ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަލީ ހަމީދާއި، ޖަލުގައި ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ގޭބަންދަށް ބަދަލުކުރަން ޖެހޭކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު އަހްމަދު ފާއިޒު ހުސައިން ވިދާޅުވެއްޖެ އެވެ.
އަބްދުﷲ ސައީދުގެ ކޮއްކޮ އިބްރާހީމް ސައީދު ގިނިކަންޏާ ކުރެއްވި އިހްތިޖާޖެއްގެ ހަބަރު ފާއިޒުގެ ފޭސްބުކް ޕޭޖުގައި ޝެއާ ކުރައްވަމުން އޭނާ ވިދާޅުވީ އަބްދުﷲ ސައީދާއި އަލީ ހަމީދު ހައްޔަރުކުރެވުނު ރެއާ ޖެހިގެން އައި ދުވަހު މި ދެ ބޭފުޅުންގެ އަނބިކަނބަލުންނަށް ވަކިން ގުޅުއްވާ، މި ދެ ބޭފުޅުން ހައްޔަރުކުރުމަކީ ސިޔާސީ ގޮތުން ކުރެވުނު ކަމެއް ކަމަށް ދަންނަވާފައިވާނެ ކަމަށެވެ. ނަމަވެސް ގާނޫނީ މަގު އިހްތިޔާރުކޮށް ކުރެވިދާނެ ކަންކަމާ ބެހޭ މަޝްވަރާ އެރުވިފައިވާނެ ކަަމަށްވެސް ވިދާޅުވި އެވެ.
ފާއިޒު އިތުރަށް ވިދާޅުވީ އަދި އެކި ގޮތްގޮތަށް ސިޔާސީ ބޭފުޅުން މިނިވަމުންދާއިރު މި ދެ ބޭފުޅުން ގެއަށް ބަދަލުކުރެވޭނެ އިންސާފުވެރި މަގެއް ހޯދަންޖެހޭ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
އަބްދުﷲ ސައީދާއި އަލީ ހަމީދު ހައްޔަރުކުރީ މިއަަހަރުގެ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު ސިޔާސީ ނުވަ ބޭފުޅަކު މިނިވަންކުރުމަށް ގޮވާލައި، އަބްދުﷲ ސައީދާއި އަލީ ހަމީދާއި އަދި މިހާރުގެ އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ ހިމެނޭ ގޮތަށް ސުޕްރީމް ކޯޓުގައި އޭރު ތިއްބެވި ފަސް ފަނޑިޔާރުން ސޮއި ކުރައްވާ ނެރުއްވި ވަރުގަދަ އަމުރު ތަންފީޒު ކުރުމަށް ސަރުކާރުން ދެކޮޅު ހެދުމަށްފަހު، ފެބްރުއަރީ މަހުގެ ފަސްވަނަ ދުވަހުގެ ރޭ ސުޕްރީމް ކޯޓުގައި ތިއްބަވަނިކޮށް ސިފައިން ބާރުގެ ބޭނުންކޮށްގެން ސުޕްރީމް ކޯޓަށް ވަނުމަށްފަހު އެވެ.
ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ގޭބަންދަށް ބަދަލުކުރަންޖެހޭ: ފާއިޒް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ