އާޒިމާ ވިދާޅުވާ ފައިސާގެ "އަސްލު ހަގީގަތް" ގާސިމް ހާމަކުރައްވައިފި

ވިލާ ގުރޫޕުން ދައުލަތަށް ދައްކަންޖެހޭ ކަމަށް ބުނާ ފައިސާއަކީ ދައްކަންޖެހޭ ފައިސާއެއް ނޫން ކަމަށާއި ވިލާގެ ހެޔޮނިޔަތް ނެތް ކަމަށް ބުނެ ސަރުކާރުން ހޯދަން އުޅެނީ ނުހައްގު ފައިސާތަކެއް ކަމަށް ވިލާ ގުރޫޕްގެ ޗެއާމަން ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ގާސިމް އިބްރާހީމް މިހެން ވިދާޅުވީ ވިލާ ގުރޫޕުން ދައުލަތަށް ދައްކަންޖެހޭ އެތައް ބިލިއަން ރުފިޔާއެއް އެބައޮތް ކަމަށް ވިދާޅުވެ ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު އާއިޝަތު އާޒިމާ ޝަކޫރު ދައްކަވާފައިވާ ވާހަކަފުޅުގެ ހަގީގަތް ހާމަކޮށްދެއްވުމުގެ ގޮތުން އެކަމާ މެދު ވަރަށް ތަފުސީލްގޮތެއްގައި މިރޭ ކުރެއްވި ޓުވީޓުތަކެއްގައާއި ނެރުއްވި ބަޔާނެއްގައެވެ.
ގާސިމް ވިދާޅުވީ އާޒިމާ ހައްދަވަނީ އެނގިވަޑައިގެން ހުންނަވައި ކަނޑައެޅިގެން ބޮޑު އިތުރުފުޅެއް ކަމަށެވެ. އެވިދާޅުވާ ފައިސާއާ ގުޅޭ ގިނަ މައްސަލަތައް ކޯޓުތަކުގައި ފެށީ ވިލާގެ ވަކީލެއްގެ ގޮތުގައި ޚުދު އެކަމަނާ ހުންނަވައިގެންކަން ގާސިމް ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން ދަށުކޯޓާއި ހައިކޯޓާއި އަދި ސުޕްރީމް ކޯޓުގައި ވެސް އެދައުވާތައް ކުރިއަށް ގެންދެވި، އެއިން އެއް މައްސަލަ ސުޕްރީމް ކޯޓުން ވިލާއާ އެއްކޮޅަށް ނިންމާފައިވާކަން ވެސް އެކަމަނާއަށް އެނގިވަޑައިގަންނަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މިހުރިހާ ކަމެއް ކޮށްދެއްވުމުގައި ވިލާގެ ފަރާތުން އެކަމުގައި ހުރިހާ ކޯޓުތަކަކަށް ވަޑައިގެން އުޅުއްވާފައި، އެއިން އެއް މައްސަލަ ސުޕްރީމް ކޯޓުން ނިންމީ އެތައް މިލިއަން ޑޮލަރެއް ވިލާއަށް ސަރުކާރުން ދިނުމަށްކަން އެނގިވަޑައިގެން ހުންނަވައި އެއާ މުޅިން ޚިލާފަށް މިހާރު އެކަމަނާ ތަކުރާރުކޮށް ވާހަކަދައްކަވާތީ ހިތާމަކުރައްވާ ކަަމަށް ވިލާ ގުރޫޕުގެ ޗެއާމަން ގާސިމް އިބްރާހީމްގެ ޓުވީޓުތަކުގައި ވިދާޅުވެފައި ވެއެވެ.
އޭރު ކަން ހިނގާދިޔަގޮތް އެމަނިކުފާނު ވަނީ ވަރަށް ތަފުސީލުކޮށް ވިދާޅުވެދެއްވާފައެވެ. އެގޮތުން ވިލާއާ އެއްކޮޅަށް އެއް މައްސަލަ ނިމުމުން 2014 ވަނަ އަހަރު ސަރުކާރުން ބޭނުންވީ މިގޮތަށް ދެންހުރި މައްސަލަތައް ކުރިއަށް ނުގެންގޮސް، ސެޓްލްމަންޓް އެގްރިމެންޓަކަށް ގޮސް، މައްސަލަ ޖެހިގެން އުޅޭ ފަސް ރަށަށް "އެމެންޑެޑް އެންޑް ރީސްޓްރަކްޗާޑް އެގްރިމެންޓެއް" ހެދުމަށް ކަމަށެވެ. އަދި އެގޮތަށް ވިލާއިން އެއްބަސްވުމުން އެ ފަސް ރަށުގެ އެއްބަސްވުން އެގޮތަށް ހަދާފައިވާ ކަމަށެވެ. އެ އެއްބަސްވުންތައް ހެދުމުގެ ކުރިން މިކަމާ ގުޅިގެން ވިލާއިން ކޯޓަށް ހުށަހަޅާފައިވާ ހުރިހާ މައްސަލައެއް އަނބުރާ ގެންދިޔަކަން ވެސް ފާހަގަކުރައްވާފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ