ސިޔާސީ ހަޔާތުގައި އަބަދުވެސް މަސައްކަތްޕުޅު ކުރައްވާފައި ވާނީ އަމިއްލަ މަސްލަހަތަށްވުރެ ރައްޔިތުންގެ މަސްލަހަތު އިސްކުރައްވައިގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
މިއަދު ވާހަކަފުޅު ދައްކަވަމުން ގާސިމް އިބްރާހީމް ވިދާޅުވީ 1984 ވަނަ އަހަރުން ފެށިގެން އޭރުގެ ވިޔަފާރިވެރިންގެ ޖަމިއްޔާ ކަމަށްވާ ޗެމްބާ އޮފް ކޮމާސް ތެރެއިން ރާއްޖޭގައި މިހާރު މިއޮތް ޑީމޮކްރެސީގެ މަސްރަހު ގާއިމުކޮށް މި ދުވަސް ގެނައުމަށްޓަކައި ގިނަގުނަ މަސައްކަތްތަކެއް ކުރައްވާފައި ވާނެ ކަމަށެވެ. އަދި މިި މަސައްކަތުގެ ތެރޭގައި ގިނަ ހުރަސްތަކެއް ކުރިމަތިވެވަޑައިގަތް ކަމަށް ވެސް ގާސިމް ވިދާޅުވިއެވެ. އެގޮތުން އެމަނިކުފާނު އެތައް ފަހަރަކު ޖަލަށްލައި ވިޔަފާރި ބަނގުރޫޓު ކޮށްލުމަށްވެސް މަސައްކަތް ކޮށްފައިވާކަން ފާހަގަކުރެއްވިއެވެ.
ގާސިމް ވިދާޅުވީ މިހާތަނަށްވެސް އެއިން އެއްވެސް މަސައްކަތެއް ކާމިޔާބުވެފައި ނުވާ ކަމަށާއި ދުވަހަކުވެސް ގެއްލުމެއް ދެވުނު މީހަކު ނެތް ކަމަށެވެ. އަބަދުވެސް ވެއްޓުނިއްޔާ ދެން ތެދުވެފައި ހުންނާނީ އެޔަށްވުރެ ގަދަރާއި އެކު ކަމަށެވެ. ގާސިމް ވިދާޅުވީ ފެށުނީއްސުރެއް އަބަދުވެސް މަސައްކަތް ކުރައްވާފައިވާނީ ރައްޔިތުންގެ ހެވާއި ލާބަޔަށްޓަކައި ރައްޔިތުންގެ މަސްލަހަތު އިސްކުރައްވައިގެން ކަމަށެވެ.
ގާސިމް ވިދާޅުވީ އެމަނިކުފާނުގެ ތުއްތުތުއްތު ހަ ދަރިން ތިބިއިރު އެ ކުދިންނާއި އެކު ވަގުތު ހޭދަކުރުމަކީ މާމުހިންމު ކަމަކަމަށް ވާނެ ކަމަށެވެ. އެހެންނަމަވެސް އެމަނިކުފާނުގެ ތުއްތު ކުދިންނަށް ވުރެ ގައުމުގެ ރައްޔިތުން އިސްކުރައްވައި މަސައްކަތްޕުޅު ކުރައްވަނީ ގައުމުގެ ތަރައްގީއާއި އިސްލާހަކީ އެމަނިކުފާނުގެ އާއިލާގެވެސް ކުރިއެރުން ކަމަށް ގަބޫލުފުޅު ކުރައްވާތީ ކަމަށެވެ.
ގާސިމް ވިދާޅުވީ އެމަނިކުފާނުގެ ސިޔާސީ ހަޔާތުގައި ގޮންޖެހުންތަކަށް އަބަދުވެސް މަރުހަބާ ވިދާޅުވާ ކަމަށެވެ. އެގޮތުން ޖުމްހޫރީ ޕާޓީގެ ލީޑަރު ކަމުގެ މަގާމުގައި ހުންނަވާއިރު ޕާޓީގެ ތެރެއިން ކޮންމެ ބޭފުޅަކު އެމަނިކުފާނާއި ޗެލެންޖް ކުރައްވަން ބޭނުންފުޅު ވިޔަސް އެއްވެސް ޒާތީކަމަކާއި ހަސަދަވެރިކަމެއް ނެތި އެކަމަށް މަރުހަބާ ވިދާޅުވާނެ ކަމަށެވެ.
ކުރިޔަށް އޮތް ތާނގައި ސިޔާސީ މައިދާނުން ގައުމުގެ ޒުވާނުން ފެނި، ޒުވާނުން ކުރިއަރާނެ ގޮތަކީ އެއީ ކަމަށް ގަބޫލުފުޅު ކުރައްވާ ކަަމަށްވެސް ގާސިމް ވިދާޅުވިއެވެ.
އަބަދުވެސް އިސްކުރަނީ ރައްޔިތުންގެ މަސްލަހަތު: ގާސިމް އިބްރާހީމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ