އުމަރުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގެ އަޑުއެހުމެއް މާދަމާ ބޭއްވުމަށް ކުރިމިނަލް ކޯޓުން ތާވަލު ކޮށްފި
އަމުރަށް ނުކިޔަމަންތެރި ވިކަމަށް ބުނެ ހޯމް މިނިސްޓަރު އުމަރު ނަސީރުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގެ ޝަރީއަތުގެ އަޑުއެހުމެއް މާދަމާ ބޭއްވުމަށް ކުރިމިނަލް ކޯޓުން ތާވަލު ކޮށްފިއެވެ. މިދިޔަ ބުރާސްފަތި ދުވަހުވެސް މިމައްސަލައިގެ ޝަރީއަތުގެ އަޑުއެހުމެއް ކުރިމިނަލް ކޯޓުން ކުރިއަށް ގެންގޮސްފައި ވާއިރު، މާދަމާ ޝަރީއަތުގެ މަޖިލިސް ކުރިއަށް ގެންދިޔުމަށް ތާވަލު ކޮށްފައިވަނީ މެންދުރު ދޭއް ޖަހާއިރަށެވެ. މި މައްސަލާގައި މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ޝަރީއަތުގެ މަޖިލިސް ނިންމާލީ، އުމަރުގެ މައްޗަށް ދައުލަތުން ދައުވާ އުފުލާފައިވާ ގާނޫނުލް އުގޫބާތުގެ މާއްދާ އުވާލުމަށް އޭނާ ނެންގެވި އިޖުރާއި ނުކުރާއަށް ލިޔުމުން ޖަވާބުދާރީ ވުމަށް ތިން ދުވަހުގެ ފުރުސަތެއް ދިނުމަށް ފަހުގައެވެ. އުމަރު ނަސީރުގެ މައްޗަށް ދައުލަތުން ދައުވާ އުފުލާފައިވަނީ ދެހާސް ބާރަ ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތޭވިސް ވަނަ ދުވަހުގެ ރޭ އެމްއެމްއޭ ކައިރިއަށް އެއްވެ މުޒާހަރާ ކުރަމުން ދިޔަ މީހުންނާ މުހާތަބުކޮށް، ހަރުގަނޑު ބަހައްޓައިގެން އެމްއެންޑީއެފްގެ މައި މަރުކަޒުގެ ތެރެއަށް ވަންނާނެ ގޮތާއި ގުޅޭގޮތުން ވާހަކަ ދެއްކެވުމާއި ގުޅިގެންނެވެ. އުމަރު ނަސީރުގެ މައްޗަށް ދައުވާ އުފުލާފައިވަނީ “އާންމު ގާނޫނުތަކުގެ އަށް ވަނަ މާއްދާގެ ދެވަނަ ނަންބަރާ ހަވާލާދީ ގާނޫނުލް އުގޫބާތުގެ އަށްޑިހަ އަށް ވަނަ މާއްދާގެ (ހ)ގެ ދަށުން، އަމުރަށް ނުކިޔަމަންތެރި ވުމުގެ ދައުވާއެވެ. އަމުރަށް ނުކިޔަމަންތެރިވުމުގެ އަދަބަކަށް ގާނޫނުލް އުގޫބާތުގައި އޮންނަނީ ގިނަވެގެން ސަތޭކަ ފަންސާސް ރުފިޔާއިން ޖޫރިމަނާ ކުރުން ނުވަތަ ހަ މަހަށް ވުރެ ދިގު ނޫން މުއްދަތަކަށް ޖަލަށްލުން، އަރުވާލުން ނުވަތަ ގޭގައި ބަންދު ކުރުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ