ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ ނުފޫޒާއި ބާރުވެރިކަމުގައި ގައުމުގެ އެއްވެސް މުއައްސަސާއަކަށް މަސައްކަތް ނުކުރެވޭ ގޮތަށް މުއައްސަސާތައް ތަޅު އަޅުވާފައިވާ ކަމަށާއި އެހެންކަމުން ސިފައިންނާއި ފުލުހުން ނިކުމެ ގައުމު ހަމަމަގަށް އަޅުވައިދެއްވުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ގޮވާލައްވައިފި އެވެ.
ޖަރުމަންގެ ފްރެންކްފާޓްގައި މިހާރު ކުރިއަށްދާ ޖަލްސާގައި ވާހަކަދައްކަވަމުން މުއައްސަސާތަކަށް ކުރިމަތިވެފައިވާ މައްސަލަތަކާ ގުޅިގެން ގާސިމް އިބްރާހީމް ވަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރައްވާ މުއައްސަސާތަކުން އަމަލުކުރަމުންދާ ގޮތުން ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.
ސިޔާސީ ޕާޓީތަކުގެ ޕްރައިމަރީތަކުގައި ވާދަކުރައްވާ ބޭފުޅުންނާ ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަނުން ނިމިގެން ދިޔަ ހަފްތާގައި ނެރުނު ބަޔާނަށް ފާޑު ވިދާޅުވަމުން ގާސިމް އިބްރާހީމް ވިދާޅުވީ އެބަޔާނާ ގުޅިގެން ހައިރާންކަން ލިބިވަޑައިގެންނެވި ކަމަށެވެ. ރިޔާސީ ކެންޑިޑޭޓުންގެ ކެންޑިޑެސީއާ މެދު ގޮތް ނިންމުމަކީ އިލެކްޝަންސް ކޮމިޝަންގެ ޒިންމާއެއް ނޫން ކަމަށާއި އެކަން ނިންމާނީ ގާނޫނު އަސާސީގައިވާ ގޮތުން ސުޕްރީމް ކޯޓުން ކަމަށްވެސް ވިދާޅުވި އެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ހުކުމެއް އިއްވާފައިވާތީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ނަޝީދަށް ވާދަނުކުރެއްވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނަމުންދާތީ އެކަމަށް ފާޑު ވިދާޅުވަމުން ގާސމް އިބްރާހީމް ވިދާޅުވީ 2008 ވަނަ އަހަަރުވެސް ރައީސް ނަޝީދު އިންތިހާބަށް ނިކުންނެވިއިރު ހުކުމެއްގެ ސަބަބުން ގާނޫނީ ސުވާލުތަކެއް އުފެއްްދި ކަމަށެވެ. ނަމަވެސް އޭރުވެސް އެމައްސަލާގައި އެންމެ ފަހުގެ ނިންމުން ނިންމާފައިވަނީ ސުޕްރީމް ކޯޓުން ކަމަށްވެސް ވިދާޅުވި އެވެ.
ރިޔާސީ ދައުރު ހަމަވުމުގެ 60 ދުވަސް ކުރިން ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ބޭފުޅަކު އިންތިހާބު ކުރަންޖެހޭ ކަން ފާހަގަކުރައްވަމުން ގާސިމް އިބްރާހީމް ވިދާޅުވީ ރައީސް ޔާމީނާ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް ބެލެވޭ އެންމެން ހިފާ ހައްޔަރުކޮށް ޖަލަށް ލަމުން ގެންދާ ކަމަށެވެ. ޖަލުގައި މިވަގުތު ތިއްބެވި ވަކިވަކި ސިޔާސީ ބޭފުޅުންގެ މައްޗަށް އިއްވާފައިވާ ހުުކުމްތަކާއި ކުރަމުންދާ ތުހުމަތުތަކާއި ގުޅިގެން ގާސިމް އިބްރާހީމް ވިދާޅުވީ އެބޭފުޅުން ޖަލަށް ލާފައިވަނީ އެއްވެސް ހަގީގަތެއް ނެތް މައްސަލަތަކެއްގެ މައްޗަށް ހެކިތައް އުފައްދައިގެން ކަމަށެވެ.
ގާސިމް އިބްރާހީމް ވިދާޅުވީ ޖަލުގައި ހުންނަވަން ޖެހިވަޑައިގަތުމަކީ ވަރަށް ބޮޑު ވޭނެއް ކަމަށާއި އެހެންކަމުން އެއްވެސް މީހެއްގެ މައްޗަށް ޓެރަރިޒަމުގެ ދައުވާ ނުކޮށް އިހްސާންތެރިވުމަށް ރައީސް ޔާމީނަށް އިލްތިމާސް ކުރައްވާ ކަމަށެވެ. ޓެރަރިޒަމުގެ ގާނޫނަކީ ރައީސް ޔާމީނާ ދެކޮޅު ކޮންމެ މީހަކު "ދަންޖައްސާ ވާގަނޑުތޯ" ސުވާލު އުފައްދަވަމުން ގާސިމް އިބްރާހީމް ވަނީ ޝަރުއީ ކޯޓުތަކުން މިއަދު ނިންމާ ނިންމުންތައް އިންސާފުތޯވެސް ސުވާލު އުފައްދަވާފަ އެވެ. ޖަލަށް ލާފައި ތިއްބެވި ބޭފުޅުންގެ މައްޗަށް އިއްވާފައިވާ ހުކުމްތަކަށް އިޝާރާތް ކުރައްވާ ގާސިމް އިބްރާހީމް ވިދާޅުވީ މިއަދު ޝަރީއަތްތައް ކުރިއަށް ދަނީ އިންސާފުވެރިކޮށް ކަމަށް ރައީސް ޔާމީންވެސް ގަބޫލުނުކުރައްވާނެ ކަމަށެވެ. ސުޕްރީމް ކޯޓުން އެކެއް ފެބްރުއަރީގައި ނެރުނު އަމުރުގައިވެސް ޝަރީއަތްތަކުގެ ތެރެއަށް ނުފޫޒު ފޯރުވާފައިވާ ކަން އިނގެން އެބައޮތް ކަމަށާއި އެ އަމުރާ ގުޅިގެން ދެ ފަނޑިޔާރުން ހައްޔަރުކުރީ އިންސާފުވެރިކޮށް ނޫން ކަމަށްވެސް ވިދާޅުވި އެވެ.
ގާސިމް އިބްރާހީމް ވިދާޅުވީ ޝަރީއަތްތަކުގައިވެސް ފެންނަނީ މުޅިންވެސް ދައުލަތުން ޕްރޮސެކިއުޓާ ޖެނަރަލް ބޭނުންވާ ގޮތަށް ކަންކަން ކުރަމުންދާ މަންޒަރު ކަމަށާއި ނަމަވެސް ޕްރޮސެކިއުޓާ ޖެނަރަލަށްވެސް ގާނޫނާ ހިލާފަށް ދައުވާކުރުމުގެ ބާރު ލިބިވަޑައިގެންފައި ނުވާނެ ކަމަށެވެ. އެކަމަކު ޕްރޮސެކިއުޓާ ޖެނަރަލް ފެންނަނީ މުޅި އޮޑީގައި ހަސަނުގެ ދެފައި އޮތް ކަމަށް ބުނާ ފަދައިން އަމަލުކުރާ މަންޒަރު ކަމަށްވެސް ވިދާޅުވި އެވެ.
ރައީސް ޔާމީންގެ އިސްތަށިފުޅުގައި ބޮޑެތި ތުހުމަތުތައް އެޅިފައިވާ ކަން ފާހަގަކުރައްވަމުން ގާސިމް އިބްރާހީމް ވިދާޅުވީ ގާނޫނީ ގޮތުންނާއި ދީނީ ގޮތުން ނުދެއްކެވޭނެ އެތައް ވާހަކަތަކެއްވެސް ރައީސް ޔާމީން ދައްކަވާފައިވާ ކަމަށެވެ. ރައީސް ޔާމީން ވެރިކަމަށް ގެނެސްދެއްވި އެތައް ބޭފުޅުންނެއް ޖަލަށް ލާފައިވާ ކަމަށާއި މީގެތެރޭގައި ވަޒީރުންނާއި، ކުރީގެ ނައިބްރައީސުންނާއި، ކުރީގެ ރައީސުންނާއި، ފަނޑިިޔާރުންނާއި، ރައީސް ޔާމީންގެ ވާދަވެރިންނާއި، އެއްބަފާ އާއިލީ ބޭފުޅުން ހިމެނޭ ކަމަށްވެސް ވިދާޅުވި އެވެ. ރ
ގާސިމް އިބްރާހީމް ވިިދާޅުވީ ރައީސް ޔާމީނާ ވާދަކުރައްވަން ތިއްބެވި ބޭފުޅުންނަށް އިންތިހާބުގައި ވާދަކުރެއްވުމަށް ފުރުސަތު ނުދެއްވާ، ގައުމުގެ މަސްލަހަތު ނުހިފެހެއްޓޭނެ ކަމަށާއި އެހެންކަމުން ރައީސް ޔާމީން މިއަދު އަމަލުކުރައްވަނީ ގޯހުން ގޯހަށް ކަމަށެވެ. ރައީސް ޔާމީންގެ ވެރިކަމުގައި ޖަލަށް ލާފައި ތިއްބެވި ސިޔާސީ ބޭފުޅުންގެ ޝަރީއަތްތައް ދަރުބާރުގެ ފަދަ ތަނެއްގައި ހުޅުވާލައިގެން ބާއްވާ އެ މައްސަލަ ތަކުގައި އިންސާފުވެރި ނިންމުންތަކެއް ވީހާވެސް އަވަހަށް ނިންމަންޖެހޭ ކަމަށްވެސް ވިދާޅުވި އެވެ. ގާސިމް އިބްރާހީމް ވިދާޅުވީ އެމަނިކުފާނުގެ މައްޗަށް ރިޝްވަތު ދިނުމުގެ ދައުވާކޮށް ދަންވަރު އަޕްލޯޑް ކޮށްލި ލިޔުމަކީ ދީނީ ގޮތުންނާއި ގާނޫނީ ގޮތުން ހުކުމެއް ނޫން ކަމަށްވެސް ވިދާޅުވި އެވެ. އެމަނިކުފާނުގެ މައްޗަށް ދަށު ކޯޓުން އިއްވާފައިވާ ހުކުމާ މެދު ހައިކޯޓާއި ސުޕްރީމް ކޯޓުން ގޮތެއް ނިންމާފައި ނުވާތީ އެމަނިކުފާނުގެ އަސާސީ ހައްގުތައް ނިގުޅައި ނުގަނެވޭނެ ކަމަށްވެސް ވިދާޅުވި އެވެ. އެމަނިކުފާނުގެ މައްޗަށް ރިޝްވަތުގެ ހުކުމް ސާބިތުކޮށްފައިވާ ގޮތަށް ރައީސް ޔާމީން މެންބަރުންނަށް ދެއްވި ކަމަށް ފައިސާ އަކީ ކޮން އެއްޗެއްތޯއޭ ވިދާޅުވެ ގާސިމް ވަނީ ސުވާލު އުފައްދަވާފަ އެވެ.
ރައީސް ޔާމީނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން ގާސިމް އިބްރާހީމް ވިދާޅުވީ އެމަނިކުފާނު އުޅުއްވަނީ އެއްބަފާ ބޭބޭ އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމު އުމުރުފުޅުން 82 އަހަރުގައި ޖަލަށްލައިގެން ކަމަށްވާތީ ރައީސް ޔާމީންގެ ހިތެއް އޮތްތޯ ސުވާލު އުފެދޭ ކަމަށެވެ. ރައީސް ޔާމީން މިއަދު އެހުންނެވި ހިސާބަށް ގެނެސްދެއްވާ ވެރިކަން ހޯއްދަވައިދެއްވި އެއްބޭފުޅަކީ ެަރައީސް މައުމޫން ކަން ފާހަގަކުރައްވަމުން ގާސިމް އިބްރާހީމް ވިދާޅުވީ ރައީސް މައުމޫން ފަދަ ދުވަސްވީ ބޭފުޅަކަށް ރައީސް ޔާމީން ކަންކުރައްވާ ގޮތުން ދެރަވެ ހިތާމަކުރައްވާ ކަމަށެވެ. އެކަމަކު ރައީސް ޔާމީންގެ ހިތްޕުޅުގައި އިންސާނިއްޔަތުގެ ކަމުގެ ކުޑިފުކެއްވެސް ނެތް ކަމަށާއި ރައީސް ޔާމީން ކަންކަން ކުރައްވަނީ ވަރަށް ހަޑިމުޑުދާރު ގޮތަކަށް ކަމަށްވެސް ވިދާޅުވި އެވެ.
ދިވެހި ތާރީހުގައި ވެސް މިހާ ހަޑިމުޑުދާރު ދުވަސްތަކެއް ނުދެކޭ ކަން ފާހަގަކުރައްވަމުން ގާސިމް އިބްރާހީމް ވިދާޅުވީ އެއީ ރައީސް ޔާމީން ބޭނުންވާ ގޮތް ކަމަށްވީ ނަމަވެސް އެމަނިކުފާނު ބޭނުންވަނީ ރައީސް ޔާމީނަކީ ދައުލަތުގެ އެންމެ އިސް ލަގަބު ލިބިވަޑައިގަންނަވާ، އިންސާފުވެރި ވެރިއެއްގެ ގޮތުގައި ވެރިކަން ނިންމާލުމަށްފަހު ވަޑައިގަތުމަށް ކަމަށެވެ. އެހެންކަމުން ދިވެހި ރައްޔިތުންނަށް އަދުލުވެރިކަމާ އިންސާފުވެރިކަމާއެކު ކަންކަން ކުރެއްވުމަށް އިލްތިމާސްކުރައްވަމުން ގާސިމް އިބްރާހީމް ވިދާޅުވީ ތާއަބަދު ގޯސް ނުހެއްދެވޭނެ ކަމަށާއި ކޮންމެވެސް އެއް ހިސާބަކުން މި ނުބައި ނިޒާމު ފަޅައިގެންދާނެ ކަމަށެވެ.
"އެ ދުވަހަށް ސަހަރޯވެރިވާން ހުންނަވާނެ ކަމެއް ނެތް. އެދުވަހު ޖަލުގައި އޮންނާނީ ކޮން ބައެއް ކަން އަމިއްލަފުޅަށް ވިސްނަވާ. އެހެން ނުހައްދަވާ.،" ރައީސް ޔާމީނަށް އިލްތިމާސްކުރައްވާ ގާސިމް އިބްރާހީމް ވިދާޅުވި އެވެ.
ގާސިމް އިބްރާހީމް ވިދާޅުވީ ރައީސް ޔާމީނަށް ވެރިކަން ހޯއްދަވައިދެއްވުމަށް އެމަނިކުފާނު ނިކުންނެވީ ސިފައިންނާއި ފުލުހުންގެ އިސް ބޭފުޅުން އެމަނިކުފާނުގެ ކިބައިން އެކަމަށް އެދިވަޑައިގަތުމުން ކަމަށެވެ. އެހެންކަމުން ރައީސް ޔާމީންގެ އަމަލުތައް ހުރި ގޮތުން ގައުމު މިއަދު ވެއްޓިފައި މިވާ ހާލަތުން ގައުމު ސަލާމަތް ކުރެވޭނީ ސިފައިންނާއި ފުލުހުންނަށް ކަމަށްވާތީ އެމުއައްސަސާތަކުގެ އޮފިސަރުން ކުރައްވާފައިވާ ހުވަޔާ އެއްގޮތަށް ގައުމު ސަލާމަތް ކުރުމަށް ނިކުންނެވުމަށްވެސް ގާސިމް އިބްރާހީމް ވަނީ އިލްތިމާސް ކުރައްވާފަ އެވެ.
ގާސިމް އިބްރާހީމް ވަނީ ޝަރުއީ ކޯޓުތަކުގައި މަސައްކަތް ކުރައްވާ ފަނޑިޔާރުންވެސް އަނިޔާވެރިކަމަށް ބިރުވެތިވެ، ﷲ އެންގެވި ގޮތަށް އަދުލުވެރިކަމާ އިންސާފުވެރިކަމާ އެކު ހުކުމް ކޮށްދިނުމަށް ތަކުރާރުކޮށް އެދިވަޑައިގެންފަ އެވެ.
ރައީސް ޔާމީން ވަނީ މުއައްސަސާތައް ތަޅުއަޅުވާފައި: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ