އަންހެނަކު ރަޖަމް ކުރަން ކުރި ހުކުމް ސުޕްރީމް ކޯޓުން ބާތިލްކޮށްފި

ޒިނޭކުރިކަން ސާބިތުވި އަންހެނަކު ރަޖަމް ކުރަން ޅ. ނައިފަރު މެޖިސްޓްރޭޓް ކޯޓުން ކުރި ހުކުމް ސުޕްރީމް ކޯޓުން މިއަދު ބާތިލް ކޮށްފިއެވެ.
ޒިނޭކުރިކަން ސާބިތުވި މީހާ ރަޖަމް ކުރުމަށް ނައިފަރު މެޖިސްޓްރޭޓް ކޯޓުން ހުކުމްކުރީ އިއްޔެއެވެ. އެ ހުކުމްކުރީ އެ ކޯޓުގެ އިސް ގާޒީ ޝައިހު މުހައްމަދު މޫސާއެވެ.
އެ ހުކުމާ ގުޅޭގޮތުން ސުޕްރީމް ކޯޓުން މިއަދު ނެރުނު އަމުރެއްގައި ބުނީ، އެ ހުކުމް ބާތިލް ކުރަން އެ ކޯޓުން ނިންމީ އެ މައްސަލައިގެ ޝަރީއަތް މެޖިސްޓްރޭޓް ކޯޓުގައި ހިންގައި ހުކުމް އިއްވާފައިވަނީ އެ ގަޒިއްޔާގެ ދައުވާގައި ޕީޖީ އޮފހުން ހަވާލާދީފައިވާ ޖިންސީ ކުށުގެ ގާނޫނުގެ 27 ވަނަ މާއްދާއާ ހިލާފަށް ކަމަށް ވާތީ ކަމަށެވެ.
މީގެ ތިން އަހަރު ކުރިން، ގއ. ގެމަނަފުށީ މެޖިސްޓްރޭޓު ކޯޓުން ވެސް ޒިނޭގެ ކުށް ސާބިތުވި މީހަކު ރަޖަމް ކުރަން ހުކުމެއް ކުރިއެވެ. ނަމަވެސް އެ ހުކުމް ކުރިތާ ގަޑިއެއްހާއިރު ނުވަނީ ސުޕްރީމް ކޯޓުން ވަނީ އެ ހުކުމް ބާތިލްކޮށްފައެވެ.
ސުޕްރީމް ކޯޓުން އޭރު އެ މައްސަލަ ބާތިލު ކުރީ ޝަރުއީ އަދި ގާނޫނީ އުސޫލާ ހިލާފަށް ކުރި ހުކުމެއް ކަމަށް ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ