މައުމޫންގެ އޮފީސް ބަންދުކުރުމަށް ކޯޓުން އަމުރު ނެރެފި

ޕީޕީއެމްގެ ރައީސްގެ އޮފީހުގެ ނަމުގައި ރައީސް އަލްއުސްތާޒު މައުމޫން އަބުދުލްގައްޔޫމް ހުޅުއްވާފައިވާ އޮފީސް ބަންދުކުރުމަށް ސިވިލް ކޯޓުން އަމުރެއް ނެރެފިއެވެ.
ސިވިލް ކޯޓުން ފުލުހުންގެ މައްޗަށް ނެރެފައިވާ މި އަމުރުގައި ބުނެފައިވަނީ ޕީޕީއެމްގެ ހިންގުން އެޕާޓީގެ މުސްތަޝާރު ރައީސް އަބުދުﷲ ޔާމީނާއި ކޯޓް މެދުވެރިކޮށް ހަވާލްކޮށްފައިވަނިކޮށް، އެ ޤަސިއްޔާގެ ބާރު ނަފީވާގޮތަށް، ހުކުމަށް ކިޔަމަންވުމެއްނެތި، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ ރައީސްގެ އޮފީހުގެ ނަމުގައި އޮފީހެއް ހަދާ، ޕީޕީއެމްގެ ލޯގޯއާއި ދިދަ ބޭނުންކޮށް، ޕީޕީއެމްގެ ނަމުގައި ހަރަކާތްތައް ހިންގަމުންގެންދާކަމަށާ އެއީ އެ ޤަޒިއްޔާ ތަންފީޒުވުމަށް ހުރަސްއެޅޭ ކަންކަންކަމަށެވެ.
އެހެންކަމުން ސިވިލްކޯޓުން ޕީޕީއެމްގެ ހިންގުން ރައީސް އަބްދުﷲ ޔާމީނާއި ހަވާލްކޮށް ކޮށްފައިވާ ހުކުމުގައި ކަނޑައަޅާފައިވާގޮތާއި ޚިލާފަށް ޕީޕީއެމްގެ ރައީސްގެ ނަމުގައި އޮފީހެއް ހަދާ، ޕީޕީއެމްގެ ދިދައާއި ލޯގޯ ބޭނުންކޮށްގެން އަދި ޕީޕީއެމްގެ ނަމުގައި ޖަލްސާ ބާއްވައި އެއްވެސް ހަރަކާތެއް ހިންގާނަމަ އެކަމެއް ހުއްޓުވުމަށާއި، ޕީޕީއެމްގެ ނަމުގައި ހ.ތެމާގައި ހަދާފައިވާ ޕީޕީއެމްގެ ރައީސްގެ އޮފީސް ހިންގުން ހުއްޓުވުމަށާއި، އެތަނުގައި ނަގާފައިވާ ޕީޕީއެމްގެ ދިދަ އެތަނުން ނަގާ އެފަދަ އެއްވެސް ހަރަކާތެއް ހިންދިޔަ ނުދިނުމަށް މޯލްޑިވްސް ޕޮލިސް ސާވިސްއަށް އަމުރުކުރާކަމަށް ސިވިލް ކޯޓްގެ އަމުރުގައިވެއެވެ.
މައުމޫންގެ އޮފީސް ބަންދުކޮށް، އެ އޮފީހުގައިވާ ޕީޕީއެމްގެ ދިދައާއި ނަންބޯޑް ނެގުމަށް ސިވިލް ކޯޓުން އަމުރުނެރެފައިވާއިރު، ރައީސް ޔާމީނަށް ވަފާތެރި ޕީޕީއެމްގެ ސުލޫކީ ކޮމެޓީން ވަނީ މިދިޔަ ހަފްތާގައި ރައީސް މައުމޫން ޕާޓީންވެސް ވަކިކޮށްފައެވެ.
އަދި މީގެ ކުރިން މައުމޫންގެ އޮފީހުގައި ނަގާފައިވާ ގައުމީ ދިދަވެސް ގައުމީ ދިދަ ބޭނުންކުރުމުގެ އުސޫލާއި ޚިލާފުކަމަށް ބުނެ ފުލުުހުން ވަނީ ބާލާފައެވެ.
ޕީޕީއެމްގެ ބައިބައިވެ ރައީސް މައުމޫނާއި އެމަނިކުފާނަށް ވަފާތެރި ހުރިހާ ބޭފުޅުން އެޕާޓީން ވަކިކުރަމުންދާއިރު، ޑީއާރުޕީ ދޫކޮށްލައްވާ ގިނަ މެންބަރުންތަކަކާއެކު ޕީޕީއެމް އުފެއްދެވީ ރައީސް މައުމޫން އިސްވެ ހުުންނަވައެވެ. އަދި ރައީސް މައުމޫން އިސްވެ ހުންނަވާ ޕީޕީއެމް އުފެއްދިފަހުންވެސް ގިނަ އިންތިޚާބުތަކެއް އެޕާޓީން ވަނީ ކާމިޔާބުކޮށްފައެވެ.
ނަމަވެސް ޕީޕީއެމްގެ އުސޫލްތަކާއި ޚިލާފަށް ކަންކަން ކުރަމުން ގެންދާތީ ރައީސް މައުމޫން ވަނީ މިސަރުކާރަށް ކުރަމުން ގެންދާ ތާއީދު އަނބުރާ ގެންދަވާ ދެން ދުވަހަކުވެސް ރައީސް އަބުދުﷲ ޔާމީން ވެރިކަމަށް ގެނައުމަށް މަސައްކަތް ނުކުރައްވާނެކަމަށް މައުމޫން ވަނީ ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ