"އާޖަނަރޭޓަރު ބެހެއްޓުމުން ވެސް މަޑަވެއްޔަށް 24 ގަޑިއިރު ކަރަންޓު ނުލިބޭ"

ގދ. މަޑަވެއްޔަށް ކަރަންޓު ދިނުމަށް ބޭނުން ކުރަމުންދާ ޖަނަރޭޓަރެއް ހަލާކުވެ މުޅި ރަށުން ކަރަންޓު ކެނޑިފައިވާތާ ތިން ދުވަސް ފަހުން އެރަށަށް ގެންދިޔަ ޖަނަރޭޓަރުތައް އިންސްޓޯލު ކުރުމުން ވެސް އެރަށަށް 24 ގަޑިއިރު ކަރަންޓު ނުލިބޭ ކަމަށް އެރަށު ކައުންސިލުގެ ނައިބް ރައީސް އަޒަމް މުހައްމަދު ވިދާޅުވެއްޖެއެވެ.
ވީއެފްޕީއާ ވާހަކަ ދައްކަވަމުން އަޒަމް ވިދާޅުވީ، އެރަށަށް މިހާރު ކަރަންޓު ފޯރުކޮށްދެމުން އަންނަނީ މިދިޔަ ބުރާސްފަތި ދުވަހު ފެނަކައިން އެރަށަށް ގެންދިޔަ 160 ކިލޯވޮޓްގެ ދެ ޖަނަރޭޓަރުން ކަމަށެވެ. ނަމަވެސް އާ ދެ ޖަނަރޭޓަރު އިންސްޓޯލް ކުރުމުން ވެސް ކޮންމެ ދުވަހަކު ދެ ފަހަރު ކަރަންޓު ކެނޑޭކަމަށާއި ރޭ ދަންވަރު 2:40 ހާއިރުއާއި މިއަދު މެންދުރު 11:30 ގައި ވެސް މުޅި ރަށުން ކަރަންޓު ކެނޑިފައިވާ ކަމަށް އަޒަމް ވިދާޅުވިއެވެ.
"މިހާރު ކަރަންޓު ދެމުން އަންނަނީ އަލަށް ގެނައި ދެ ޖަނަރޭޓަރުން. ކަރަންޓު ކެނޑޭ ކޮންމެ ފަހަރަކުވެސް އެއްގަޑިއިރެއްހާއިރު ކަރަންޓު ނުލިބިދޭ،" އަޒަމް ވިދާޅުވިއެވެ.
އާބާދީގައި 2000 މީހުން ދިރިއުޅެމުން އަންނަ މަޑަވެއްޔަށް ކަރަންޓު ދިނުމަށް މީގެކުރިން ބޭނުންކުރަމުން އައީ 250 ކިލޯވޮޓްގެ ޖަނަރޭޓަރަކާއި 180 ކިލޯވޮޓްގެ ޖަނަރޭޓަރެކެވެ. ރަށުގެ ބޮޑު ބައެއް ކަނު އަނދިރީގައި ހޭދަކުރަން ޖެހުނީ މިދިޔަ ބުރާސްފަތި ދުވަހު އޭގެ ތެރެއިން 250 ކިލޯވޮޓްގެ ޖަނަރޭޓަރު ގޮވައި ބޭނުން ނުކުރެވޭ ވަރަށް ހަލާކުވުމާއި ގުޅިގެންނެވެ.
މަޑަވެއްޔަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލައާ ގުޅޭގޮތުން އެރަށު އިންޖީނުގެ ހިންގަމުން އަންނަ ފެނަކާގެ މީޑިއާ އޮފިޝަލް މުހައްމަދު މަނިކު ވިދާޅުވީ އެތަނަށް ކަރަންޓުގެ މައްސަލަ މިހާރު ދިމާ ނުވާ ކަމަށެވެ.
"ނޫން ނުކެނޑޭނެ. އެތާ ކަރަންޓުގެ މައްސަލަ މިހާރު ރަނގަޅުވާނެ،" ވީއެފްޕީން ސުވާލު ދެންނެވުމުން މަނިކު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ