ޖުމްހޫރީ ޕާޓީގެ ލީޑަރު، ގާސިމް އިބްރާހީމް އަނެއްކާވެސް ކުއްލިގޮތަކަށް ބަލިވެ ބޭސްފަރުވާކުރަން ފަށައިފިއެވެ.
ގާސިމް މިކަން ހާމަކޮށްފައިވަނީ، ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވުމުން ފިލައިގެން އުޅޭ މައްސަލައިގައި ފުލުހަށް ހާޒިރުވުމަށް ކުރިގެ ރައީސް މުޙައްމަދު ނަޝީދާއި، ގާސިމް އާއި ދެބޭފުޅުންނަށް ފުލުހުން ޗިޓު ފޮނުވާފައިވާ ދަނޑިވަޅެއްގައި އެކަމަށް ޖަވާބުދެއްވަމުންނެވެ.
ބޭސްފަރުވާއަށް ކަމަށް ވިދާޅުވެ، ސިިންގަޕޫރަށް ވަޑައިގެން އެއަށްފަހު މިހާރު ޖަރުމަނަށް ދިރިއުޅުން ބަދަލުކޮށް އެޤައުމުގައި ވަޒަންވެރިވެވަޑައިިިގެން އުޅުއްވާ ގާސިމަށް ފުލުހުން ފޮނުވި ޗިޓަށް ޖަވާބު އަރުވަމުން ގާސިމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، "އަޅުގަނޑު މިހުރީ ބޭސްފަރުވާގައި" ކަމަށެވެ. އަދި އެއީ ދައުލަތުގެ ކަމާއި ބެހޭ އިދާރާތަކުގެ މައްޗަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ އަމުރެއްގެ ދަށުން ލިބިފައިވާ ހުއްދައެއް ކަމަށްވެސް ގާސިމް ފާހަގަކުރެއްވިއެވެ.
ގާސިމް މިގޮތަށް ވިދާޅުވިއިރު، ޖަލު ޙުކުމެއްގައި މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުގައި ހުންނެވުމަށްފަހު، ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް ދިއުމަށް ގާސިމަށް ހުއްދަ ދީފައިވާ މުއްދަތު ހަމަވެގެން ގިނަ ދުވަސްތަކެއް ވަނީ ވެގެން ގޮސްފައެވެ.
ގާސިމް ޖަލުން ފިލާފައި ވަނީ ހިތުގެ އާލާސްކަންފުޅެއްގައި ކަމަށް ވިދާޅުވެ އެވެ. އެއަށްފަހު ސިންގަޕޫރުގައި ފަރުވާ ހޯއްދަވައިގެން، ރާއްޖެއަށް ފްލައިޓުގައި ވަޑައިގަނެވޭވަރަށްވުރެ ހާލު ދެރަކަށް ވިދާޅުވެ ބޭސްފަރުވާއަށް ދިން މުއްދަތު ހަމަވެގެން ދިޔައިރުވެސް އެޤައުމުގައި ހުންނެވިއެވެ. މިގޮތަށް ގާސިމް ވިދާޅުވި ދުވަސްކޮޅު، އޭނާ ސިންގަޕޫރުގެ ބާޒާރެއްގެ ތެރޭގައި ހުންނަވަނިކޮށް މީހަކު ނަގާފައިވާ ފޮޓޯއެއްވެސް ޢާންމުވެފައި ވެއެވެ.
ދަތުރު ކުރެވޭ ވަރަށް ބަލި ހާލަތު ތަން ނުދޭކަމަށާއި، ހާލު ދެރަކަމުން ފްލައިޓުން ދަތުރުކުރުމަށް އެއާލައިނުން ހުއްދަ ނުދޭކަމަށް ވިދާޅުވެ ރާއްޖެ ވަޑައިނުގަނެވި ސިންގަޕޫރުގައި ގާސިމް ތާށިވެފައިވާ ކަމަށް ޖޭޕީން ދިޔައީ ބުނަމުންނެވެ. އެހެނަސް މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި ސުޕްރީމް ކޯޓުން ނެރުނު ކުއްލި އަމުރާއި އެކު، ފްލައިޓުގައި ދަތުރުކުރެވޭ ވަރު ވެއްޖެ ކަމަށް ވިދާޅުވެ ރާއްޖެ އައުމަށް ގާސިމް ތައްޔާރުވެވަޑައިގަތެވެ.
ނަމަވެސް ރާއްޖޭގެ އިދިކޮޅު ފަރާތްތަކުން އެދުވަހު ކުރަން އުޅުނު ބަޣާވާތް ނާކާމިޔާބުވުމުން ބޭރުގައި ގާސިމް ވަޒަންވެރިވެ މިހާރު ދިރިއުޅުއްވަމުން ގެންދަވަނީ ޖަރުމަނުގައެވެ. ޖަރުމަނުގައި ހުންނަވައިގެން ގާސިމް ގެންދަވަނީ ސިޔާސީ ހަރަކާތްތަކާއި ޖަލްސާތައްވެސް ބާއްވަމުންނެވެ. ގާސިމަށް އަނެއްކާވެސް ބަލިވެގެން ފަރުވާދެމުންދާކަން ޓްވީޓާ މެދުވެރިކޮށް ހާމަކުރެއްވި ނަމަވެސް، ފަރުވާދެމުންދަނީ ކޮން ކަމަކަށް ކަމެއް އަދި އެނގިފައެއް ނުވެއެވެ.
ގާސިމް އަނެއްކާވެސް ކުއްލިއަކަށް ބަލިވެ ބޭސްފަރުވާ ކުރަން ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ