ކޮވިޑް-19 ބަލީގައި ޗައިނާއިން މިއަދު މީހަކު މަރުވެއްޖެކަމަށް އެ ގައުމުން ހަމަކޮށްފިއެވެ.
މިއީ، ވޭތުވެދިޔަ 8 މަސްދުވަސްތެރޭ ކޮވިޑްބަލީގައި ޗައިނާއިން މީހަކު މަރުވި ފުރަތަމަ ފަހަރެވެ.
މީހަކު މަރުވެފައިވަނީ ޗައިނާގެ ހެބެއި ޕްރޮވިންސުންނެވެ. ނަމަވެސް، ޗައިނާގެ ނޭޝަނަލް ހެލްތު ކޮމިޝަނުން އިތުރު ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.
ކޮވިޑް ބަލީގެ ސަބަބުން ހެބެއި ޕްރޮވިންސްގެ ވަރަށް ގިނަ ސިޓީތައް މިހާރުވެސް ހުރީ ލޮކްޑައުންގެ ހާލަތުގައެވެ.
ބަލި ފެތުރުން ހުއްޓުވަން ކުރިން އަޅާފައި ހުރި ހަރުކަށި ފިޔަވަޅުތަކާއި، ހަރުކަށި އުސޫލުތަކަށް ލުއިދީފައި ވަނިކޮށް، ޗައިނާގެ ރަށްތަކުގައި ކޮވިޑްބަލި އަލުން ފެތުރޭން ފެށުމާ ގުޅިގެން، ޗައިނާގެ ކަމާބެހޭ ފަރާތްތަކުން މިހާރު ގެންދަނީ އިތުރަށް ބަލި ފެތުރުނަ ނުދިނުމަށް ވަރުގަދަ ފިޔަވަޅުތައް އަޅަމުންނެވެ.
ކޮވިޑްބަލި އަލުން ފެތުރޭން ފަށާފައިވަނީ ޗައިނާގެ އުތުރުގެ ހިސާބުތަކުގައެވެ.
ޗައިނާގެ ނޭޝަނަލް ހެލްތު ކޮމިޝަނުން ބުނެފައިވަނީ، މިއަދު އަލަށް 138 މީހުން އަލަށް ޕޮޒިޓިވްވެފައި ވެއެވެ. މިއީ، މިދިޔަ އަހަރުގެ މާޗްމަހުގެ ފަހުން ޗައިނާއިން އެއްދުވަހެއްގައި މިހާ ގިނަމީހުން ޕޮޒިޓިވް ފުރަތަމަ ފަހަރެވެ.
ހެލްތު ކޮމިޝަނުން ބުނެފައިވަނީ، އަލަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 124 މީހުންނަކީ ބެއިޖިންގް ހިމެނޭގޮތުން ހެބެއި ޕްރޮވިންސާއި، އިތުރުއިރުމަތީ ހެއިލޮންގްޖިއަންގް ޕްރޮވިންސުން ޕޮޒިޓިވްވެފައިވާ މީހުން ކަމަށެވެ.
ހެބެއި ޕްރޮވިންސްގައި ކޮވިޑަށް ޓެސްޓްކުރުމުގެ ބިޔަ ކެމްޕެއިނެއް ޗައިނާ ސަރުކާރުން މިދިޔަ ހަފްތާގައި ފަށާފައި ވެއެވެ.
އެގޮތުން، ހެބެއި ޕްރޮވިންސްގެ ވެރިރަށް ޝިޖިއާޒުއަންގްގެ ދަތުރުފަތުރު ހުއްޓުވައި، ސްކޫލްތަކާއި ވިޔަފާރިތައް ބަންދުކޮށް އެންމެން ޓެސްޓްކުރަން ފަށާފައި ވެއެވެ. ޗައިނާގެ އުތުރުގައި ކޮވިޑްބަލި މިފަހުން ފެތުރޭން ފަށާފައިވަނީ ޝިޖިއާޒުއަންގުންނެވެ.
ހެބެއި ޕްރޮވިންސާ އިންވެގެން އޮންނަ ޝިންގްޓައިވެސް މިދިޔަ ހުކުރު ދުވަހުން ފެށިގެން އޮތީ ލޮކްޑައުންކޮށްފައެވެ. އެއީ، 7 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ރަށެކެވެ. 5 މިލިއަން މީހުން ހިމެނޭ ލަންގްފަންގް ސިޓީވެސް މިހާރުއޮތީ ލޮކްޑައުން ކޮށްފައެވެ.
ހެއިލޮންގްޖިއަންގް ޕްރޮވިންސްގައި މިދިޔަ ބުދަ ދުވަހުންފެށިގެންވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިޢްލާން ކޮށްފައެވެ. އަދި އެ ޕްރޮވިންސްގެ 37 މިލިއަން ރައްޔިތުންނަށް އަންގާފައިވަނީ، މަޖުބޫރު ހާލަތެއްގައިމެނުވީ ޕްރޮވިންސުން ބޭރަށް ނުދިއުމަށެވެ.
ކޮވިޑްބަލި އެންމެ ފުރަތަމަ ފެނިފައިވަނީ ޗައިނާގެ ވުހާން ސިޓީން، 2019 ވަނަ އަހަރުގެ ޑިސެމްބަރުމަހުގެ ފަހުކޮޅުއެވެ.
މިހާތަނަށް މެއިންލެންޑް ޗައިނާއިން 87،844 މީހުން ޕޮޒިޓިވްވެފައި ވާއިރު، ބަލީގައި މަރުވެފައިވަނީ 4،635 މީހުންނެވެ.
ކޮވިޑްބަލީގައި ޗައިނާއިން 8 މަސްތެރޭ ފުރަތަމަ ފަހަރަށް މީހަކު މަރުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ