ބ ފެހެންދޫ ސްކޫލް ކުދިން ކަނޑު ހުރަސްކޮށް ސްކޫލަށް ދާތާ ފަސް އަހަރު

ބ. ފެހެންދޫ އިން ފާޠިމަތު ޒުހުދާ އޭދަފުށިޓައިމްސް ގައި ލިޔެފައިވާ ލިޔުމެކެވެ.ކުދިން މަދުކަމަށް ބުނެ ބ. ފެހެންދޫ ސްކޫލް ބަންދުކޮށްފައިވަނީ 2008 ވަނަ އަހަރުގެ ކުރީކޮޅުގަ އެވެ.އޭރު ފެހެންދޫ ސްކޫލުގެ ބެލެނިވެރިންގެ ފަރާތުން މައުލޫމާތު ލިބުނު ގޮތުގައި އެޑިޔުކޭޝަން މިނިސްޓްރީން 2007 ވަނަ އަހަރު އެ ސްކޫލު ބަނދުކުރީ އެހާ މަދު ކުދިންކޮޅަކަށް ކިޔަވައިދިނުމަށްޓަކައި ވަކިން ސްކޫލެއް ބެހެއްޓުމަކީ ސަރުކާރަށް ވަރަށް ދަތި ކަމެއް ކަމަށްވާތީ އެވެ. އަދި އެޑިޔުކޭޝަން މިނިސްޓްރީއަށް ފެންނަ ގޮތަކީ ގޮއިދޫ ސްކޫލަށް ކުދިން ބަދަލުކުރުން ކަމަށާއި މި ބަދަލުގެ ސަބަބުން ކުދިންގެ ތަޢުލީމީ ފެންވަރު ރަގަޅުވެގެންދާނެ ކަމަށްވެސް މިނިސްޓްރީން ވަނީ ލަފާ ދެއްވައިފަ އެވެ. ހަމައެހެންމެ ގޮއިދޫ ސްކޫލަށް ދިއުމަށްޓަކައި އެޑިޔުކޭޝަންގެ ފަރާތުން ސްކޫލްކުދިންނަށް ފެރީގެ ޚިދުމަތް ލިބޭނޭ ގޮތް ހަމަޖައްސައި ދެއްވާނެކަމުގެ ފުރިހަމަ ޔަގީންކަން ދެއްވި އެވެ. އެހެންކަމުން އެވަގުތު އެ ސްކޫލުގައިތިބި ބެލެނިވެރިންގެ ތެރެއިން ގިނަ ބެލެނިވެރިން ވަނީ ސްކޫލް ބަންދުކުރުމަށް އެއްބަސްވެފައެވެ.ނަމަވެސް 2008 ވަނަ އަހަރު ފެށުނު އިރުވެސް ފެހެންދޫ ސްކޫލް ކުދިންނަށް ފެރީގެ އިންތިޒާމު ހަމަޖެހިފައެއް ނުވެއެވެ. ދިވެހިރާއްޖޭގެ ހުރިހާ ރަށެއްގައި ކުދިން އެ އަހަރުގެ ދިރާސީ އާ އަހަރުގެ ފުރަތަމަ ދުވަހު ސްކޫލަށް ދިޔައިރު ފެހެންދޫ ސްކޫލްކުދިންނަށް ޖެހުނީ ގޭގައި ތިބޭށެވެ. އެޑިޔުކޭޝަނަށް މި މައްސަލަ ހުށަހެޅުމުން ވަގުތީ ގޮތުން ގޮއިދޫއިން ޓީޗަރަކު ގެނެސް ފެހެންދޫ ސްކޫލްގައި ކިޔަވައި ދިނުމަށް އެންގިކަމަށް ވެ އެވެ.2 މަސްދުވަސް ވީއިރުވެސް މިކަމަށް އެދެވޭ ހައްލެއް ނުލިބުމުގެ ސަބަބުން ބެލެނިވެރިން “ރަތަށް” އެރިއެވެ. އަދި ރަށުގެ ރައްޔިތުންނާއިއެކު ނުކުމެ އޮފީސް ބަންދުކޮށް އިޙްތިޖާޖްކުރަން ފެށިއެވެ. ހައްލެއް ނުލިބެނީސް އިޙްތިޖާޖް ހުއްޓާނުލާނެ ކަމަށް ބުނަމުން ގެންދިޔުމުގެ ނަތީޖާއެއްގެ ގޮތުން ގޮއިދޫ ސްކޫލްގައި އުޅޭ ފެހެންދޫ ކޮންމެ ކުއްޖަކަށް -/1000 ރުފިޔާގެ އެލަވަންސްއެއް ދޭން އެޑިޔުކޭޝަން މިނިސްޓްރީން އެއްބަސްވި އެވެ.“އީޓީ” އާ މައުލޫމާތު ހިއްސާކުރި ބައެއް ބެލެނިވެރިން ބުނީ އެލަވަންސްދޭން ފެށިނަމަވެސް އެ ފައިސާއިން ދަތުރުގެ ޚަރަދުވެސް ނުފުދޭ ކަމަށާއި އަދި މަހުން މަހަށް އެލަވަންސްގެ ފައިސާ ނުލިބޭތީ ވަރަށް ދަތިވާ ކަމަށެވެ.ބެލެނިވެރިއެއްކަމަށްވާ އާސިފާ ބުނިގޮތުގައި ހަމައެކަނި ދަތުރަށް ވެސް މަހަކު -/10،000 ރުފިޔާ ޚަރަދުވެ އެވެ. އަދި އެންމެ ދަތިވަނީ ދަތުރުގެ ކަންތައްތައްކަމަށާއި ރަށުކައުންސިލާ ވެސް މި މައްސަލައާއި ބެހޭގޮތުން ވާހަކަދެއްކިފައިވާނެ ކަމަށާއި ނަމަވެސް ކައުންސިލުން އެދެވޭ އެއްބާރުލުމެއް ލިބިފައިނުވާ ކަމަށްވެސް އޭނާ ބުންޏެވެ.“މިކަމަށް އޮތް ހައްލަކީ ސަރުކާރުން އެލަވަންސް ބޮޑުކޮށްދިނުން، ނޫނީ ސްކޫލް ކުދިންނަށް ފެރީއެއްގެ ޙިދުމަތް ލިބޭނޭ ގޮތް ހައްދަވައި ދެއްވުން،” އާސިފާ ވިދާޅުވި އެވެ.ފެހެންދޫ ރަށު ކައުންސިލްގެ ރައީސް ޝާހީން ވިދާޅުވި ގޮތުގައި ވޭތުވެދިޔަ ދެތިން އަހަރު ދުވަހުގެ ތެރޭގައި އެޑިޔުކޭޝަން މިނިސްޓްރީންވެސް އަދި ސަރުކާރުގެ އެހެން އެއްވެސް އިދާރާއަކުންވެސް ފެހެންދޫ ސްކޫލްކުދިންނާ ބެހޭގޮތުން އެއްވެސް ވަރަކަށް މައުލޫމާތު ސާފުކޮށް އެލަންވަންސް ލިބޭތޯވެސް ބަލާފައެއް ނުވެއެވެ. ހަމަ އެހެންމެ ރަށުކައުންސިލްގެ ފަރާތުންވެސް މިކަމަށް ހައްލެއް ހޯދުމައްޓަކައި އެކަށީގެންވާ މަސައްކަތެއް ކުރެވިފައި ނުވާކަމަށް ކައުންސިލުންވެސް އެއްބަސްވެ އެވެ.“ނަމަވެސް މިހާރުވާނީ މި މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން އެޑިޔުކޭޝަން މިނިސްޓްރީއަށް ސިޓީއެއް ފޮނުވާފައި. ރަށުގެ ރައްޔިތުންގެ ޚިޔާލު ހުރިގޮތަށް ބަލާއިރު ގިނަ ބޭފުޅުން ވިދާޅުވަނީ އެޑިޔުކޭޝަން އިން ފެހެންދޫ ސްކޫލް ބަންދުކުރިއިރު ރައްޔިތުންނާއި މަޝްވަރާ ކުރެވެން ޖެހޭނެކަމަށް، ނަމަވެސް އެންމެ ހައެއްކަ ބެލެނިވެރިންނާއި ބައްދަލުކޮށް ނިންމި ނިންމުން ރައްޔިތުން ބަލައެއްނުގަނޭ. އެހެންވެ މިކަމުގައި އެޑިޔުކޭޝަން މިނިސްޓްރީން ފުރިހަމައަށް ޒިންމާވާން ޖެހޭނެ.”އަލުން ފެހެންދޫ ސްކޫލް ހުޅުވައި ނުދިން ކަމުގައި ވިޔަސް ފެރީގެ ޚިދުމަތް ޤާއިމުކޮށް ދިނުމަކީ މިހާރުން މިހާރަށް ސަރުކާރުން ކޮށްދޭން ޖެހޭ ކަމެއް ކަމުގައި އެރަށުގެ ރައްޔިތުން ދެކެއެވެ. އަދި ވޭތުވެދިޔަ ފަސް އަހަރުދުވަހުގެ ތެރޭ “ސްކޫލްކުދިންގެ ހާލު” ސަރުކާރުން ބަލާލާފައި ނުވުމުން ދޭހަވަނީ ސަރުކާރުން ފެހެންދޫ ސްކޫލް ކުދިންނާއި މެދު އިޙްމާލްވެފައިވާ މިންވަރު ކަމަށްވެސް އެރަށުގެ ރައްޔިތުން ދެކެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ