މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އާއި ދެކޮޅަށް އިއްޔެ ދުވާފަރުގައި ކުރިއަށް ގެންދިޔަ އެއްވުމަކީ ފިތުނަ ފަސާދަ އުފައްދަން ކުރިއަށް ގެންދިޔަ ސިޔާސީ ހަރަކާތެއް ކަމަށް އެ ދާއިރާގެ މެމްބަރ އިސްމާއިލް އަޙްމަދު ވިދާޅުވެއްޖެއެވެ.
އިސްމާއިލް އަޙްމަދު ކުރެއްވި ޓްވިޓެއްގައި ވިދާޅުވެފައިވަނީ، ދުވާފަރުގައި ކުރިއަށްގެންދިޔަ ހިނގާލުމަކީ ފިތުނަ ފަސާދަ އުފައްދަން ހިންގި ސިޔާސީ ހަރަކާތެއް ކަމަށާއި އެމްޑީއެންގެ މައްސަލައިގައި ސަރުކާރުން ރަނގަޅު ފިޔަވަޅެއް އަޅާފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ، މި މައްސަލައިގެ ތަހުގީގު ސަރުކާރުން އަދިވެސް ބާރަށް ކުރިއަށް ގެންދާ ކަމަށެވެ.
"މި މައްސަލާގައި ސަރުކާރުން ވަނީ ރަނގަޅު ފިޔަވަޅެއް އަޅުއްވާފަ، އަދި އެމައްސަލައިގެ ތަހުގީގު ބާރަށް ކުރިޔަށް އެބަ ގެންދަވާ." އިސްމާއިލް އަޙްމަދު ކުރެއްވި ޓްވިޓްގައި ވިދާޅުވެފައިވެއެވެ.
މީގެ އިތުރުންވެސް އޭނާ ވަނީ އިސްލާމްދީނުގެ ނަމުގައި ފިތުނަ އުފެދޭ ގޮތަށް އެރަށު ރައްޔިތުން ކުރަމުން އަންނަ ކަންކަން ހުއްޓާލުމަށް ގޮވާލާފައެވެ.
"އިސްލާމް ދީނުގެ ނަމުގައި ފިތުނަ އުފެދޭ ގޮތަށް ތިޔަ ޒާތަށް ހަރަކާތްތައް ހިންގައި، ރަށުގެ މަސްލަހަތު ނަގާލަން ތިޔަ ކުރަށްވަވާ މަސައްކަތް ހުއްޓާލަން އަޅުގަނޑު ގޮވާލަން. މާތްވި އިސްލާމް ދީނުގެ ދިފާއުގައި އަޅަން ޖެހޭ ކޮންމެ ފިޔަވަޅެއް އަޅުއްވާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމުހޫރިއްޔާ ވަނީ ދެއްވަވާފަ" އިސްމާއިލް އަޙްމަދު ވިދާޅުވިއެވެ.
ދުވާފަރުގައި ބޭއްވި އެއްވުން ކުރިއަށް ގެންގޮސްފައިވަނީ އެކި މީހުންގެ ޝުއޫރުތައް ލިޔެފައިހުރި ގަނޑުކޮޅުތައް ހިފައިގެންނެވެ.
އެމްޑީއެން މައްސަލަ އާއި ގުޅިގެން ސަރުކާރުން ރަނގަޅު ފިޔަވަޅެއް އަޅުއްވާފައިވާ ކަމަށް މެމްބަރު އިސްމާއީލް އަހުމަދު ވިދާޅުވިއިރު، އެ ޖަމިއްޔާ ވަނީ ވަގުތީ ގޮތުން ސަސްޕެންޑުކޮށްފައެވެ.
ދުވާފަރުގައި އެމްޑީއެން އާއި ދެކޮޅަށް އަޑު އުފުލީ ފިތުނަ އުފައްދަން - މެމްބަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ