ދީނާ ޚިލާފު ވޯކުޝޮޕް ބާއްވަމުންދާތީ ޑރ. ޖަމީލް ކަންބޮޑުވުން ފާޅު ކުރައްވައިފި

ރާއްޖޭގެ ބައެއް ރަށްރަށުގައި އިސްލާމްދީނާ ޚިލާފު ވޯކޮޝްޕްތައް ބާއްވަމުންދާ ކަމަށް ވިދާޅުވެ ކުރީގެ ނާއިބު ރައީސް ޑރ. މުޙައްމަދު ޖަމީލް  އަޙުމަދު ކަންބޮޑުވުން ފާޅު ކުރައްވައިފިއެވެ.
އެމަނިކުފާނު ކުރައްވާފައިވާ ޓުވީޓެއްގައި ވަނީ އެފަދަ ވޯކްޝޮޕްތައް ބާއްވާއިރު އެއީ ޤާނޫނާ ޚިލާފުކަމެއް ކަމަށް ފުލުހުން ޤަބޫލުނުކުރައްވަނީތޯ ސުވާލު ކުރައްވައިފައެވެ. އެމަނިކުފާނުވަނީ ދީން ޙިމާޔަތް ކުރުމަކީ ކޮބައިތޯ ވިދާޅުވެ ވެސް ސުވާލު ކުރައްވައިފައެވެ.
"ފާޅުގައި އިސްލާމްދީނާ ދެކޮޅު ވޯކްޝޮޕްތައް ބާއްވަމުންދާއިރު ޕޮލިސް އިން މިއީ ޤާނޫނާ ޚިލާފު ޢަމަލެއް ކަމަށް ނުދެކެނީތޯ،" އެމަނިކުފާނު ސުވާލުކުރައްވާފައިވެއެވެ.  ދީން ހިމާޔަތް ކުރުމަކީ އެއީތޯ ކަމަށް ވިދާޅުވެ ވެސް ޖަމީލް ވަނީ ސުވާލުކުރައްވައިފައެވެ.
ދިވެހި މުޖުތަމައު ފަސާދަކުރަމުންދާއިރު ސޯޝަލް ކައުންސިލަށް އެއީ ކަންބޮޑުވުމަކަށް ނުވަނީތޯވެސް އެމަނިކުފާނު ވަނީ ސުވާލު ކުރައްވައިފައެވެ. އެމަނިކުފާނު ވިދާޅުވެފައިވަނީ މިއީ ސަރުކާރު ފެއިލްވުން ކަމަށެވެ.
ރާއްޖޭގައި އިސްލާމްދީނާ ޚިލާފު ވޯކްޝޮޕްތަކެއް ބާއްވަމުން ގެންދާ ކަމުގެ ޝަކުވާ ލިބެމުންދާ ކަމަށާއި އެކަން ބައްލަވަމުން ގެންދަވާ ކަމަށް އިސްލާމިކް މިނިސްޓްރީން އިއްޔެ ވަނީ ވިދާޅުވެފައެވެ.
އެ ވޯކްޝޮޕްތައް ބާއްވަމުން ގެންދަނީ އިނގިރޭސިވިލާތު ޖަމިއްޔާއަކުން ކަމަށް ވެސް މަޢުލޫމާތު ލިބިފައިވެއެވެ. އެ ވޯކްޝޮޕްތަކުގައި ވަނީ ރާއްޖޭގައި އިސްލާމްދީން ނޫން އެހެން ދީންތަކަށް ފުރުސަތު އޮންނަންޖެހޭ ކަމަށް ބުނެ ވަކާލާތުކޮށްފައި ކަމަށް ވެސް ބައެއް ނޫސްތަކުގައި ރިޕޯޓު ކޮށްފައިވެއެވެ.
ޑރ. ޖަމީލް ވިދާޅުވެފައިވަނީ ރައްޔިތުން ތެދުވާން ވެއްޖެ ކަމަށެވެ. ދީނީ ޢިލްމުވެރިޔާ ޑރ. ބިލާލް ފިލިޕްސް ރާއްޖެ ވަޑައިގަންނަވަން އުޅުއްވުމުން ސަރުކާރަށް އެކަން ހުއްޓުވި ކަމަށާއި އެހެންނަމަވެސް ލާދީނީ މީހުންނަށް ސަރުކާރުންވަނީ ލައިސަންސް ދީފައި ކަމަށް ޑރ. ޖަމީލް ވަނީވިދާޅުވެފައެވެ. އެހެން ކަމުން ޤައުމީ ރުކުންތައް ފުނޑާލުމަށް އެއްވެސް ބަޔަކަށް ޖާގައެއް ދެވިގެން ނުވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ