާއެކު އިރުޝާދުތަކެއް ވެސް ދީފަ އެވެ.
މޫދާ ކައިރީގައި ހުންނަ ގެތަކާއި އެހެން ގޭގެއަށް ފެން ނުވަންނާނެ ގޮތަށް ވެލިބަސްތާ ޖެއްސުން ގޭތެރޭ ފެންބޮޑުވެއްޖެ ނަމަ އުސް ތަންތަނަށް މުދާ ބަދަލު ކުރުންފުރާޅު އެއްލާލަފާނެ ކަމަށް ލަފާ ކުރެވޭނަމަ ކުރިއާލާ ފިޔަވަޅު އެޅުންގަދަ ވައިގެ ސަބަބުން އެއްލާލަފާނެ މުދަލާއި ތަކެތި ރައްކާތެރިކުރުންއިލެކްޓްރޯނިކް ސާމާނާއި ކަރަންޓް މެޝިންތައް ނިއްވާލުން ދަތުރު ކުރާނަމަ ސަލާމަތީ ކަންކަމާއި މުއާސަލަތީ ނިޒާމް ފުރިހަމަ ކުރުން
މޫސުމުގެ ފޮޓޯ ގެލަރީ
ހުޅަނގުގެ މޫސުން ގޯސް ނަކަތެއް
މިދިޔަ ހަފުތާއިން ފެށިގެން ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ބޯކޮށް ވާރޭ ވެހި، ބައެއް ރަށްރަށަށް އުދަ އަރާފައިވާއިރު މިހާރު ހިނގަމުން މި ދަނީ ހުޅަނގު މޫސުމުގެ އަށް ވަނަ ނަކަތް ކަމަށްވާ ފުސް ނަކަތެވެ. މި ނަކަތް ޖުލައި 15 އިން ފެށިގެން 28 އަށް ދެމިގެން ދާނެ އެވެ. މި ނަކަތުގައި އުޑުމަތީގައި ފުސް ވިލާ ގިނަވެފައި ބޯކޮށް ވާރޭ ވެހުން ގިނަވާނެ އެވެ.
މި ނަކަތާއެކު އަންނަ ވިއްސާރަ، މި މޫސުމުގެ ނުވަވަނަ ނަކަތް ކަމުގައިވާ އަހުލިހަ އާއި ދިވަނަ ނަކަތް ކަމުގައިވާ، މާ ނަކަތުން ނެއްޓި ފުރަ ނަތަކުގެ މެދާ ހަމައަށް ދެމިގެން ދާނެ އެވެ. އަހުލިހަ އާއި މާ ނަކަތުގައި ވެސް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ