ސަބްސިޑީއަކީ ގައުމުގެ އިޖުތިމާއީ އަދި އިގުތިސާދީ ހާލަތު ރަގަޅުކުރުމަށްޓަކައި ރައްޔިތުންނަށް މާލީގޮތުން އެހީތެރިވެދިނުމަށް ގައުމުތަކުގައި ދީއުޅޭ އިނާޔަތެކެވެ. މި އިނާޔަތް އެކި ނަންނަމުގައި އެކި ކަންކަމަށް ރާއްޖޭގައި ވެސް ދީއުޅެއެވެ. އޭގެ ތެރެއިން އެކައްޗަކީ ކަރަންޓު ސަބްސިޑީއެވެ. ކަރަންޓު ސަބްސިޑީ ދިނުމަށްޓަކައި ރައްޔިތުންގެ މަޖިލީހުން މިއަހަރަށް ފާސްކުރި ދައުލަތުގެ ބަޖެޓުގައި ވެސް 518 މިލިއަން ރުފިޔާ ހިމަނާފައިވެ އެވެ.
ގިނަ ދުވަސްތަކެއް ވަންދެން ސަރުކާރުން އާންމުކޮށް ހުރިހާ ރައްޔިތުންނަށް ދެމުންއައި މި އިނާޔަތް ވަކި އުސޫލަކަށް ފައްތައި ވިޔަފާރިތަކަށް ސަބްސިޑީ ކަނޑާލުމާ ގުޅިގެން ރައްޔިތުންގެ ތެރޭގައި މިވަނީ ވަރަށް ބޮޑަށް ހިތްހަމަނުޖެހުމެއް އުފެދިފަ އެވެ. ރައްޔިތުންގެ ދިރިއުޅުމުގެ ހުރިހާ ކަމެއް ކަހަލަ ގޮތަކަށް ސަބްސިޑީއަށް ބިނާކޮށްފައި ވަނިކޮށް ކަރަންޓަށް ދެމުން އައި ސަބްސިޑީ އޭގެ ހައްގުވެރިންނަށް ދިނުމަށް ކަމަށް ބުނެ ސަރުކާރުން މިވަނީ ފިޔަވަޅުތަކެއް އަޅަން ފަށާފަ އެވެ. އެގޮތުން ކަރަންޓު ސަބްސިޑީއަށް އެދި އަލުން ރަޖިސްޓްރީ ނުކުރާ ފަރާތްތަކުގެ ސަބްސިޑީ ކަނޑާލުމަށާއި ވިޔަފާރީގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ ތަންތަނަށް ދެމުންއައި ސަބްސިޑީ މުޅިން ހުއްޓާލުމަށް ވަނީ ނިންމާފަ އެވެ. މި ނިންމުމާ ގުޅިގެން ރާއްޖޭގެ ރަށްރަށުގައި ވަނީ ސިލްސިލާ މުޒާހަރާތަކެއް ވެސް ފެށިފަ އެވެ.
މިވަގުތަށް މިކަމުގައި އެންމެ ބޮޑަށް އަޑުއުފުލަނީ ވިޔަފާރިވެރިންނެވެ. އެއީ ވިޔަފާރިތަކަށް ދެމުންއައި ކަރަންޓު ސަބްސިޑީ މާޗު މަހުން ފެށިގެން ކަނޑާލާފައި ވާތީ އެވެ. ކަރަންޓު ބިލު ދެގުނަ ތިންގުނަ މައްޗަށް އަރައިގެން ދިއުމުން ބައެއް ރަށްރަށުގައި ފިހާރަތަކާއި ހޮޓާތައް ވަނީ ބަންދުވެސް ކޮށްފަ އެވެ. މި މައްސަލައަށް ސަރުކާރުން ހައްލެއް ގެންނަންދެން ކަރަންޓު ބިލު ނުދައްކާނެ ކަމަށް ވެސް ބައެއް ވިޔަފާރިވެރިން ބުނެ އެވެ. ބައެއް ރަށްރަށުގެ ކައުންސިލްތަކުން ވަނީ ސަރުކާރުން އެޅި ފިޔަވަޅަށް ރައްދު ދިނުމުގެ ގޮތުން ކަރަންޓާއި ފެނުގެ ޚިދުމަތް ދިނުމުގެ ޒިންމާއާއި ހަވާލުވެފައިވާ ފެނަކަ ކޯޕަރޭޝަނަށް ދޫކޮށްފައިވާ ބިންތަކަށް ކުލި ނެގުމަށް ވެސް ނިންމާފަ އެވެ. އަދި ފެނަކަ ގޮވައިގެން ކޯޓަށް ދިއުމަށް ވެސް ނިންމާފައިވެ އެވެ. ކަރަންޓު ބިލު ބޮޑުވުމާ ގުޅިގެން ބައެއް ރަށްރަށުގައި ވަނީ ތަކެތީގެ އަގު ވެސް ބޮޑުކޮށްފަ އެވެ. ވިޔަފާރިވެރިން ބުނަނީ ފިޔަވަޅު އެޅިޔަސް މުދަލުގެ އަގު ބޮޑުނުކޮށް ވިޔަފާރިތައް ދެން ނުހިންގޭނެ ކަމަށެވެ.
"އިކޮނޮމިކް މިނިސްޓަރު ވިދާޅުވަނީ އަގުބޮޑު ކުރަންޏާ ފިޔަވަޅު އަޅާނަމޭ. އެކަމަކު އަޅުގަނޑުންނަށް ލިބޭ ގެއްލުން ފޫބައްދަން އިތުރު ގޮތެއް ނެތް. ސަރުކާރުން ހަވާލުވާންވީ ނޫންތޯ ވިޔަފާރިތަކާ މުދަލުގެ އަގުބޮޑުނުކޮށް ރައްޔިތުންނަށް ޚިދުމަތް ދޭން. އަޅުގަނޑުމެންގެ މައްސަލައެއް ނެތް ކަރަންޓަށް މިވަރު ބޮޑު އަދަދެެއް ދައްކައިގެން، މުދަލުގެ އަގުބޮޑު ނުކޮށް ހިންގެންޏާ ސަރުކާރުން އެކަން ކުރަންވީ" އައްޑޫ ސިޓީގެ ވިޔަފާރިވެރިއަކު ބުންޏެވެ.
ކަރަންޓުގެ އަގު ބޮޑުވުމުން ރައްޔިތުން ރުޅިއައިސް މުޒާހަރާ ފެށުމުން ފެނަކަ ކޯޕަރޭޝަނުން ބުނީ ރަށްރަށުގެ ވިޔަފާރި ކުރާ ތަންތަނުގެ ކަރަންޓު ބިލު ބޮޑުވެ މައްސަލަ އުފެދުނީ އެތަންތަނުން ނަގަންޖެހޭ ހަމަ ރޭޓުން ބިލު ކުރުމުން ކަމަށެވެ. 2009 ވަނަ އަހަރު ސަރުކާރުން ވަނީ ކަރަންޓުގެ އަގު ނެގުމަށް ރޭޓުތަކެއް ފާސްކޮށްފަ އެވެ. އެ ރޭޓުތަކަށް މިހާރު އަމަލުކުރަން ފަށާފައިވާއިރު ރާއްޖޭގެ އެކި ހިސާބުތަކުގެ ރަށްތަކުން ނަގާ އަގުގައި ތަފާތުތަކެއް އެބަހުއްޓެވެ. މިގޮތަށް އެކި ރަށްރަށުން އެކި މިންވަރަށް ފީނެގުމަކީ ގާނޫނު އަސާސީން ލިބިދޭ ހަމަހަމަކަމުގެ ހައްގާއި ވެސް ޚިލާފު ކަމެއް ކަމަށް ބައެއް ރައްޔިތުން ގަބޫލުކުރެ އެވެ.
"ރިޕަބްލިކް އޮފް މާލެ ސިޓީ ކިޔާ ތަނެއް ނޯންނާނެ. ރިޕަބްލިކް އޮފް އައްޑޫ ސިޓީ ކިޔާ ތަނެއް ނޯންނާނެ. ރިޕަބްލިކް އޮފް ކުޅުދުއްފުށި ކިޔާ ތަނެއް ވެސް ރާއްޖެއަކު ނޯންނާނެ. ހައްތަހާވެސް އޮންނާނީ ރިޕަބްލިކް އޮފް މޯލްޑިވްސް. އެހެންވީމަ ކޮންމެ ތާކު ހުއްޓަސް ކޮންމެ ރައްޔިތަކަށް ވެސް އެއްހަމަހަމައަކުން ޚިދުމަތް ލިބެންޖެހޭނެ" ކުޅުދުއްފުށީ ވިޔަފާރިވެރިއަކު ބުންޏެވެ.
ރައްޔިތުންނަށް ޚިދުމަތް ލިބުމުގައި ތަފާތުތަކެއް ހުރި ކަމުގެ ޝަކުވާ ރައްޔިތުންގެ ފަރާތުން ކުރި ނަމަވެސް، ސަރުކާރުން ފޯރުކޮށްދޭ ޚިދުމަތާއި ތަރައްގީ ފޯރުކޮށްދިނުމުގައި އެއްވެސް ރައްޔިތަކު ތަފާތު ނުކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ވިދާޅުވެފައިވެ އެވެ. ފެނަކަ ކޯޕަރޭޝަނުން ގެނައި 77 ޖަނަރޭޓަރު ރަށްރަށާއި ހަވާލުކުރުމަށް 2014 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 24 ވަނަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވިދާޅުވީ މިސަރުކާރަކީ ރައްޔިތުންގެ މެދުގައި ތަފާތު އޮންނަންޖެހޭކަން ދަންނަ ސަރުކާރެއް ނޫން ކަމަށެވެ.
"މިސަރުކާރުގައި އެއްވަނަ ދަރަޖައިގެ ރައްޔިތުންނާއި ދެވަނަ ދަރަޖައިގެ ރައްޔިތުންނެއް ނުތިބޭނެ. ސަރުކާރުން ފޯރުކޮށްދޭ ޚިދުމަތްތަކާއި ތަރައްގީ ފޯރުކޮށްދިނުމުގައި ހުރިހާ ރައްޔިތުންނަކީ ވެސް އެއްވަނަ ދަރަޖައިގެ ރައްޔިތުން" މާލޭގެ ރައްޔިތުންނާއި އެހެން ރަށްރަށުގެ ރައްޔިތުންނާއި މެދު ތަފާތުކުރުންތަކެއް ކޮންމެ ސަރުކާރަކުން ވެސް ގެންގުޅޭ ކަމަށް ދެކެވޭ ވާހަކަތަކަށް ރައްދުދެއްވައި ރައީސް ޔާމީން ވިދާޅުވި އެވެ.
ވިޔަފާރީގެ ގޮތުގައި ރަޖިސްޓްރީ ކޮށްފައިވާ ތަންތަނުގެ ކަރަންޓު ސަބްސިޑީ މާޗު މަހުން ފެށިގެން ކަނޑާލާފައިވާއިރު އާންމު ގޭބިސީތަކުން ކަރަންޓު ސަބްސިޑީއަށް އަލުން ރަޖިސްޓްރީ ކުރުމަށް އޭޕްރީލް މަހުގެ ނުވަވަނަ ދުވަހާއި ހަމައަށް ސަރުކާރުން ހުޅުވާލި އެވެ. އެމުއްދަތު ހަމަވާން އެއް ދުވަހަށް ވެފައި އޮއްވާ، ރަޖިސްޓްރީ ވުމަށް ދިގު ކިޔޫތައް ހަދާފައި ވަނިކޮށް ސަރުކާރުން ވަނީ އިތުރު އެއްމަސް ދުވަހަށް އެ މުއްދަތު އިތުރުކޮށްފަ އެވެ. ރައްޔިތުން ބުނަނީ ސަބްސިޑީ ފޯމު ފުރުމަށް ތަރުހީބު ކުޑަވަނީ އެ ފޯމުގައި ހިމަނާފައިވާ މައުލޫމާތުތަކެއްގެ ސަބަބުން ކަމަށެވެ.
"އޭގައި އެބައޮވޭ އެއްވެސް މައުލޫމާތެއް ގޯސްވެއްޖެނަމަ ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް އެމީހަކާ މެދު. އެހެންކަމަށްވާނަމަ އެއްވެސް މީހަކަށް ނޭނގޭ މިއަދު ތިމާއަށް އަޅާނީ ކޮން ފިޔަވަޅެއް ކަމެއް. ތިމާ އިންނަން ޖެހޭނީ ޖަލުގައި ކުޑަގޮޅީގައި ނޫން ކަމެއް. އެހެންވެ ކަމަށް ބެލެވެނީ ރައްޔިތުން އެ ފޯމު ނުފުރައި ލަސްކުރަނީ" އާންމު ރައްޔިތަކު ބުންޏެވެ.
ކަރަންޓު ސަބްސިޑީއަށް އެދި ހުށަހަޅާ ފޯމުގައި ގޭބިސީގެ އާމްދަނީއާއި ޚަރަދުތަކާ ބެހޭ ގިނަ މައުލޫމާތުތަކެއް ފުރަން ޖެހެ އެވެ. އަދި ސަބްސިޑީއަށް އެދޭ ފަރާތުން ދޭ މައުލޫމާތަކީ ތެދު މައުލޫމާތުކަން ސާބިތުކޮށްދިނުމަށް އޭގައި ހާއްސަ އިގުރާރެއް ވެސް ވެއެވެ.
"މިފޯމުގައި މިވާ މައުލޫމާތަކީ ތެދު މައުލޫމާތު ކަމަށް އަޅުގަނޑު އިގުރާރުވަމެވެ. އަދި ދޮގު މައުލޫމާތު ދިނުމަކީ ގާނޫނުލްއުގޫބާތުގެ ޗެޕްޓަރު 3 ގެ ނަމްބަރު 62-68 ގެ ދަށުން ކުށެއް ކަމުގައި އަޅުގަނޑު ގަބޫލުކުރަމެވެ. އަދި ދޮގު މައުލޫމާތެއް ގަސްދުގައި ހުށަހަޅާފައިވާނަމަ އެކަމެއް ބެލުމަށް ފަހު ގާނޫނީ ފިޔަވަޅު އެޅިދާނެކަން ގަބޫލުކޮށް އެގޮތަށް އިގުރާރު ވަމެވެ" ސަބްސިޑީއަށް އެދި ހުށަހަޅާ ފޯމުގައިވާ އިގުރާރުގައި ވެއެވެ.
ވިޔަފާރީގެ ގޮތުގައި ރަޖިސްޓްރީ ކޮށްފައިވާ ތަންތަނުން ކަރަންޓު ސަބްސިޑީ ކަނޑާލުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާއާއި އިކޮނޮމިކް މިނިސްޓްރީއާއި އެންސްޕާއަށް ހުށަހެޅުމަށް އެކި ރަށްރަށުން ދަނީ ޕެޓިޝަންތައް ހަދަމުންނެވެ. އަދި މިކަމާއި ގުޅިގެން ބައެއް ރަށްރަށުގެ ވިޔަފާރިވެރިންގެ ފަރާތުން ރައީސަށް މިހާރުވެސް ވަނީ ސިޓީތައް ހުށަހަޅާފައެވެ. ނަމަވެސް އަދި އެއިން ސިޓީއަކަށް ޖަވާބު ނުލިބޭ ކަމަށް އެމީހުން ބުނެ އެވެ.
ކަރަންޓު ސަބްސިޑީއަށް ކުރަންޖެހޭ ޚަރަދު ބޮޑުވުމާއި އެއްވެސް އުސޫލެއް އަމާޒެއް ނެތި އެކަން ކުރެވޭތީ އެކަމަށް ބަދަލުތަކެއް ގެންނާނެކަން ސަރުކާރުން ވަނީ ކުރިއްސުރެ އިއުލާންކޮށްފަ އެވެ. އަދި އެބަދަލު އަންނައިރު ކަރަންޓުގެ އަގުހެޔޮކޮށް ރައްޔިތުންނަށް ލުއިފަސޭހަ ގޮތްތަކެއް ހަމަޖައްސާނެ ކަމަށް ރައީސް ޔާމީން ވެސް ވިދާޅުވި އެވެ. ސަބްސިޑީ ދޫކުރާނީ އެކަމަށް ކަނޑައަޅާ އުސޫލެއްގެ ދަށުން އެ އިނާޔަތް އެންމެ ހައްގުވެރި ފަރާތްތަކަށް ކަމަށް ވެސް ސަރުކާރުން ބުނެ އެވެ. ނަމަވެސް މިއަދާއި ހަމައަށްވެސް އެ ބުނާ އުސޫލު އެކުލަވާލެވިފައި ނުވާކަން ފާހަގަކުރެވެ އެވެ.
ކަރަންޓު ސަބްސިޑީ ކަންތައް ނިމޭނީ ކިހިނެއް؟
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ