އެމަނިކުފާނުގެ ހާލު ރަނގަޅު ކަމަށާއި ހުރިހާ ފަރާތްތަކަކުން ކޮށްދެއްވި ހެޔޮ ދުއާތަކަށް ޝުކުރު އަދާކުރައްވާ ކަމަށް ރައީސް މައުމޫން ވިދާޅުވެއްޖެ އވެެ.
އުމުރުފުޅުން 83 އަހަރުގެ، ރައީސް މައުމޫން ރޭ ކުރެއްވި ޓުވީޓެއްގައި ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށް ވިދާޅުވެފަ އެވެ. އެމަނިކުފާނު އެޑްމިޓްކޮށްގެން ފަރުވާދެމުން އަންނަނީ ދަރުމަވަންތަ ހޮސްޕިޓަލުގަ އެވެ.
ރައީސް މައުމޫން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ﷲގެ ވާގިފުޅާއެކު އެމަނިކުފާނުގެ ހާލުކޮޅު ރަނގަޅު ކަމަށެވެ. އަދި ރަހުމަތްތެރިންނާއި ހެޔޮ އެދިވަޑައިގަންނަވާ އެންމެހާ ބޭފުޅުން ކުރެއްވި ދުއާތަކަށް ޝުކުރު އަދާ ކުރައްވައި، އެންމެހާ ނުބައިތަކުން ރައްކާތެރި ކޮށްދެއްވުމަށް ދުއާ ދަންނަވާފައިވެ އެވެ.
ރައީސް މައުމޫންގެ ދަރިކަނބަލުން އަދި ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން މިއަދު ކުރެއްވި ޓުވީޓެއްގައި ވެސް ބައްޕާފުޅުގެ ހާލު ރަނގަޅު ކަމަށް ވަނީ ވިދާޅުވެފަ އެވެ. އަދި އަލާމާތްތައް ހުރީ ކުޑަކޮށް ކަމަށް ވެސް ވިދާޅުވި އެވެ. ނަމަވެސް އިތުރު ތަފްސީލެއް ނުދެއްވަ އެވެ.
ކޮވިޑަކީ އުމުރުން ދުވަސްވީ މީހުންނާއި ބޮޑެތި ބަލިތައް ހުންނަ މީހުންނަށް ނުރައްކާ ބޮޑު ބައްޔެއް ކަމަށް ސިއްހީ މާހިރުން ވިދާޅުވާ އިރު، ރައީސް މައުމޫން ހިމެނިވަޑައިގަންނަވާނީ މި ބަލީގެ ހައިރިސްކު ކެޓަގަރީގެ ތެރޭގަ އެވެ.
ރައީސް މައުމޫންގެ ކޮވިޑަށް ޕޮޒިޓިވްވެފައިވާކަން ހާމަކުރެއްވުމާ އެކު ގިނަ ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި އެމަނިކުފާނަށް އަވަސް ޝިފާއަކަށް އެދި، ހެޔޮ ދުއާތައް ފޮނުވަމުންނެވެ.
ރައީސް މައުމޫނަށް ކޮވިޑް ޖެހުނީ ކިހިނެއްކަމެއް އަދި އެމަނިކުފާނުގެ އާއިލާގެ އިތުރު ބޭފުޅަކު ކޮވިޑަށް ޕޮޒިޓިވްވި ކަމެއް އަދި ނޭނގެ އެވެ.
އަޅުގަނޑުގެ ހާލު ރަނގަޅު، ހެޔޮ ދުއާތަކަށް ޝުކުރިއްޔާ!: ރައީސް މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ