ޒުވާން ފުއްލާއަކަސް މާބޮޑު ކަމެއް ނުކުރެވޭނެކަން އެނގިގެން ހިނގައްޖެ: މެމްބަރު ވަހީދު

ލޯކަލް ކައުންސިލް އިންތިޚާބުގައި ރައްޔިތުންގެ ނިންމުން ތަކުން އެނގިގެން ދިޔައީ މަލާމާތްކޮށް ޖެއްސުންކޮށް ނިކަމެތި ކުރިކަމުގައިވީ ނަމަވެސް ހިކުމަތްތެރި މުސްކުޅި ސާރިދޯޅުގެ ކުރިމަތީގައި ޒުވާން ފުއްލާއަކަށްވެސް މާބޮޑު ކަމެއް ނުކުރެވޭނެ ކަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތުލުސްދޫ ދައިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހީމް ވިދާޅުވެއްޖެ އެވެ.
މުހައްމަދު ވަހީދު މިހެން ވިދާޅުވީ ގުޅިފައިވަ ޕާޓީތަކުން މާފަންނު ކުނޫޒްގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މައުމޫނުގެ ފަރާތްޕުޅުން ބައިވެރިވެ ވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.
މުހައްމަދު ވަހީދު ވިދާޅުވީ ރައްޔިތުން އިއްޔެ ނިކުމެ ދިން ވޯޓުގެ ނަތީޖައިން އިދިކޮޅު ސިޔާސީ ލީޑަރުން އިސްލާހައްޓަކައި ކުރައްވާ މަސައްކަތަށް ކަމިޔާބު ލިބިއްޖެކަން ވަރަށް ރަނަގަޅަށް ސާބިތުވެގެން ހިނގައްޖެ ކަމަށެވެ. އަދި ރައްޔިތުންގެ ނިންމުންތަކުން އެނގިގެންދިޔައީ މަލާމާތްކޮށް ޖެއްސުންކޮށް ނިކަމެތި ކުރިކަމުގައިވީ ނަމަވެސް ހިކުމަތްތެރި މުސްކުޅި ސާރިދޯޅުގެ ކުރިމަތީގައި ޒުވާން ފުއްލާއަކަށްވެސް މާބޮޑު ކަމެއް ނުކުރެވޭނެ ކަން ކަމަށް ވެސް ވަހީދު ވިދާޅުވި އެވެ.
ގާނޫނީ އިމުން ބޭރުންވިޔަސް އަދި ގާނޫނީ އިމުގެ ތެރެއިން ކަމުގައި ވީނަމަވެސް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ޖަލުގައި ހައްޔަރު ކޮށްފައިވާތީ އެކަމާމެދު ރައްޔިތުން ކުރާ ހިތާމަވެސް ވޯޓުން ދައްކައިފި ކަމަށް މުހައްމަދު ވަހީދު ވިދާޅުވި އެވެ.
"މި ނަތީޖާއަށް ބަލައި، ރައީސް ޔާމީން ރައްޔިތުންނާ ގުޅިގެން މަސައްކަތްކުރައްވައިގެން ނޫނީ 2018 ގެ ރިޔާސީ އިންތިހާބު ކާމިޔާބު ނުވާނެ." ވަހީދު ވިދާޅުވިއެވެ.
ސަރުކާރުން ރައްޔިތުންނަށް ދެމުންއައި ހުސްނުވާ އާސަންދައިގެ ޚިދުމަތް ޕްރައިވެޓް ތަންތަނުން ނުލިބޭ ގޮތަށް ހެދުމާ ގުޅިގެން އެކަމަށް ފާޑު ވިދާޅުވަމުން މުހައްމަދު ވަހީދު ވިދާޅުވީ ރައްޔިތުންނަށް ލިބެންޖެހޭ ހައްގުތަކުން ރައްޔިތުން މަހުރޫމު ކުރުމަކީ ސަރުކާރަކުން ކުރަންޖެހޭ ކަމެއް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ. އަދި ކޮންމެ ގައުމެއްގެވެސް ރައީސުލްޖުމްހޫރިއްޔާ ވާންވާނީ ނިކަމެތިންނާ ޔަތީމުން ބަލަހައްޓާ ފަރާތެއްގެ ހައިސިއްޔަތު އޮންނަ، އޯގާތެރިކަމާ، ހަމްދަރުދީއާއި، މިނިވަންކަމާ، ހައްގުތައް ކަށަވަރުކޮށްދޭ ފަރާތެއްގެ ގޮތުގައި ކަމަށް ވިދާޅުވި އެވެ.
" ރައްޔިތުން މިގޮތަށްދޭ ކޮންމެ މެސެޖަކަށް ރައްޔިތުންނަށް ގެއްލުމާ ދުއްތުރާތައްކޮށް އެކަމުގެ ހިތިއަސަރު ކުރަންޖެހޭ ގޮތަށް ކަންކަން ކުރުމަކީ ރައްޔިތުން ބަލައިގަންނާނެ ކަމެއް ނޫން. ކަމުގެ މެސެޖު ލޯކަލް ކައުންސިލް އިންތިޚާބުން ރައްޔިތުން ދީފި" ވަހީދު ވިދޅުވިއެވެ.
މީގެ އިތުރުން ވަހީދުވަނީ ރައްޔިތުން ނިންމި ނިންމުމަށް ރައްޔިތުންނާ ގުޅިގެން މަސައްކަތް ކުރުމަށް ސަރުޚާރަށް ގޮވާލާފައެވެ. މިނޫން ގޮތަކަށް މަސައްކަތް ކޮށްގެން ސަރުކަރަކަށް 2018 ކާމިޔާބު ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ނޫސްވެރިންގެ މި ބައްދަލުވުމުގައި އަދާލަތު ޕާޓީގެ ފަރާތުން ޝިދާތާ ޝަރީފް ވިދާޅުވީ އިއްޔެއަކީ ގުޅިފައިވާ ޕާޓީތަަކަށް ވަރަށް ބޮޑު ހިތްވަރެއް ލިބުނު ދުވަހެއް ކަމަށާއި ބޮޑުފަޅި އޮތީ އިދިކޮޅުގައިކަން ރައްޔިތުން އަންގައިދީފި ކަމަށެވެ. އަދި ކެމްޕޭންކުރުމުގެ ފުރުސަތު ނުލިބި، ގިނަ ހުރަސްތަކާއެކު ވެސް ސަރުކާރަށް ރައްޔިތުން ނޫނެކޭ ބުނެފައިވާ ކަމަށް އޭނަ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ