ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު ގާސިމް އިބްރާހިމް ސަރުކާރުން ބޭރު ކުރުމަށް ވެރިކަންކުރާ އެމްޑީޕީގެ އެންމެ ސީނިއާ އެއް މެންބަރު އަދި އެޕާޓީގެ އިންޓަނޭޝަނަލް ސްޕޯކްސްޕާސަން ޚާމިދު އަބްދުލްޣަފޫރު ގޮވާލައްވައިފިއެވެ.
ވިލާ ކުންފުންޏަށް ސަރުކާރުން ކުރިން ދީފައި އޮތް ރަށްތައް އަތުލި މައްސަލަ ސުޕްރީމް ކޯޓުން ވިލާ އާއި އެއްކޮޅަށް ނިމިފައި ވާތީ އެރަށްތައް ވިލާ އާއި ހަވާލު ކުރުމުގެ މަަސައްކަތް ކުރިއަށްދާ ކަމަށް ޓްއަރިޒަމް މިނިސްޓްރީން ވިދާޅުވުމުން ޚާމިދު ވަނީ ގާސިމް ފަނޑިޔާރުންނަށް ރިޝްވަތު ދޭ ކަމަށް ވެސް ވިދާޅުވެފައެވެ.
ޚާމިދު ވިދާޅުވީ "މަޖިލިސް ރައީސް އަކަށް އިނދެ، އަމިއްލަ ވިޔަފާރި މަސްލަހަތު ދަމަހައްޓަން ފަނޑިޔާރުންނަށް ރިޝްވަތުދީ، ވަޒީރުންގެ މަޖިލިސް އަށް އަރައިގަނެ، ރައްޔިތުންގެ މަޖިލިސްގެ ގޮނޑިއަށް ކިޔާ، ދައުލަތައް ނުރައްކަލަކަށް (ގާސިމް) ވެއްޖެ." ކަމަށެވެ.
ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ގާސިމްގެ ވިލާ ކުންފުނިން އަތުލަން ނިންމި ރަށްތަކުން ދައުލަތައް 2.9 ބިލިއަން ރުފިޔާ ދައްކަން ޖެހިފައި އޮތެވެ. ނަމަވެސް ސުޕްރީމް ކޯޓުން ވިލާ އާއި އެއްކޮޅަށް މައްސަލަ ނިންމުމުން އެފައިސާ ވިލާ އިން ދައުލަތައް ދައްކާކަށް ނުޖެހޭނެއެވެ.
ރިސޯޓް ހަދަން ދޫކޮށްފައިވާ އެތައް ރަށެއް ވިލާ ކުންފުނިން އަތުލިއިރު އޭގެ ތެރެއިން ބައެއް ރަށްރަށުގައި ރިސޯޓް ހަދަން ދޫކުރިތާ ވިއްސަކަށް އަހަރު ވެއްޖެއެވެ. ނަމަވެސް އެރަށްރަށުގައި މަސައްކަތް ވެސް ފަށާފައެއް ނުވެއެވެ.
ވިލާ އާއި ރަށްތައް ހަވާލު ކުރުމުގެ މަސައްކަތް ސަރުކާރުން ފަށާފައި ވާއިރު ޓްއަރިޒަމް މިނިސްޓަރު އަލީ ވަހީދަކީ ޖުމްހޫރީ ޕާޓީގެ ރައީސް އެވެ.
ޚާމިދުގެ ގޮވާލުން "ގާސިމް ބޭރުކުރޭ!"
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ