ގާސިމް ވަގުތުން ދޫކޮށްލުމަށް ޖޭޕީން ގޮވާލައިފި

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ހައްޔަރުކޮށްފައި ހުރީ ގާނޫނާ ހިލާފަށް ކަމަށް ބުނެ ގާސިމް ވަގުތުން ދޫކޮށްލުމަށް ޖުމްހޫރީ ޕާޓީން ގޮވާލައިފި އެވެ.
ޖުމްހޫރީ ޕާޓީން މިއަދު ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައިވަނީ ގާސިމް އިބްރާހީމް ދޫނިދޫގައި ހައްޔަރުކޮށްފައި ހުރީ ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނުގެ 13 ވަނަ މާއްދާގެ (ހ)އާއި ކަނޑައެޅިގެން ހިލާފަށް ކަމަށެވެ.
އިމްތިޔާޒް ގާނޫނުގެ 13 ވަނަ މާއްދާގެ (ހ)ގައި ބުނެފައި ވަނީ ޖިނާއީ ކުށެއް ކުރަނިކޮށް ހިފިއްޖެ ހިނދެއްގައި މެނުވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ޖިނާއީ މައްސަލައެއްގެ ތަހުގީގަށް ހައްޔަރުކުރަން ބޭނުންވެއްޖެނަމަ އެކަން ކުރައްވާނީ ސުޕީރިއަރ ކޯޓެއް ނުވަތަ އެއަށްވުރެ މަތީ ކޯޓެއްގެ ކޯޓު އަމުރަކަށެވެ. މިފަދަ އަމުރަކަށް އެ ކޯޓްގައި އެދޭނީ އެ މައްސަލައެއް ތަހުގީގުކުރާ ފަރާތުން ޕްރޮސިކިއުޓަރ ޖެނެރަލަށް ހުށެހެޅުމުން ޕްރޮސެކިއުޓާ ޖެނެރަލަށް ފެނިއްޖެ ނަމަ އޭނާ ކަމަށެވެ.
ގާނޫނުގެ މިމާއްދާއަށް ރިއާޔަތްކޮށް ޖޭޕީގެ ބަޔާނުގައި ބުނެފައިވަނީ ގާސިމް އިބްރާހިމް ހައްޔަރުކުރީ އެމަނިކުފާނުގެ ގެކޮޅުގައި ނަމާދަށް ހުންވަނިކޮށް ކަމަށެެވެ. އަދި އެމަނިކުފާނު ހައްޔަރުކޮށް ބަންދުކޮށް ހިފަހައްޓާފައިވަނީ ގާނޫނުގައި ކަނޑައަޅާފައިވާ ގޮތަށް ޕްރޮސެކިއުޓާ ޖެނަރަލް ކްރިމިނަލް ކޯޓުގައި އެދިގެން ހޯދާފައިވާ އަމުރެއްގެ ބަދަލުގައި ފުލުހުން ކްރިމިނަލް ކޯޓުގައި އެދިގެން ނެރެފައިވާ ކޯޓު އަމުރެއްގެ ދަށުން ކަމަށްވެސް ބަޔާނުގައި ވަނީ ފާހަގަކޮށްފަ އެވެ.
މިބަޔާނުގައި ބުނެފައިވަނީ މިފަަދަ ޣައިރު ގާނޫނީ ހައްޔަރެއްގައި މާމިގިލި ދާއިރާގެ މެންބަރު ކަަންވެސް ކުރައްވަމުން ގެންދަވާ ގާސިމް އިބްރާހީމް ބަންދުކޮށްފައިވާތީ އެމައްސަލަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އިމްތިޔާޒުތަކާއި ބެހޭ ކޮމިޓީއަށް ވެސް ހުށަހަޅާފައިވާނެ ކަމަށެވެ. ނަމަވެސް މިހާތަނަށް ވެސް އެ ކޮމިޓީގެ ބައްދަލުވުމެއް ބާއްވާ އެމައްސަަލަ ބެލުމަށް މަޖިލީހުގެ ރައީސް މަސައްކަތް ކުރައްވާފައި ނުވާކަން ހިތާމަޔާއެކު ފާހަގަކުރާ ކަމަށްވެސް މިބަޔާނުގައި ބުނެފައިވެ އެވެ.
"މިކަންކަން މިހެން ހުރުމާއި އެކު އޮނަރަބުލް ގާސިމް އިބްރާހީމް މިހާރު ހައްޔަރުކޮށް ދޫނިދޫގައި ބަހައްޓާފައިވަނީ ގާނޫނީ އިޖުރާތުތަކާ ހިލާފަށެވެ. އެހެންކަމުން ޖުމްހޫރީ ޕާޓީގެ ލީޑަރު އޮނަރަބުލް ގާސިމް އިބްރާހީމް ބަހައްޓާފައިވާ ޣައިރު ގާނޫނީ ހައްޔަރުން ހަމަ މިހާރު ވަގުތުން ދޫކޮށް، އެމަނިކުފާނު މިނިވަންކުރުމަށް މޯލްޑިވްސް ޕޮލިސް ސާވިސް އަށާއި ދިވެހިރާއްޖޭގެ ކޯޓް ތަކަށާއި ދައުލަތުގެ ކަމާއި ބެހޭ އެންމެހާ ފަރާތްތަކަށް މިޕާޓީން ގޮވާލަމެވެ.
ގާަސިމް އިބްރާހީމް ހައްޔަރުކޮށްފައި ހުރީ ގާނޫނާ ހިލާފަށް ކަމަށް މަޝްހޫރު ބައެއް ގާނޫނީ ވަކީލުން ވެސް ގެންދަވަނީ ވިދާޅުވަމުންނެވެ. އެހެންކަމުން ގާސިމް ދޫކޮށްލުމަށް ސިޔާސީ ޕާޓީތަކުންނާއި މަޖިލީހުގެ ބައެއް މެންބަރުން ވެސް ގެންދަނީ ގޮވާލަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ