ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ފާރިސް މައުމޫން މީގެ ތިން އަހަރު ކުރިން ހައްޔަރުކޮށް، ޝަރީއަތް ނިމެންދެން ބަންދުކުރި މައްސަލާގެ އިސްތިއުނާފް އަޑުއެހުންތައް ހައި ކޯޓުން މިއަދު ނިންމާލައިފި އެވެ.
ޖުލައި، 2017 ގައި ފާރިސް ހައްޔަރުކޮށް، ޝަރީއަތް ނިމެންދެން ބަންދުކުރީ މަޖިލީހުގެ އޭރުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ ވޯޓާ ގުޅުވައިގެން މެމްބަރަކަށް އޭނާ ރިޝްވަތު ދެއްވި ކަމަށް ބުނެ އެވެ. އެ މައްސަލާގައި ޝަރީއަތް ނިމެންދެން އޭނާ ބަންދު ކުރުމަށް ފަހު ހަ މަސް ވަންދެން އޭނާ ބަންދުގައި ބެހެއްޓި އެވެ.
އެ މައްސަލަ ފާރިސްގެ ފަރާތުން އޭރު އިސްތިއުނާފް ކުރުމުން އެ މައްސަލާގެ އަޑުއެހުންތައް ހައި ކޯޓުން ނިންމާލިޔަސް، އެ މައްސަލާގެ ހުކުމެއް ނީއްވަ އެވެ. އެ މައްސަލަ ނުނިމި އޮއްވާ އެ މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗް ބަދަލުވުމުން އިޖްރައާތު ފުރިހަމަ ކުރުމަށްޓަކައި އިތުރު އަޑުއެހުމެއް މިއަދު ވަނީ ބާއްވައިފަ އެވެ. އަދި މިއަދު ވަނީ މައްސަލާގެ އަޑުއެހުންތައް އަނެއްކާވެސް ނިންމާލައިފަ އެވެ. އެހެންވުމުން އިތުރު ކަމެއް ސާފުކުރަން ނުޖެހޭ ނަމަ ދެން އޮންނާނީ ހުކުމް އިއްވުމެވެ.
ރިޝްވަތުގެ ތުހުމަތުގައި ފާރިސް ބަންދުގައި ހުންނަތާ ހަ މަސް ފަހުން ކްރިމިނަލް ކޯޓުން އޭނާ ޝަރުތުތަކާ އެކު ދޫކޮށްލީ ޖެނުއަރީ، 2018 ގަ އެވެ. އޭގެ ތިން ދުވަސް ފަހުން އަނެއްކާވެސް ފާރިސް ހައްޔަރުކުރީ ސަރުކާރު ވައްޓާލަން މެމްބަރުންނަށް ރިޝްވަތު ދެއްވި ކަމަށް ބުނެ އެވެ. އެ މައްސަލާގައި 15 ދުވަހަށް ބަންދުކޮށްފައި ވަނިކޮށް ސުޕްރީމް ކޯޓުގެ ފެބްރުއަރީ 1، 2018 ގެ އަމުރާ ގުޅިގެން ފާރިސް ބަންދުން ދޫކޮށްލުމަށް ފަހު ޖެހިގެން އައި ދުވަހު ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން އަނެއްކާވެސް ހައްޔަރުކުރި އެވެ. އޭނާ ބަންދުން ދޫކޮށްލީ ރިޔާސީ އިންތިޚާބު ނިމުނު ފަހުން، ސެޕްޓެމްބަރު 2018 ގަ އެވެ.
ރިޝްވަތުގެ ދައުވާ އާއި ޓެރަރިޒަމްގެ ދައުވާ ފާރިސްގެ މައްޗަށް އުފުލުމަށް ފަހު އެ ދައުވާތައް އަނބުރާ ގެންދިޔަ އެވެ. އަދި ޕީޕީއެމްގެ ދިދަ އާއި ލޯގޯ ބޭނުން ކޮށްގެން ޕްރެސް ކޮންފަރެންސެއް ދެއްވި ކަމަށް ބުނެ ޝަހްސު އޮޅުވާލުމުގެ ކުށުގައި ފާރިސް ހަތަރު މަހާއި 24 ދުވަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކުރި އެވެ. އެ ހުކުމް ހައި ކޯޓުން ފަހުން ވަނީ ބާތިލްކޮށްފަ އެވެ.
ތިން އަހަރު ކުރިން ފާރިސް ބަންދުކުރި މައްސަލަ ހައި ކޯޓުން ހުކުމާ ހަމައަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ