ރައްޔިތުން މަޖިލީހުގެ އެއްވެސް މެންބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށާއި، އިލެކްޝަން ކޮމިޝަނަށް ސުޕްރީމް ކޯޓުގެ ހުކުމް އޮޅުންއަރާފައިވާތީ އެ ހުކުމްގައިވާ އެއްޗެއް އިތުރަށް ތަފްސީލުކޮށް ދިނުމަށް ސުޕްރީމް ކޯޓުގެ ފަޑިޔާރުންނަށް އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރު ގޮވާލައްވައިފި އެވެ.
ގުޅިފައިވާ ޕާޓީތަކުން ކުނޫޒުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އަލީ ޒާހިރު ވިދާޅުވީ މަޖިލިސް މެންބަރުގެ ގޮޑީގެ މައްސަލައަކީ މުޅި ގައުމުގެ މަސްލަހަތާއި ގުޅިފައިވާ މައްސަލައެއް ކަމަށާއި، އިލެކްޝަން ކޮމިޝަނުގެ މެންބަރުންނަށް ސިއްރިއްޔާތުގައި ނަމަވެސް ސުޕްރީމް ކޯޓުގެ ހުކުމްގައިވާ އެއްޗެއް ބުނެދޭން ޖެހޭ ކަމަށެވެ.
އިލެކްޝަންސް ކޮމިޝަންގެ މެންބަރުންނަށް ސުޕްރީމް ކޯޓުގެ ހުކުމް އޮޅުން އަރައިގެން އުޅޭއިރު ތަފްސީލްކޮށް ބުނެދިނުމަކީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ޒިންމާއެއް ކަމަށްވެސް އަލީ ޒާހިރު ވިދާޅުވި އެވެ. އަދި ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުން އެމެންބަރުންގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅާ ބައި އިލެކްޝަން ބާއްވަން އުޅުނަސް އެއީ ހަގީގަތް ނޫން ކަމަށާއި ސުޕްރީމް ކޯޓުގެ ހުކުމުން އެކަން ވަރަށް ސާފު ކަމަށެވެ.
އަލީ ޒާހިރު ވިދާޅުވީ ގާނޫނާ ހިލާފަށް ކަންކަން ކުރުމުގެ އެއްވެސް ހައިސިއްޔަތެއް އިލެކްޝަން ކޮމިޝަނަށް ލިބިފައި ނުވާ ކަމަށާއި ގާނޫނާ ހިލާފަށް އަމަލުކުރާ މީހުންނަށް ކޮންމެވެެސް ދުވަހަކުން ދައުވާ އުފުލޭނެ ކަމަށެވެ. ހައްގު ބަސް ބުނަން ގިނަ ބަޔަކު ބިރު ގަންނަކަން ފާހަގަކުރައްވަމުން އަލީ ޒާހިރު ވިދާޅުވީ ގާނޫނު އަސާސީ ނެގެހެއްޓުމަށް ދިވެހި ފުލުހުންނާއި ސިފައިންގެ އެއްބާރުލުން ވަރަށް ބޮޑަށް ބޭނުންވާ ކަމަށެވެ.
މި ޖަލްސާގައި ވާހަކަ ދައްކަވަމުން އެމްޑީޕީގެ ޔޫތު ވިންގުގެ ރައީސް މީކާއިލް ނަސީމް ވިދާޅުވީ އިސްލާމީ ދައުލަތެއްގައި ވެރިއެއްގައިގައި ހުންނަންޖެހޭ އެއްވެސް ސިފައެއް ރައީސް ޔާމިންގެ ނެތް ކަމަށެވެ. އަދި ރައީސް ޔާމިން ވެރިކަމަށް ވަޑައިގެންނެވި ފަހުން ރާއްޖޭގައި ނުހައްގުން އަނިޔާ އެއް ނުލިބޭ އާއިލާއެއް މަދު ކަމަށާއި، ޒުވާނުންނަށްޓަކައި ވެރިކަމާ ހަވާލުވެ ޒުވާނުންނަށް ވެސް ދެނީ އަނިޔާ ކަމުގައި ވިދާޅުވި އެވެ.
"ހަރާމް ފައިސާ ގެއަށް ވެއްދިކަމަށް ރައްޔިތުންގެ ކުރިމަތީގައި އެއްބަސްވެ ޒުވާނުންނަށް ދައްކާނެ އެއްވެސް ރިވެތި ސިފައެއް ރައީސް ޔާމިންގެ ނެތް" މީކާއިލް ވިދާޅުވި އެވެ.
އިލެކްޝަން ކޮމިޝަނަށް އުޅެނީ ސުޕްރީމް ކޯޓުގެ ހުކުމް އޮޅުންއަރައިގެން: އަލީ ޒާހިރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ