ރައީސް މައުމޫން މިނިވަންކޮށް ދޫކޮށްލުމަށް ގޮވާލަން: މާރިޔާ

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ޖަލުން މިނިވަންކޮށް ދޫކޮށްލުމަށް މައްޗަންގޯޅީ އުތުރު ދާއިރާގެ ރައްޔިތުންގެ ނަމުގައި އެ ދާއިރާގެ މެންބަރު އަދި ގާނޫނީ ވަކީލް މާރިޔާ އަހްމަދު ދީދީ ގޮވާލައްވައިފި އެވެ.
ރައީސް މައުމޫންގެ މައްޗަށް ހުކުމެއް ސާބިތުނުވަނީސް ޖަލުގައި ބަންދުކޮށްގެން ގެންގުޅޭތާ 90 ދުވަސްވުމާއި ގުޅިގެން ރޭ ބޭއްވި ޕެނަލް ޑިސްކަޝަންގައި ވާހަކަފުޅު ދައްކަވަމުން، އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ރައީސް މައުމޫން ނިސްބަތްވާ މައްޗަށްގޯޅީ އުތުރު ދާއިރާގެ މެންބަރު މާރިޔާ ވިދާޅުވީ ރައީސް މައުމޫން ދޫކޮށްލަން ގޮވާލާ ކަމަށާއި ރައީސް މައުމޫނަކީ މުޖުތަމައުއަށް ގެއްލުން ހުރި ބޭފުޅެއް ނޫން ކަމަށެވެ.
މާރިޔާ ވިދާޅުވީ މީހުން ހައްޔަރުކޮށްގެން ހެކި ހޯދައި، ސިއްރު ބަޔާނާއި، ސިއްރު ހެކިދީގެން ޝަރީއަތްކުރުމަކީ ދުނިޔެ ދަންނަ ގާނޫނީ ހަމައެއް ނޫން ކަމަށެވެ.
މާރިޔާ ވިދާޅުވީ ގާނޫނުއަސާސީ އިސްލާހުކުރުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ މީހުން ހައްޔަރުކޮށް ޖަލުތަކުގައި ރަހީނުކޮށްގެން ގެންގުޅުނު ސަގާފަތް ނިމުމަކަށް ގެނައުން ކަމަށާއި، ގާނޫނުއަސާސީގައި ވަރަށް ތަފްސީލްކޮށް އެކަންކަން ބަޔާންކޮށްފައިވާ ކަމަށެވެ. އަދި މައާފުދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ކަންކަންވެސް ގާނޫނީ ނިޒާމުގައި ހަމަޖެހިފަައިވާ ކަމަށާއި، އެގޮތުން އެމީހެއްގެ އުމުރާއި ސިއްޙީ ހާލަތަށް ބަލައި ކަންކަން ކުރެވޭނެ ގޮތް ގާނޫނުގައިވާ ކަމަށެވެ.
އެހެންކަމުން ކުރީގެ ރައީސްކަން ކުރެއްވި އަދި އެހާ އުމުރުން ދުވަސްވެފައި ހުންނެވި ބޭފުޅަކު ޖަލު ބަންދުގައި ބަހައްޓައިގެން ދެމުންދާ އަނިޔާއިން ސަލާމަތްނުވެ ހިނގަމުންދާ ކަންކަން ކުރިއަށްދާނަމަ ރައީސް ޔާމީނަކީ އަނިޔާވެރިއެއްގެ ގޮތުގައި ރައްޔިތުން ދެކޭނެ ކަމަށްވެސް ވިދާޅުވި އެވެ. އޭގެ ހެއްކަކީ ރައީސް ޔާމީނާއި އެންމެ ގާތުގައި ތިއްބެވި ބޭފުޅުންނަށް ދީފައިވާ އަނިޔާ ކަމަށްވެސް މާރިޔާ ވިދާޅުވި އެވެ.
މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައީސް މައުމޫންގެ އަރިހުގައި މަސައްކަތްކުރައްވާ އާމިނަތު ނާދިރާ ވިދާޅުވީ، ރައީސް މައުމޫންގެ މައްސަލައިގައި، އެމަނިކުފާނު ގެއަށް ބަދަލުކޮށްދެއްވުމަށް ކަމާބެހޭ ހުރިހާ އިދާރާއެއްގައި ރަސްމީކޮށް އެދިފައިވާ ކަމަށެވެ. ނަމަވެސް މިހާތަނަށްވެސް އެދެވޭ އެއްވެސް ޖަވާބެއް ނުލިބޭ ކަމަށާއި، ކުޑަމިނުން ސިޓީ ބަލައިގަތްކަމުގެ ލިއުމެއްވެސް ނުލިބޭ ކަމަށް ވިދާޅުވި އެވެ.
ނާދިރާ ވަނީ ކިތަންމެ އަނިޔާއެއް ދިންނަމަވެސް ރައްޔިތުންގެ މެދުގައި ރައީސް މައުމޫނަށް އޮތް ލޯބި ކުޑަވެގެން ނުދާނެ ކަމަށްވެސް ވިދާޅުވެފަ އެވެ.
ނާދިރާ އިތުރަށް ވިދާޅުވީ ރައީސް މައުމޫނަށް އެންމެ އެހީތެރިކަން ބޭނުންވި ވަގުތު، އެއްވެސް ކުށެއްނެތި އެމަނިކުފާނު ޓެރަރިސްޓަކަށް ހެދުމަށް ސަރުކާރުން މަސައްކަތް ކުރާތަން ބަލަން ރައްޔިތުން ނުތިބޭނެ ކަމަށެވެ. އަދި ގުޅިފައިވާ ޕާޓީތަކުން ވެފައިވާ އެއްބަސްވުމާއި އެއްގޮތަށް މިއަނިޔާވެރިކަމުން ގައުމު ސަލާމަތްކުރަން ޕާޓީތަކުން ކުރާ މަސައްކަތުގެ ނަތީޖާ ލިބެން ވަރަށް ކައިރި ވެފައިވާ ކަމަށްވެސް ނާދިރާ ވަނީ ވިދާޅުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ