އެންމެންގެ ސުވާލު "ގެއިން ނިކުތުމުގެ ހުއްދަ ހޯދަން ކީއްކުރާ ކަރަންޓް މީޓަރު ނަމްބަރެއްތަ؟"

ކޮވިޑް-19 ކޮންޓްރޯލް ކުރަން މާލެ ފުރަބަންދުކޮށް، ފުލުހުންގެ ހާއްސަ ހުއްދައެއް ހޯދައިގެން ނޫން ގޮތަކަށް ގެއިން ނިކުތުން މަނާ ކޮށްފައި ވާއިރު ހުކުރު ދުވަހުން ފެށިގެން ދިން "ހާއްސަ ލުއިތަކާއި" އެކު މިވަނީ އެހެން ސުވާލެއް އުފެދިފައެވެ. ގެއިން ނިކުތުމުގެ ހުއްދައަށް އެދި ފުލުހުންނަށް ހުށަހަޅާއިރު މިހާރު ގޭގެ ކަރަންޓް މީޓަރުގެ ނަމްބަރު ދޭން ޖެހެއެވެ. އެއާއި އެކު އެންމެން ވެސް ކުރާ ސުވާލަކީ ގެއިން ނިކުތުމުގެ ހުއްދަ ހޯދަން ކީއްކުރާ ކަރަންޓް މީޓަރު ނަމްބަރެއް ހެއްޔެވެ؟
ކޮންމެ ކަމެއްގައި ވެސް އެންމެ ވަރުގަދަ އަށް ބަހުސްތައް ހިނގާ މީސް މީޑިއާގައި ކަރަންޓް މީޓަރުގެ ބަހުސް ވަނީ ވަރަށް ބޮޑު ވެފައެވެ. ކަރަންޓް މީޓަރުގެ ނަމްބަރު ޖަހައިގެން، ހުއްދަ ހޯދި ނަމަވެސް އެއީ ސައްހަ ހުއްދައެއްކަން މުޅިން ކަށަވަރު ކުރެވޭނެ އިތުރު ގޮތެއް ނޯންނާނެ ކަމަށް ބައެއް މީހުން ބުނެއެވެ.
"ގޭގައި ތިރީގައި ހުންނަ މީޓަރުގެ ނަމްބަރު ކޮންމެ އެޕާޓްމަންޓެއްގެ މީހަކަށް ވެސް ބަލާލެވިދާނެ. އަހަރެންގެ އެޕާޓްމަންޓް މީޓަރުގެ ނަމްބަރު ޖަހައިގެން މި ބިލްޑިންގްގެ އެހެން މީހަކު ގެއިން ނިކުމެގެން ދިޔަ ނަމަވެސް އެކަމެއް އެނގޭނެ ގޮތެއް ނެތް. ދެން އަހަރެން ހުއްދައަށް އެދުމުން މިބުނަނީ ތިގެއިން ހުއްދަ ނަގައިފިއޭ." މީހަކު ފޭސްބުކްގައި ލިޔުނު ދިގު ސްޓޭޓަސްއެއްގައި ވެއެވެ.
އެހެން މީހަކު ބުނީ ކަރަންޓް މީޓަރުގެ ނަމްބަރު ފުލުހުންނަށް ފޮނުވައިގެން ހުއްދަ ހޯދުމަށްވުރެ ފަސޭހަ ގޮތެއް އޮންނަން ވާނެ ކަމަށެވެ.
ބައެއް މީހުންނަށް ވަނީ ކަރަންޓް މީޓަރުގެ ނަމްބަރު ހޯދުން ވެސް ބޮޑު ކަމަކަށް ވެފައެވެ. ކަރަންޓް މީޓަރުގެ ރަޖިސްޓްރީ ނަމްބަރު މީޓަރު ކައިރީގައި، އަދި ކަރަންޓް ބިލްގައި ވެސް ޖަހާފައި އިނދެއެވެ. އެހެންކަމުން އެ ނަމްބަރު ހޯދުން އެއީ ދަތިކަމަކަށް ވެގެން ނުވާނެއެވެ.
ކަރަންޓް މީޓަރުގެ ނަމްބަރު ފުލުހުންނަށް ދީގެން ހުއްދަ ހޯދުމަށް ތާއިދުކޮށް ވެސް ބައެއް މީހުން ވާހަކަ ދައްކައިފައިވެއެވެ. ރައްޔިތުން މަޖިލީހުގެ ކުރީގެ މެންބަރު ރުކުމާ އަހްމަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބޭރަށް ނިކުތުމާއި ކަރަންޓް މީޓަރާއި ގުޅުން އެބަހުރި ކަމަށެވެ. "އައިޑީ ކާޑް ނަމްބަރު ޖެހީމަ ދިރިއުޅޭ ގެ ނޭންގިދާނެ. ވަގުތީ އެޑްރެސްގައި ގިނަ ފަހަރު ބައިވަރު ގޭބިސީ (އެޕާޓްމަންޓް) ހުރޭ. ކުޑަ އުނދަގުލެއް ކުރިމަތިވާނެ. ނަމަވެސް ކުޑަކުޑަ ލުޔެއް ލިބޭ." ރުކުމާ ވިދާޅުވިއެވެ.
ކަރަންޓް މީޓަރުގެ ނަމްބަރު ދީގެން ފުލުހުންގެ ހުއްދަ ހޯދަން ޖެހޭތީ ޓްވިޓާގައި މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްކަވަމުން އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ފައިރޫޒް ވިދާޅުވީ ކަރަންޓް މީޓަރުގެ ނަމްބަރު ދީގެން ހުއްދަ ހޯދުން އެއީ "އެންމެ ސްމާޓް ގޮތައް ނުވެދާނެ" ކަމަށެވެ. ނަމަވެސް އެއީ މިކަން ކުރެވެން އޮތް އެންމެ ރަނގަޅު ގޮތް ކަމަށް އޭނާ ގަބޫލު ކުރައްވައެވެ.
ކޮވިޑް-19 އާއި ގުޅިގެން ކުރިމަތިވެފައިވާ ކަންކަމުން ދަސްވެފައިވާ އެއް ފިލާވަޅަކީ މާލޭގައި ފުރިހަމަ ނުވާ އެތައް ކަމެއް އެބަހުރި ކަމެވެ. އޭގެ ތެރެއިން އެއް ކަމަކީ މާލޭގެ ގޭގޭގައި ދިރިއުޅޭ މީހުންގެ މައުލޫމާތު ރަސްމީ އެއްވެސް އިދާރާއަކަށް ނޭނގުމެވެ. މިފަދަ ހާލަތެއް ދިމާވެދާނެ ކަމަށް ރަސްމީ އިދާރާތައް ތައްޔާރެއް ނޫނެވެ. އެހެންކަމުން ވަގުތާއި ހާލަތުގެ ގޮތުން ބައެއް ކަންކަން އެންމެ ފުރިހަމަ ނުވެދާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ