ހަފުތާ ބަންދުގައި އައްޑޫ ހޮސްޕިޓަލްގައި ކަރަންޓުގެ ބޮޑު މަސައްކަތެއް

އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) ގެ ކަރަންޓް ވިއުގަ ރަނގަޅުކުރުމަށްޓަކައި ކުރިއަށް އޮތް ހަފުތާ ބަންދުގައި ހޮސްޕިޓަލުން ކަރަންޓް ކަނޑާލައި ޕެނެލް ބޯޑްތައް މަރާމާތުކުރުމުގެ މަސައްކަތް ކުރިއަށް ގެންދާ ނިންމައިފި އެވެ.
މިކަމާ ބެހޭ ގޮތުުން މިއަދު މެންދުރު ފަހު ހޮސްޕިޓަލްގައި ބޭއްވި ނޫސް ކޮންފަރެންސްގައި އޭއީއެޗްގެ މެއިންޓަނަންސް ޑިޕާޓަމަންޓްގެ ހެޑް އަލީ މޫސާ ވިދާޅުވީ ކަރަންޓް ކަނޑާލައިގެން ހުކުރާއި ހޮނިހިރު ދުވަހު މަސައްކަތް ކުރިއަށް ގެންދާ ގޮތަށް ނިންމި ނަމަވެސް، ހޮސްޕިޓަލްގެ އިމަޖެންސީގެ ހިދުމަތްތަކަށް އެއްވެސް ބުރުލެއް ނާރާ ގޮތަށް ކަރަންޓް ލިބޭނެ ކަމަށެވެ.
މިއީ މި އަހަރުގެ ޖެނުއަރީ މަހުގެ 15 ގައި އޭއީއެޗްގައި ރަސްމީކޮށް ހިދުމަތް ދޭން ފެށި ފަހުން އެތަނުގައި ކުރިއަށް ގެންދާ އެންމެ ބޮޑު މަސައްކަތް ކަމަށް ހޮސްޕިޓަލުން ބުންޏެވެ. އެެކަމަކު ހިދުމަތްތަކަށް ވީހާ ވެސް ބޮޑަށް ބުރޫނާ ރާނެ ގޮތަށް ކަރަންޓުގެ މަސައްކަތް ކުރިއަށް ގެންދަން ރާވާފައިވާ ކަމަށް ބުންޏެވެ.
"އެހެން ވިޔަސް އާންމު އޯޕީޑީގެ ހިދުމަތްތަކަށް ކޮންމެވެސް ވަރެއްގެ ދަތިތަކެއް އައުމަކީ އެކަށީގެންވާ ކަމެއް،" އޭނާ ވިދާޅުވި އެވެ. "ނަމަވެސް އެޑްމިޓްކޮށްގެން ފަރުވާދޭން ޖެހޭ އެއްވެސް މީހަކަށް މި މަސައްކަތުގެ ސަބަބުން ހިދުމަތް ދިނުމުގައި އެއްވެސް ބުރުލެއް ނާރާނެ."
އަލީ މޫސާ.
އަލީ ވިދާޅުވީ ޕެނަލްބޯޑްތައް މަރާމާތުކުރަން މި ދަނޑިވަޅުގައި ނިންމީ ދިމާވާ ޓެކްނިކަލް މައްސަލަތަކާ ހެދި އެވެ.
"މި މަސައްކަތަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް. ނުކޮށް މަޑުކޮށްލައިގެން ތިބެވޭކަށް ނެތް. ވަރަށް ގިނަ ދުވަސްތަކެއް ވަންދެން އެ މަސައްކަތް ނުކުރެވި ދިޔައީ،" އަލީ ވިދާޅުވި އެވެ. "އެހެންވީމާ މި މަސައްކަތްތަކަށް ވާން ޖެހޭ ހުރިހާ ތައްޔާރީތަކެއް މި ވަނީ ވެފައި.
އޭނާ ވިދާޅުވީ ޕެނެލްބޯޑްތަކުގެ މަރާމާތުގެ މަސައްކަތް ހަ ގަޑިއިރަށް ދިގުލައިގެން ހިނގައިދާނެ ކަމަށެވެ.
އޭއީއެޗުން ބުނީ ކުރިއަށް އޮތް ތަނުގައި ވެސް ހޮސްޕިޓަލްގެ ކަރަންޓް ވިއުގަ އިތުރަށް ރަނގަޅު ކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރާނެ ކަމަށެވެ. އެގޮތުން ހޮސްޕިޓަލްގައި ދުވާލު ބޭނުންކުރާ ކަރަންޓްގެ ބޮޑު ނިސްބަތެއް ސޯލާ އިން އުފައްދަން މަސައްކަތްކުރާނެ ކަމަށް ބުންޏެވެ.
އޭއީއެޗުން ބޭއްވި ޕްރެސްގެ ތެރެއިން.
ހޮސްޕިޓަލްގެ މެނޭޖަރު ޝަރަފު ސާދާތު ވިދާޅުވީ މިހާރު ސޯލާ ސިސްޓަމް އެއްކޮށް ބޭނުންކުރެވޭނެ ގޮތް ހެދުމާ ގުޅޭ ގޮތުން ކަމާބެހޭ ފަރާތްތަކާ އެކު މަޝްވަރާތައް ކުރިއަށްދާ ކަމަށެވެ. މިހާރު ހޮސްޕިޓަލްގައި ބޭނުން ކުރަނީ ސޯލާ އިން އުފައްދާ 60 ކިލޯވޮޓްގެ ކަރަންޓެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ