ޖުމްހޫރީ ޕާޓިގެ ލީޑަރު ގާސިމް އިބްރާހިމް ފުރުން މަނާކޮށް ނެރެފައިވާ އަމުރު އިސްތިއުނާފް ކުރުމަށް ހައިކޯޓަށް ހުށަހަޅާފައިވާ ކަމަށް އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުން ބުނެފި އެވެ.
ވަކީލުންގެ ޓީމުން މިހެން ބުނެފައިވަނީ ދާދި ދެންމެއަކު ބޭއްވި ހާއްސަ ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ.
މި ބައްދަލުވުމުގައި ގާނޫނީ ޓީމުން ބުނެފައިވަނީ ގާސިމް އިބްރާހިމް ތަހްގީގަށް އެއްބާރުލުން ދެމުންދާއިރު ފުރުން މަނާކޮށް އަމުރު ނެރުމަކީ އެއްވެސް ބޭނުމެއް އޮތް ކަމެއް ކަމަށް ނުބެލެވޭ ކަމަށެވެ. އެހެން ކމަުން މިހާރު އެ އަމުރު އިސްތިއުނާފް ކުރުމަށް ހައިކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.
ގާނޫނީ ޓީމުން ބުނީ ގާސިމް އަށް ކުރާ ތުހުމަތުތަކަަކީ އެއްވެސް އަސްލެއްނެތް ހަގީގަތާ ހިލާފު ތުހުމަތުތަކެއް ކަމަށެވެ. އަދި އެއީ ސިޔާސީ މަގުސަދެއްގައި ކޮށްފައިވާ ތުހުމަތުތަކެއް ކަމަށްވެސް އެޓީމުން ވަނީ ބުނެފަ އެވެ.
ގާސިމް އަކީ ގާނޫނީ އަމުރަކާއި ހިލާފުވާނެ މީހެއް ނޫން ކަމަށާއި އަދި އެއަމުރާ ހިލާފަށް ފުރައިގެންދާނެ ބޭފުޅެއް ނޫން ކަމަށްވެސް ގާނޫނީ ޓީމުން ވަނީ ބުނެފަ އެވެ.
އެޓީމުން އިތުރަށް ބުނީ ގާސިމް އިބްރާހިމް ފުލުހަށް ހާޒިރު ކުރި ފުރަތަމަރޭ ތަހުގީގަށް ބޭނުންވާ ހުރިހާ ކަމެއް ނިމިފައިވާ ކަމަށާއި ދެވަނަ ފަހަރަށް ހާޒިރު ކުރީ ބިރުދެއްކުމަށް ކަމަށް ގަބޫލު ކުރާ ކަމަށެވެ. އަދި ބުނީ ގާސިމް އަށް ކުރާ ތުހުމަތުތަކާއި ނެރޭ އަމުރުތަކަަކީ ގާނޫނާއި ހިލާފު އަދި އެއްވެސް އަސްލެއް ހަގީގަތެއްނެތް އަމުރުތަކާއި ތުހުމަތުތަކެއް ކަމަށެވެ.
ގާސިމް ފުރުން މަނާކޮށް ނެރެފައިވާ އަމުރު އިސްތިއުނާފަށް ހުށަހަޅައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ