ކުރިއަށް އޮތް 3 ދުވަހުވެސް މޫސުން ގޯސްވާނެ، ސަމާލުވޭ!

ކުރިއަށް އޮތް 3 ދުވަހުވެސް ރާއްޖޭގެ ބޮޑުބަޔަކަށް މޫސުން ގޯސްވާނެތީ ސަމާލުވުމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން އިލްތިމާސްކުރައްވައިފިއެވެ.
މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ މިހާރު ރާއްޖެއަށް ކުރަމުންދަނީ ހުޅަނދު މޫސުމުގެ ވިއްސާރަކަމަށެވެ. އަދި ރާއްޖޭގެ ބޮޑުބަޔަކަށް މި މޫސުމުގެ ވިއްސާރަކޮށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާކުރެވޭކަމަށެވެ. އެ އިދާރާއިން ވަނީ ރާއްޖޭގެ މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭތީ ހއ އިން ފެށިގެން އައްޑޫ ސިޓީއާއި ހަމައަށް ވައިޓް އެލަރޓްވެސް ނެރެފައެވެ.
މި ތިން ދުވަހު އުތުރާއި މެދުތެރޭގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ ލަފާކޮށްފައެވެ. އަދި ދެކުނުގެ އަތޮޅުތަކަށް ދެކުނާއި ހުޅަނގުދެކުނުން ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުނިނުގައި ވައިޖެހޭނެކަމަށް ލަފާކޮށްފައިވާއިރު، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލު ބާރުމިނަށް ވައިގަދަވުން އެކަށީގެންވާކަމަށްވެސް އެ އިދާރާއިން ލަފާކުރެއެވެ.
މި ދުވަސްވަރު ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެކަމަށް ލަފާކުރެވޭތީ ކަނޑުދަތުރުކުރާ ފަރާތްތަކުން މިކަމަށް ސަމާލުވުމަށްވެސް މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ އިލްތިމާސް ކުރައްވާފައެވެ. އަދި ދިޔަވަރު ބޮޑު ވާ ގަޑިތަކުގައި ދެކުނާއި މެދުތެރޭ ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުން އެކަށީގެންވާތީ މިކަމަށްވެސް ސަމާލުވުމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ އިލްތިމާސްކުރައްވާފައެވެ.
އެގޮތުން އިލެކްޓްރޯނިކް ސާމާނު ފެން ނުޖެހޭނެގޮތައް މަތީގައި ބެހެއްޓުމަށާއި ވާރޭވެހި ފެންބޮޑުވެ ގޭގެއަށް ފެން ވަދެދާނެތީ ދުރާލައި ވެލި ބަސްތާ ޖެހުން ފަދަ ކަންކަން ކުރުމަށްވެސް ވަނީ އިލްތިމާސްކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ