ސަފާރީ ކޭސް: ޖިންސީ ގޯނާއަށް ވުރެ ބޮޑު ކަމެއް ހިނގި ކަމަށް ބެލެވޭ

މިދިޔަ މަހުގެ ފަހުކޮޅު ހުޅުމާލޭ ފަޅުގައި އޮތް ސަފާރީއެއްގައި ޖިންސީ ގޯނާއަށް ވުރެ ބޮޑު ކަމެއް ކެންޔާގެ އަންހެން މީހާއާ މެދު ހިންގާފައި އޮތުމަކީ އެކަށީގެންވާ ކަމެއް ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް، އަބްދުލް މަންނާނު ޔޫސުފް ވިދާޅުވީ އެ މައްސަލައިގައި އަނިޔާ ލިބުނު މީހާ ފުލުހުންނަށް ދިން ބަޔާނުގައި އޭނައަށް ޖިންސީ ގޯނާގެ އަމަލެއް ބަޔަކު ފުރަތަމަ ހިންގާފައި ދެވަނަ ފަހަރު ވެސް އޭނާއާ ދިމާލަށް އެފަދަ އަމަލެއް ހިންގަން އެމީހުން އަންނާތީ އެކަން ސަލާމަތްވުމަށް މޫދަށް ފުންމާލީ ކަމަށެވެ.
އެގޮތުން އަންހެނަކު ދަންވަރު ގަޑިއެއްގައި މޫދަށް ފުންމާލާނީ ބޮޑު ކަމެއް ދިމާވެގެން ކަމަށް ފުލުހުންނަށް ވެސް ގަބޫލު ކުރެވޭ ކަމަށާއި އެގޮތުން ސަފާރީގެ ތެރޭގައި ޖިންސީ ގޯނާއަށް ވުރެ ބޮޑު ކަމެއް ހިނގާފައި އޮތުމަކީ އެކަށީގެންވާ ކަމެއް ކަމަށްވެސް މަންނާނު ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ ނިޔަތަކީ ފަހަރެއްގައި އަޅުގަނޑުމެން ގަބޫލުކުރަމޭ އެއަށްވުރެ ބޮޑު ކަމެއް އެތާ ހިނގާފައި އޮވެދާނޭ. ގޯނާއަށް ވުރެ ބޮޑު ކަމެއް ހިނގާފައި އޮވެދާނޭ. އެހެންވީމަ އަޅުގަނޑުމެންގެ މަގުސަދަކަށް ވާނީ އެކަން ތަހުގީގު ކުރުން. ތަހުގީގު ތެރެއިން އެކަން އިތުރަށް ބެލޭތޯ މަސައްކަތް ކުރާނަން" މަންނާނު ވިދާޅުވިއެވެ.
ނަމަވެސް މީގެ މާނައަކީ މި ހާދިސާގައި އަނިޔާ ލިބުނު މީހާގެ ވާހަކަ ފުލުހުން ގަބޫލު ނުކުރުން ނޫން ކަމަށާއި މިފަދަ މައްސަލަތަކުގައި އަބަދުވެސް އެންމެ ފުރަތަމަ ގަބޫލުކުރާނީ އަނިޔާ ލިބުނު މީހާގެ ވާހަކަތައް ކަމަށްވެސް ފުލުހުން ބުނެއެވެ.
މި މައްސަލައިގައި މިހާތަނަށް 11 މީހެއްގެ ބަޔާން ނަގާފައިވާއިރު، އަންހެން މީހާގެ ފޯނު މޫދު އަޑިން ހޯދާފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ