މާލޭގެ ރައްޔިތުން ތާާއަބަދު ގުނބޯ ހައްދައިގެން ނުގެންގުޅެވޭނެ: ނަރީޝް

އެމްޑީޕީއިން މާލޭ ސިޓީގެ ރައްޔިތުން ތާއަބަދު ގުނބޯ ހައްދައިގެން ނުގެންގުޅެވޭނެކަމަށް ޕީޕީއެމްގެ ކައުންސިލް މެންބަރު އަހުމަދު ނަރީޝް ވިދާޅުވެއްޖެއެވެ.
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ޕީޕީއެމްގެ ޓިކެޓްގައި މާފަންނު މެދު ދާއިރާގެ ކައުންސިލަރކަމަށް ކުރިމަތިލައްވާ ނަރީޝް މިހެން ވިދާޅުވީ ރޭ އެޕާޓީގެ އޮފީހުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުންނެވެ.
އޭނާ ވިދާޅުވީ މާފަންނު މެދު ދާއިރާއަކީ މާލޭ ސިޓީގެ އެންމެ ތޮއްޖެހިފައިވާ ދާއިރާ ކަމަށާއި، ދާއިރާގެ ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ބޯހިޔާވަހިކަން ކަމަށެވެ. ނަމަވެސް ރައީސް ޔާމީންގެ ސަރުކާރުން ހިންގި ހިޔާ މަޝްރޫއުގެ ތެރެއިން އެ ދާއިރާގެ ރައްޔިތުންނަށް ލިބުނު ފްލެޓްތައް މި ސަރުކާރުން ނުހައްގުން ފޭރިގެންފައިވާކަމަށް ނަރީޝް ފާހަގަކުރެއްވިއެވެ. އަދި މި ސަރުކާރުން ފްލެޓް ފޭރިގެންފައިވާ ދާއިރާގެ ބައެއް ރައްޔިތުންގެ ގެތަކަށް ކުރެވުނު ޒިޔާރަތެއްގައި އެ ރައްޔިތުންގެ ނިކަމެތި ހާލު ފެނުނުކަމަށް ނަރީޝް ވިދާޅުވިއެވެ.
"ކޮޓަރި ތެރޭގައި މަތިމައްޗަށް ބެންޗް ޖަހާފައި ތިބީ. ކޮޓަރި ތެރޭގައި މަތިމައްޗަށް ބެންޗް ޖަހާފައި ގަޑި ބަހައިގެން އަޅުގަނޑުގެ ދާއިރާގެ ރައްޔިތުން ނިދަމުން ދަނިކޮށް އެ ފްލެޓްތައް ފޭރިގަތީ މި ސަރުކާރުން"، އޭނާ ވިދާޅުވިއެވެ.
މި ޖަލްސާގައި ވާހަކަ ދައްކަވަމުން ނަރީޝް ވަނީ މާފަންނު މެދު ދާއިރާގެ މަޖިލިސް މެންބަރު އިބްރާހިމް ރަޝީދަށްވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެގޮތުން އެބޭފުޅުން އެޖެންޑާ 19ގައި މަޖިލީހަށް ހޮވައިފިނަމަ ކަންވާރުގައި ގަލެއް އައްސާފަ އެއްލާލުމުން ޖެހޭ ހިސާބުގައި މާލޭގެ ރައްޔިތުންނަށް ގޯތި ކަނޑާފަ ދެއްވާނެކަމަށް ވިދާޅުވިކަމަށް މެންބަރު ބޮންޑޭ ވިދާޅުވިކަމަށް ނަރީޝް ވިދާޅުވިއެވެ. ނަމަވެސް އެފަދައިން ތާ އަބަދު މާލޭގެ ރައްޔިތުން ގުނބޯ ނުހެއްދޭނެކަމަށް އެބޭފުޅާ ވިދާޅުވިއެވެ.
"މިވަރުގެ ބުހުތާނު ދޮގު ހަދައިގެން ރައްޔިތުންގެ ކައިރިން ވޯޓު ހޯދައިގެން، މި މީހުން ހިތަށް އަރަނީ ތާ އަބަދު މާލޭ ސިޓީ ރައްޔިތުން ގުނބޯ ހައްދައިގެން ގެންގުޅެވިދާނެކަމަށް. ނުގެންގުޅެވޭނެ"، ނަރީޝް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ